ޚަބަރު

ކަނޑައެޅިފައިވާ ޢަދަދަށްވުރެއް އިތުރަށް ގަރާޖުތަކުގައި ޕާކްކުރުމުގެ ހުއްދަ ދީފައި ނުވާނެ: ޓްރާސްޕޯޓް


މިސަރުކާރު ވެރިކަމާ ޙަވާލުވިފަހުން ކަނޑައެޅިފައިވާ ޢަދަދަށްވުރެއް އިތުރަށް ގަރާޖުތަކުގައި ޕާކްކުރުމުގެ ހުއްދަ ދީފައިނުވާނެކަމަށް ޓްރާސްޕޯޓް މިނިސްޓްރީން ވިދާޅުވެއްޖެއެވެ. މާލޭގައި ގަރާޖުތަކުގައި ވެހިކަލް ޕާކުކުރުމަށް ދޫކުރަންޖެހޭ ހުއްދަ މިހާރު ދޫކުރަމުންދަނީ މާލެ ސިޓީ ކައުންސިލުންނެވެ.

މާލޭގެ މަގުތަކުގައި ދުއްވުމަށް މިހާތަނަށް 80،000 އެއްހައި އުޅަނދުވަނީ ރަޖިސްޓްރީކޮށްފައެވެ. މި ޢަދަދުގެ ތެރެއިން 4500އަށްވުރެ ގިނަ އުޅަނދަކީ މާލޭގައި ދުއްވުމަށް ރަޖިސްޓްރީ ކޮށްފައިވާ ކާރެވެ. އެއްވެސް ކޮންޓްރޯލެއްނެތި އުޅަނދުތައް މާލެއަށް ތޮއްޖެހުމަކީ ޢާއްމު ރައްޔިތުންގެ ބޮޑު ޝަކުވާއެކެވެ. ޚާއްސަކޮށް މާލެ އެތެރެކުރާ ކާރުތައް ޤަވާއިދާ ޚިލާފަށް ރަޖިސްޓްރީކޮށް މާލޭގެ މަގުތަކުގައި ޕާކުކުރާ ކުރުމަކީ އެކަމުގެ ޝަކުވާ އަބަދުވެސް އިވޭ ކަމެކެވެ. އަދި ޙައްލެއް ނުލިބި އެތައް ޒަމާނެއްވީ ބޮޑު މައްސަލައެކެވެ.

މީގެ ކުރިން އެއްގަރާޖަކަށް އެތައް އުޅަދެއް ރަޖިސްޓްރީ ކުރަމުންދިޔަ ނަމަވެސް އެކަމަށް މަޑުޖެހުން ގެނެސް، ގަރާޖު ސިޓީ ދޫކުރުމުގެ އުސޫލަށް ޓްރާސްޕޯޓް މިނިސްޓްރީން ވަނީ ހަރުދަނާ ބަދަލު ތަކެއް ގެނެސްފައެވެ. ގަރާޖު ތަކުގައި ޕާކް ކުރުމަށް ދޫކުރެވޭ މިންގަނޑުތަކެއް ކަނަޑައަޅައި ޕާކް ކުރެވޭނެ އުސޫލުގެ ތެރެއިންމިސަރުކާރު އައިފަހުން ގަރާޖު ސިޓީއަށް ކަނޑައަޅާފައިވާ އަދަދަށްވުރެއް އިތުރަށް ވެހިކަލް ރަޖިސްޓްރީ ކުރުގެ ހުއްދަ ދޫކުރުން ވަނީ ހުއްޓާލާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ތަރައްޤީއާއި ތަރިކައިގެ ކޮމިޓީގައި ވާހަކަ ދައްކަވަމުން ޓްރާސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ ޝިމާޒު އަލީ ވިދާޅުވީ ގަރާޖު ހުއްދަ އަކީ މިހާރު މާލެ ސިޓީ ކައުންސިލުން ދޫކުރާ ހުއްދައެއްކަމަށެވެ. ފާއިތުވެދިޔަ އަހަރެއްހައި ދުވަހު މާލެ ސިޓީ ކައުންސިލުން ގަރާޖު ހުއްދަ ދޫކުރާއިރު، ހުއްދަ ދޫކުރެވޭ ވަހިކަލްގެ ފެރިފަރާތަކީ ކާކުކަން ސާފުކޮށް އެގޭނެކަމަށެވެ.

ކޮންމެ ގަރާޖަކަށް ދޫކުރެވޭ ހުއްދައަކީވެސް ވަކި ފަރުދަކަށް ދޫކުރެވޭ ހުއްދައަކަށްވާއިރު، މިހާތަނަށް ޓްރާސްޕޯޓުން ކަނޑައާފައިވާ އަދަދަށްވުރެ އިތުރަށް ގަރާޖެއްގައި ވެހިކަލް ރަޖިސްޓްރީ ކުރުމުގެ ހުއްދަ ދޫކޮށްފައި ނުވާނެކަމަށް ޑެޕިއުޓީ މިނިސްޓަރ ވިދާޅުވިއެވެ. ވެހިކަލްގެ ސައިޒަކީ 100 އަކަފޫޓްކަމަށް ބަލައިގެން ހުއްދަ ދޫކުރާއިރު އެއުސޫލުން ބޭރުން އެއްވެސް ފަރާތަކަށް ހުއްދަ ދޫކޮށް ނުވާނެކަމުގެ ޔަގީންކަންވެސް ޝިމާޒު ވަނީ ދެއްވާފައެވެ.

ކާރު ރަޖިސްޓްރީ ކުރާއިރު ޓްރާންސްޕޯޓް މިނިސްޓްރީން ބަލާ އުސޫލު މިހާރު ހަރުދަނާކޮށްފައިވާކަމަށް ޝިމާޒް ވިދާޅުވިއެވެ. މާލޭގައި ޕާކިންގެ މައްސަލަ ހައްލު ކުރުމަށް މާލެ ސިޓީ ކައުންސިލާއި، ޓްރާސްޕޯޓް މިނިސްޓްރީންވެސް ގިނަ މަސައްކަތްތަކެއް ދަނީ ކުރަންނެވެ.