ޚަބަރު

ބޯހިމެނުމުގެ މަޢުލޫމާތަކީ ތަރައްޤީގެ މަސައްކަތްތަކަށް މުހިންމު މަޢުލޫމާތުތަކެއް: ނާއިބު ރައީސް


ބޯހިމެނުމުގެ މަސައްކަތުން ލިބޭ މަޢުލޫމާތުތަކަކީ ރާއްޖެ ތަރައްޤީކުރާއިރު ބޭނުންހިފޭނެ މުހިންމު މަޢުލޫމާތުތަކެއްކަމަށާއި، އެފަދަ މަޢުލޫމާތުތަކުގެ އަލީގައި ރާއްޖޭގެ އެކިކަންކޮޅުތަކަށް އެންމެ ބޭނުންވާ ތަރައްޤީގެ މަޝްރޫޢުތައް ހިންގުމަށް ފަސޭހަތަކެއް ލިބިގެންދާނެކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ހުޅުމާލޭގައި ހުންނަ "ބޯހިމެނުން 2022" ގެ މަސައްކަތް ކުރިއަށްދާ މަރުކަޒަށް ޒިޔާރަތްކުރައްވައި އެތަނުގައި މަސައްކަތްކުރައްވާ ފަރާތްތަކާއި ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ބޯހިމެނުމުގެ މަސައްކަތުން ލިބޭ މަޢުލޫމާތުން ރާއްޖޭގެ ދުރު މުސްތަޤްބަލަށް ގިނަ ކަންކަން ރޭވުމަށް ފަސޭހަތަކެއް ލިބޭނެކަން ފާހަގަކުރައްވާފައެވެ. އަދި އެމަނިކުފާނު ވަނީ ރާއްޖޭގެ ރައްޔިތުންނަށް އެންމެ ބޮޑަށް ބޭނުންވެފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫޢު ކުރިއަށްގެންދިއުމަށްވެސް މުހިންމު މަޢުލޫމާތުތަކެއް ލިބިގެންދާނެކަމުގައި ވިދާޅުވެފައެވެ.

އިތުރަށް ވާހަކަފުޅު ދައްކަވަމުން، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ބޯހިމެނުމުގެ މަސައްކަތުގައި ޢަމަލީ ގޮތުން ބައިވެރިވާ ފަރާތްތަކުން ކުރައްވާ މަސައްކަތް ފާހަގަކުރައްވާ އެ ފަރާތްތަކަށް ޝުކުރުއަދާކުރައްވާފައެވެ. އެމަނިކުފާނު ވަނީ ކިޔެވުމުން ލިބޭ މަޢުލޫމާތާއި އެއްވަރަށް ޢަމަލީ ތަޖުރިބާލިބުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާ ވާހަކަފުޅު ދައްކަވާފައެވެ. އަދި އެމަނިކުފާނު ވަނީ ބޯހިމެނުމުގެ އަމަލީ މަސައްކަތުގައި ދަރުމަވެރިންގޮތުގައި ގިނައިން މަސައްކަތްކުރައްވަނީ ޒުވާނުންކަން ފާހަގަކުރައްވައި މި މަސައްކަތުން ލިބޭ ތަޖްރިބާއަކީ އެ ބޭފުޅުންގެ މުސްތަޤްބަލަށް ލިބޭ މުހިންމު ތަޖްރިބާއެއްކަން ފާހަގަކުރައްވާފައެވެ. .

މިއަދުގެ ޒިޔާރަތްކުރެެއްވުމުގައި ހުޅުމާލޭގެ ބޯހިމެނުމުގެ ސެންޓަރުގައި މަސައްކަތްކުރައްވާ ބޭފުޅުންނާ ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ މިހާރު ބޯހިމެނުމުގެ މަސައްކަތްތައް ކުރިއަށްގޮސްފައިވާ މިންވަރަށް ބެއްލެވުމަށްފަހު އެދުވަހެއްގެ ޓާގެޓަށް މަސައްކަތްތައް ކުރިއަށްދާކަން ފާހަގަކުރައްވާފައެވެ. އަދި އެކަމުންދޭހަވަނީ ރައްޔިތުން ބޯހިމެނުމުގެ މަސައްކަތަށް އެއްބާރުލުން ދެއްވަމުންދާކަންކަމުގައި އެމަނިކުފާނު ފާހަގަކުރެެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅު ނިންމަވާލައްވަމުން އެމަނިކުފާނު ވަނީ ބޯހިމެނުމުގެ މަސައްކަތަކީ ޤައުމީ މަސައްކަތެއްކަން ފާހަގަކުރައްވާ އެމަސައްކަތް ކުރިއަށްގެންދިއުމުގައި ކޮންމެ ރައްޔިތެއްވެސް އެބާރުލުންދެއްވުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ.