ޚަބަރު

4 ބައި އިލެކްޝަނެއްގެ ވޯޓުލުން ކުރިއަށް


ށ.މާއުނގޫދޫ ކައުންސިލަށް މެންބަރަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނާއި، އިތުރު 3 ރަށެއްގެ އަންހެނުންގެ ތަރައްޤީގެ މަސައްކަތް ކުރާ ކޮމެޓީގެ ބައި އިލެކްޝަން ފަށައިފިއެވެ.

މިއަދު ހެނދުނު 8:00 ޖެހިއިރު އިންތިހާބުގެ ވޯޓުލުން ފަށާފައިވާއިރު މިއިންތިޚާބުތަކުގައި މިހާތަނަށް ވޯޓުލާފައިވަނީ ނިސްބަތުން ވަރަށް މަދު އަދަދެއްގެ މީހުންނެވެ. މާއުނގޫދޫ ކައުންސިލް މެންބަރު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަންގެ އިތުރުން މިއަދު ދެން ކުރިއަށްދާ އިންތިޚާބުތަކަކީ ރ.ރަސްމާދޫ، ތ.ގުރައިދޫ، އަދި ލ.ދަނބިދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަނެވެ.

ވޯޓުލުން ކުރިއަށްދާނީ ހަވީރު 4:00 ޖެހުމާއި ހަމައަށެވެ. މިހަތަރު އިންތިޚާބުގައި ވޯޓުލުމަށް 6 ވޯޓު ފޮއްޓެއް ވަނީ ބަހައްޓާފައެވެ. މީގެތެރެއިން މާލޭގައި ބަހައްޓާފައިވާ ވޯޓު ފޮށި ބަހައްޓާފައިވަނީ އިމާދުއްދީން ސްކޫލަށެވެ.

މިއަދު ހަތަރު ރަށެއްގައި ވޯޓުލުން ކުރިއަށްދާއިރު މިމަހުގެ 22 ވަނަ ދުވަހު 3 ރަށެއްގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ބައި އިލެކްޝަނެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އެއީ ވ. ތިނަދޫއާއި އެ އަތޮޅު ފެލިދޫއާއި، ހއ. ހޯރަފުށީ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބެވެ. މީގެ ތެރެއިން ތިނަދޫ އަންހެނުންގެ ކޮމިޓީއަށް 5 މެމްބަރުން އައްޔަންކުރަން ޖެހޭއިރު އެހެން ރަށްތަކަށް ހޮވަން ޖެހެނީ އެންމެ މެމްބަރެކެވެ.