ޚަބަރު

ތަފާތު ކުރުމެއްނެތި ޚިދުމަތް ދިނުމަކީ ވީ ވައުދަށްވުރެއް ބޮޑު ވަޢުދެއް: ރައީސް


ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް އެއްވެސް ފަތާތު ކުރުމެއްނެތި ޚިދުމަތް ދިނުމަކީ ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވައުދުތަކަށްވުރެ މާބޮޑު ވަޢުދެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ހދ.ފިނޭގެ ފެނާއި ނަރުދަމާގެ ނިޒާމާއި، އިންޖީނުގެ ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މިއީ މިއަދު ރާއްޖޭގެ ކޮންމެ ރަށަކުންވެސް ފެނިގެންދާ އުފާވެރި މަންޒަރުކަމަށެވެ.

ފިނޭއަކީ ބޮޑު ރަށަކަށް ނުވިނަމަވެސް އަސާސީ ޚިދުމަތް އެރަށުގެ ރައްޔިތުންނަށް ކަށަވަރު ކޮށްދެއްވުމަކީ ރައީސް އިބްރާހީމް މުހައްމަދު ޞާލިހުގެ ތަސައްވަރެކެވެ. ފިނޭގައި ސަރުކާރުން ޤާއިމްކުރި ފެނުގެ ނިޒާމާއި ނަރުދަމާގެ ނިޒާމުގެ އިތުރުން އަލަށް ގާއިމްކުރި ޒަމާނީ އިންޖީނުގޭގެ ޚިދުމަތް އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރާއްޖެ ތަރައްޤީ ކުރެވޭނީ ތަފާތުކުރުން ނައްތާލައިގެންކަމަށެވެ.

މީގެކުރިން ރަސްރަށުގައި ކަރަންޓުގެ ޚިދުމަތް ދިނަސް، ފެނުގެ ޚިދުމަތް ދިނަސް އެކަން ކުރަމުންދިޔައީ ރައްޔިތުންގެ ޖީބުން ނުވަތަ ރަށުގައި ހުންނަ ތަނަވަސް މީހެއްގެ ޖީބުން ޚަރަދުކޮށްގެންކަމަށެވެ. އެއީ އެއްގޮތަކަށްވެސް ސަރުކާރުތަކުން ކުރަންޖެހޭ ކަމެއްކަމަށް ކުރީގެ ސަރުކާރުތަކުން ގަބޫލުނުކުރާކަމަށްވެސް ރައީސް ވިދާޅުވިއެވެ. ނަމަވެސް ރަށްރަށުގެ އެންމެ އަސާސީ ކަންކަން ފަހިކޮށްދިނުމުގައި ސަރުކާރުގެ ދައުރެއް ނެތްނަމަ ރަށްތައް ތަރައްޤީ ނުކުރެވޭނެކަމަށް ރައީސް ވިދާޅުވިއެވެ.

ފިނޭގެ މެދު ތެރޭގައި ގާއިމްކޮށްފައިވާ އަޑުގަދަ އިންޖީނުގޭގެ ޚިދުމަތް ރައްޔިތުންނަށް އެއްވެސް އުދަގުލެއްނެތި ޚިދުމަތް ލިބޭނެގޮތަށް ފެނަކައިން ގާއިމްކޮށްދިން އިންޖީނުގެއަކީ މުޅި ރަށަށް އެކަމުން ލިބިގެންދިޔަ ބޮޑު ހިންހަމަޖެހުމެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ފެނަކައިން ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްތަކުގެ ތެރެއިން މީހުންގެ ތެރޭގައިހުރި ހުރިހާ އިންޖީނުގެތަކެއް މީހުންނާއި ދުރު ސަރަހައްދުތަކަށް ބަދަލުކޮށް ޒަމާނީ ވަސީލަތްތަކާއިއެކު ޚިދުމަތްލިބޭނެ އިންތިޒާމު ހަމަޖެއްސުމަކީ ލިބޭ ބޮޑު ހިތްހަމަޖެހުމެއްކަމަށް ރައީސް ވިދާޅުވިއެވެ.

ފެނަކައިގެ ޚިދުމަތް ފުޅާކުރުމަށްޓަކައި އެކި ދައިރާތަކަށް ފެނަކައިގެ ޚިދުމަތް ލިބޭނެ މަގު ތަނަވަސް ކުރުމަކީ އަމާޒެއްކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން މަސްވެރިންނަށް މިހާރު ދިމާވެފައިވާ އައިސް ލިބުމުގެ ދަތިތަކަށް ހައްލު ހޯދުމަށްޓަކައި 13 ރަށެއްގެ އައިސްޕްލާންޓުގެ ޚިދުމަތް ދެވޭނެ އިންތިޒާމު ހަމަމެއްސުމަށް ފެނަކާއި ވަނީ ހަވާލުކޮށްފައެވެ. ފެނަކައިން މިމަސައްކަތް ފެށުމުން މަސްވެރިންނަށް އެއްވެސް ދައްޗެއްނެތި އައިސްލިބޭނެ އިންތިޒާމު ހަމަޖެހިގެން ދާނެކަމަށް ޔަގީންކުރައްވާ ކަމުގައި ރައީސް ވިދާޅުވިއެވެ.

ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމުގައި އަބަދުވެސް ގެންގުޅޭނެ ސިޔާސަތަކީ އެއްވެސް ތަފާތުކުރުމެއްނެތި ކޮންމެ ރަށަކަށްވެށް ބޭނުންވާ ހައްގުތައް ކަށަވަރު ކޮށްދެއްވުންކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިހާތަނަށް ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރާއިރު، ގެންގުޅޭ އެންމެ މުހިންމު ސިޔާސަތަކީވެސް ތަފާތުނުކޮށް ޚިދުމަތް ދިނުންކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.