ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ހައްޔަރުކުރަން ޞައްޙަ ނޫން ކޯޓް އަމުރެއް ނެރުނުކަމުގެތުހުމަތުގައި ހައްޔަރުކުރުމުން ކުރިމިނަލްކޯޓުން ދޫކޮށްލަން އަމުރުކުރި ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް މުހްތާޒް މުހުސިން 15 ދުވަހަށް ބަންދުގައި ބެހެއްޓުމަށް ހައިކޯޓުން ހުކުމްކުރައްވައިފިއެވެ.އެކޯޓުން މިގޮތަށް ނިންމަވާފައިވަނީ ދަށުކޯޓުން މުހްތާޒް މުހުސިން ދޫކޮށްލުމަށް ކުރެއްވި އަމުރު ދައުލަތުގެ ފަރާތުން އިސްތިއުނާފްކުރެއްވުމުން އެ މައްސަލަ ނިންމަވާ މިއަދު އިއްވި ހުކުމުގައެވެ. ޞައްޙަ ނޫން ކޯޓް އަމުރެއް ނެރުނު މައްސަލައާއި ގުޅިގެން ކުރީގެ ޕީޖީ މުހުތާޒް މުހުސިން ހައްޔަރުކުރައްވާފައި މިވަނީ އެކަމުގައި އެނާ ބައިވެރިވިކަމުގެ ތުހުމަތުގައެވެ.މި މައްސަލާގައި ހައްޔަރުކުރައްވާފައިވާ އދ. މާމިގިލީ ކޯޓްގެ އިސް މެޖިސްޓްރޭޓް އަޙުމަދު ނިހާން، ވަކި މުއްދަތެއް ނެތްގޮތަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުންވަނީ މިއަދު ސަސްޕެންޑް ކުރައްވާފައެވެ. އެ ކޮމިޝަނުން މިއަދު ނެރުއްވި ބަޔާނެއްގައި ވަނީ އަޙްމަދު ނިހާން މާމިގިލީ ކޯޓްގެ އިސް މެޖިސްޓްރޭޓްކަމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތަކުން އެކަހެރިކޮށް ބެހެއްޓުމަށާއި ވަޒީފާއަށް ނުނިކުމެ މަޑުކުރަން އެންގުމަށް ކޮމިޝަނުން ނިންމާފައިވާކަމަށެވެ. އަދި މި ނިންމުން ނިންމާފައިވަނީ މިއަދު ބޭއްވެވި އެކޮމިޝަންގެ ބައްދަލުވުމުގެ އިއްތިފާޤުންކަމަށްވެސް ޖޭއެސްސީން ވިދާޅުވެއެވެ. މާލެއިން ދިޔަ ބަޔަކާއެކު ދަންވަރުގެ ވަގުތެއްގައި ކޯޓް ހުޅުވައިގެން ރައީސް ޔާމީން ހައްޔަރުކުރުމަށް ކޯޓް އަމުރެއް ނެރުނު މައްސަލާގައި އދ. މާމިގިލީ ކޯޓްގެ އިސް މެޖިސްޓްރޭޓް އަޙްމަދު ނިހާން ހައްޔަރުކުރައްވާފައިވަނީ މިދިޔަ އާދިއްތަދުވަހުގެ ރޭގައެވެ. މީނާގެ ބަންދަށް ހައިކޯޓުން ވަނީ 7 ދުވަސް އިތުރުކުރައްވާފައެވެ.