ޚަބަރު

ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ރާއްޖެއަށް ހާސިލް ވާނެ


ސާސްކަފްގެ ލަނޑުދަނޑިތައް ޙާޞިލްކުރުމުގައި ރާއްޖެއިން ހޯދާފައިވާ ކާމިޔާބީއިން، ދެހާސް ތިރީހުގެ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ޙާޞިލްކުރުމުގައިވެސް ރާއްޖެއިން ބޮޑެތި ކާމިޔާބީތަކެއް ހޯދާނެކަމުގެ ޔަޤީކަން ލިބޭކަމަށް އެންވަޔަރަމެންޓް މިނިސްޓަރ ޠާރިޤް އިބްރާހިމް ވިދާޅުވެއްޖެއެވެ.

 ދެހާސް ތިރީހުގެ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާޞިލްކުރެވޭނެ ގޮތްތަކާބެހޭގޮތުން މަޝްވަރާކުރުމުގެ މިއަދު ފެއްޓެވި މަސައްކަތު ބައްދަލުވުމެއްގެ ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޠާރިޤްވަނީ، ސާސްކަފްގެ ލަނޑުދަނޑިތައް ޙާޞިލްކުރުމުގައި ރާއްޖެއަކީ ދެކުނު އިރުމަތީ އޭޝިޔާ ސަރަހައްދުން އެންމެ ބޮޑު ކާމިޔާބީއެއް ހޯދާފައިވާ ޤައުމުކަން ފާހަގަކުރައްވާފައެވެ. އަދި، ދެހާސް ތިރީހުގެ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ޙާޞިލްކުރުމުގައި ރާއްޖެއިން ބޮޑެތި ކާމިޔާބީތަކެއް ހޯދާނެކަމުގެޔަޤީންކަން މިކަމުން ލިބޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ޠާރިޤް ވިދާޅުވީ ރާއްޖެފަދަ ކުދި ޖަޒީރާ ޤައުމުތަކަށް ދެމެހެއްޓެނިވި ތަރައްޤީ ހާޞިލްކުރުމުގައި ދިމާވާ އެންމެބޮޑު ގޮންޖެހުމަކީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިމާވާ ގޮންޖެހުންތައްކަމަށެވެ. މިއަދު ފެށި މަސައްކަތު ބައްދަލުވުމުގައި މަޝްވަރާކުރައްވާނެ ދާއިރާތަކުގެ ތެރޭގައި ސާފު ބޯފެނާއި ނަރުދަމާ، އަގުހެޔޮ ސާފު ހަކަތަ، ހަކަތަ އުފައްދާ ބޭނުންކުރުމުގައި ޒިންމާދާރުކަން، މޫސުމީ ބަދަލުތައް، ފެނުއަޑީގެ ދިރުން، އަދި އެއްގަމުގެ ދިރުމާ ގުޅޭ ކަންތައްތައް ހިމެނެއެވެ.

2030ގެ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑު ދަނޑިތަކަކީ ސާސްކަފްގެ ލަނޑުދަޑިތަކުގެ މުއްދަތު ދެހާސްފަނަވަނަ އަހަރު ހަމަވެފައިވާތީ، މިދިޔަ އަހަރުގެ ސެޕްޓެންބަރު އދގެ އާންމު މަޖްލީހުން ފާސްކޮށްފައިވާ އާ ލަނޑުދަނޑިތަކެކެވެ.

ސާސްކަފްގެ ލަނޑުދަނޑުތައް ހާޞިލްކުރުމުގައި ޤައުމުތަކުން ކުރިއެރުންތަކެއް ހޯދާފައިވީނަމަވެސް އަދިވެސް ދުނިޔެއިން ފަޤީރުކަން ނައްތާލެވިފައިނުވާތީ، ދެހާސް ތިރީހުގެ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް އަމާޒުކޮށްފައިވަނީ ދުނިޔެއިން ފަޤީރުކަން ނައްތާލުމާއި، އިންސާފާއި ހަމަހަމަކަން ޤާއިމުކުރުމާއި، މޫސުމީ ބަދަލުތަކަށް ފިޔަވަޅުއެޅުމަށެވެ.

ވިހިތިރީހުގެ ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތަކުގެ ތެރޭގައި 17 ލަނޑުދަނޑިޔާ 169 އަމާޒެއް ހިމެނެއެވެ. މި 17 ލަނޑުދަނޑީގެ ތެރެއިން 6 ލަނޑުދަނޑިއަކީ ސީދާގޮތުން އެންވަޔަރަމެންޓް މިނިސްޓްރީއާ ގުޅިފައިވާ ލަނޑުދަނޑިތަކެއްކަން އެމިނިސްޓްރީން ފާހަގަކުރައްވައެވެ.

އެންވަޔަރަމެންޓް މިނިސްޓްރީން އިންތިޒާމްކުރައްވައިގެން މިއަދު ފެއްޓެވި މިމަސައްކަތު ބައްދަލުވުގައި ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ވިހި ފަރާތަކުން ބައިވެރިވެފައިވެއެވެ.