ޚަބަރު

މަސްވެރިކަމުގެ ވައުދުތައް ފުއްދުމަށް އެންމެ ރަނގަޅު މަސައްކަތްތަކެއް ކުރަނީ މިސަރުކާރުން: ޤާސިމް


މަސްވެރިކަމުގެ ވައުދުތައް ފުއްދުމަށް އެންމެ ރަނގަޅު މަސައްކަތްތަކެއް ކުރަނީ މިސަރުކާރުން ކަމުގައި ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާއަށް އެކި ސަރުކާރުތަކުން ކޮށްފައިވާ މަސައްކަތްތަކާއި މިސަރުކާރުން މިހާތަނަށް ކުރަމުންދާ ކުރަމުންދާ މަސައްކަތަކާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގައި ވާހަކަދައްކަވަމުން ޤާސިމް ވިދާޅުވީ މިސަރުކާރުގެ ކުރިން އައި އެއްވެސް ސަރުކާރަކުން މަސްވެރިކަން ކުރިއެރުވުމަށް މާބޮޑު މަސައްކަތްތަކެއް ކުރައްވާފައި ނުވާކަމަށެވެ. އަދި ކޮންމެ ވެރިކަމެއްގައިވެސް ވަނީ ވައުދުތަކެއް ކަމަށާއި، ވެރިކަން ނިމޭއިރުވެސް އެއިންކަމެއް ފުއްދޭތަނެއް ނުފެންނަ ކަމަށް ގާސިމް ވިދާޅުވިއެވެ.

މަސްވެރިންގެ ކަންބޮޑުންތަކުގެ ވާހަކަ ނިމިދިޔަ ވެރިކަމުގައި ތިއްބެވި ފަރާތްތަކުން ދައްކާއިރު އެވެރިކަމުގައި މަސްވެރިންގެ ހާލަތު ރަނގަޅު ކުރަން ކުރީ ކޮންކަމެއްތޯ ބަލައިލުން ރަނގަޅުކަމަށް ޤާސިމް ވިދާޅުވިއެވެ. އަދި މިސަރުކާރުން މަސްވެރިންގެ ހާލަތު ރަނގަޅު ކުރުމަށްޓަކައި ޤައުމުގައި އިޤްތިޞާދާއި، ހާލަތު ތަންދޭ މިންވަރަކުން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށް ގާސިމް ވިދާޅުވިއެވެ.

"ފައިސާ ލިބުނު ވަރަކުން އަޅުގަނޑުމެންނަށް ކަންތައްތައް ކުރެވޭނީ. މިދިޔަ ސަރުކާރުން ވީ ވައުދުތައް ހުރީ ފުއްދިފައިތޯއޭ. އޭގެ ކުރީ ސަރުކާރުތަކުގެ ވައުދުތައްވެސް ހުރީ ފުދިފައިތޯއޭ. އިއްޒަތްތެރި ރައީސް ވިދާޅުވި 1،000 އަހަރު ވެއްޖެއޭ މިކަން މިހެން ހިނގާތާ. އެހެންވީމާ މިއަދުގެ އޮތް ކަމެއްނޫނޭ، މިއަދުގެ ސަރުކާރަށް އޮތްކަމެއް ނޫނޭ އެއީކޯއީއެއް. ކޮންމެ ސަރުކާރަކުންވެސް އިހުމާލުވަމުން މިހާ ހިސާބަށް އައިސްސަ އޮތްކަމެއް މިއީ." ޤާސިމް ވިދާޅުވިއެވެ.

ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް މިދުވަސްވަރަކީ މަސްވެރިކަން ރަނގަޅު ދުވަސްވަރެކެވެ. ޚާއްސަކޮށް ފާއިތުވި 4 ހަފްތާގައި ދެކުނުގެ މަސްވެރިކަން ވަރަށް ރަނގަޅުކަމަށް މިފްކޯއިން ވިދާޅުވެއެވެ. އެގޮތުން ގިނަ ދޯނިތަކަކުން ބޮޑެތި ޢަދަދުތަކުން މަސް ހިފައިގެން އަންނަކަމަށް މިފްކޯއިން ވިދާޅުވެއެވެ. މިފްކޯއިން ވަނީ މިއަހަރުގެ މިހާތަނަށް 41،300 ޓަނުގެ މަސް ގަނެފައެވެ. އަދި މަސްކިރުވައިގެން މަސްވެރިންނަށް 670 މިލިއަން ރުފިޔާ ވަނީ ދޫކޮށްފައެވެ.

މަސް ކިރުވުމުގައި ދިމާވާ ދައްޗަކީ މަސްވެރިންގެ އެންމެ ބޮޑު އެއް ޝަކުވާއެވެ. އެހެންކަމުން މިކަމަށް ހައްލު ހޯދުމަށް ސަރުކާރުންގެންދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން މިފްކޯގެ މަސް ކިރުވުމުގެ މަސައްކަތަށް އިތުރު ބޯޓުތައް ހޯދުމަށްވެސް ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ.