މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުގެ ޤާނޫނު މިހާރު އޮތް ގޮތުން ބައެއް ކަންތައްތައް ނިންމުމުގައި ދަތިތަކެއް ކުރިމަތިވަމުންދާކަމަށް އެ ކޮމިޝަނުން ވިދާޅުވެއްޖެއެވެ.ޕީ.އެސް.އެމް.ގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން އެ ކޮމިޝަނުގެ ނާއިބު ރައީސް ޢަބްދުﷲ ޝުޖާއު ވިދާޅުވީ، މި ކަންތައްތައް ޙައްލު ކުރެއްވުމަށް މިހާރު ސަރުކާރުގެ ކަމާބެހޭ އިދާރާތަކާއި މަޝްވަރާ ކުރައްވަމުން ގެންދަވާކަމަށެވެ. ޝުޖާޢު ވިދާޅުވީ، ކުރީގެ ޙާލަތަށް ބަލާއިރު ބްރޯޑްކާސްޓިންގ ޤާނޫނަކީ ފުރިހަމަ ޤާނޫނެއް ކަމަށާއި، ނަމަވެސް މިހާރުގެ ޙާލަތައް ބަލާއިރު މި ޤާނޫނަކީ އެކަށީގެންވާ ޤާނޫނެއް ނޫންކަމަށެވެ. އަދި، ޤާނޫނަށް ބޮޑެތި އިޞްލާޙްތަކެއް ގެންނަވަން ޖެހިފައިވާކަމަށާއި، ޤާނޫނު އިޞްލާޙުކުރެއްވުމުން ކޮމިޝަނަށް ކުރިމަތިވެވަޑައިގެންފައިވާ ގިނަ ހުރަސްތަކަކަށް ޙައްލު ލިބިގެންދާނެކަމަށް ޤާބޫލްކުރައްވާކަމަށް ޝުޖާޢު ވިދާޅުވިއެވެ.ބްރޯޑްކާސްޓް ކުރުމަށް ދޫކުރައްވާފައިވާ ލައިސެންސްގެ މަޤްޞަދާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޝުޖާޢު ވިދާޅުވީ ބްރޯޑްކާސްޓް ކުރުމުގެ ލައިސަންސް ދެއްވާފައިވާނީ މި ޤައުމުގެ ލާބަޔާއި ރައްޔިތުން ހޭލުންތެރިކަން އިތުރުކުރުމާއި މުނިފޫހިފިލުވައި ދިނުމަށްކަމަށެވެ. އަދި ފަސާދައާއި ދޮގު މަޢުލޫމާތު ފެތުރުން އެއީ އެކޮމިޝަނުން ވަކި އެއްޗެއް ވިދާޅުވިކަމުގައި ނުވިނަމަވެސް ރަނގަޅަށް ކުރަންޖެހޭ ކަމެއްކަމަށް ޝުޖާއު ވިދާޅުވިއެވެ.ސިހުރާ ބެހޭގޮތުން ރާއްޖޭގެ ބައެއް ބްރޯޑްކާސްޓަރުން މިހާރަކަށްއައިސް ކޮންޓެންޓް ގެނެސްދޭތީ، އެކަމުގެ ސަބަބުން މުޖުތަމަޢުގައި ފިތުނަ ފަސާދަ އުފެދެމުންދާތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށް ބައެއް ފަރާތްތަކުން އެ ކޮމިޝަނަށް ޝަކުވާ ހުށަހަޅަމުންދާ ކަމަށްވެސް ޝުޖާޢު ވިދާޅުވިއެވެ.