މާދަމާ ބަނގްލަދޭޝްއާއި ދެކޮޅަށް ދިވެހި ޓީމްގެ ފަރާތުން ފެނިގެންދާނީ އެޓޭކިންގ ފުޓްބޯޅައެއްކަމަށް ދިވެހި އަންހެން ޤައުމީ ފުޓްބޯޅަ ޓީމްގެ ކޯޗް ނައޯކޯ ކަވަމޯޓޯ ބުނެފިއެވެ.ސައުތް އޭޝިއަން ގޭމްސްގައި މާދަމާ ބަނގްލަދޭޝްއާއި ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ޕީއެސްއެމްއާއި ވާހަކަދައްކަމުން ނައޯކޯ ކަވަމޯޓޯ ބުނީ ބަނގަލަދޭޝް އަތުން މޮޅުވުމަށް ދިވެހި ޓީމަށް ފަހި ފުރުސަތެއް އެބައޮތްކަމަށާއި، މެޗަށް ދިވެހި ޓީމް އޮތީ ފުރިހަމައަށް ތައްޔާރުވެފައިކަމަށެވެ. ޓީމްގެ ރިކަވަރީގެ ކަންތައްތައް ދިޔައީ ވަަރަށް ރަނގަޅަށްކަމަށާއި، މާދަމާގެ މެޗުގައި ދިވެހި ޓީމްގެ ފަރާތުން ފެނިގެންދާނީ އެޓޭކިންގ ފުޓްބޯޅައެއްކަމަށް ކޯޗް ބުންޏެވެ. ކޯޗް ބުނީ ދިވެހި ޓީމަކީ މިހާރު ތަފާތު ޓީމެއްކަން ބަނގްލަދޭޝް އަދި ސްރީލަންކާއަށްވެސް އިނގޭކަމަށާއި، މި ސަރަހައްދުގެ ޓީމްތަކުން ދިވެހި ޓީމާއިމެދު މިހާރު ވަރަށް ބޮޑަށް ސަމާލުވާކަމަށެވެ."މެޗަށް ޓީމް އޮތީ ފުރިހަމައަށް ތައްޔާރުވެފައި، މާދަމާގެ މެޗުގައި އެޓޭކިންގ ގޭމެއްކުޅެ މެޗް ކާމިޔާބުކުރުން ޓާގެޓަކީ." ކޯޗް ނައޯކޯ ބުންޏެވެ.ދިވެހި ގައުމީ އަންހެން ފުޓްބޯޅަ ޓީމްގެ ކެޕްޓަން ފަދުވާ ޒާހިރު ބުނީ ކޯޗްގެ އިރުޝާދާއިއެކު ޓީމް އޮތީ ފުރިހަމައަށް ތައްޔާރުވެފައިކަމަށާއި، ހުރިހާ ކުދިންގެ އަޒުމަކީ މާދަމާގެ މެޗުން މޮޅުވުންކަމަށެވެ. އިންޑިޔާ އަތުން ފުރަތަމަ މެޗުގައި ހޯދުނު ޕޮއިންޓާއިއެކު މުބާރާތުން ވަނައެއް ލިބޭނެކަމުގެ އުއްމީދުއާވެއްޖެކަމަށާއި، ހުރިހާ ކުދިންގެވެސް އުއްމީދަކީ މެޑަލްއެއް ކަރުގައި އަޅުވާލައިގެން މާލެ ދިޔުންކަމަށް ފަދުވާ ބުންޏެވެ."ކޯޗްގެ އިރުޝާދުގެ ދަށުން ހުރިހާ ކުދިންވެސް ހަަމަ ރެޑީ، މެޗުން ތިން ޕޮއިންޓް ހޯދުން މިހާރު ޓާގެޓަކީ، އިންޑިޔާ މެޗުގައި ނިކުތް ނަތީޖާގެ ސަބަބުން މެޑަލްއަކާއިއެކު މާލެދިޔުމަށް ހުރިހާ ކުދިން ތިބީ އަޒުމް ކަނޑައަޅައިގެން" ފަދުވާ ބުންޏެވެ. 12ވަނަ ސައުތް އޭޝިއަން ގޭމްސްގައި ދިވެހި އަންހެން ގައުމީ ޓީމް ކުޅޭ ތިންވަނަ މެޗުގައި މާދަމާ ބަނގްލަދޭޝްއާއި ދެކޮޅަށް ކުޅޭ މެޗް ފަަށާނީ ރާއްޖެ ގަޑިން މާދަމާ ހެނދުނު ދިހަ ގަޑި ތިރީހުގައެވެ.