ލާމަރުކަޒީ ޤާނޫނަށް ގެނެވުނު އިސްލާހުތަކާއެކު ކައުންސިލްތަކާއި، އަންހެނުންގެ ކޮމެޓީތަކަށް މެމްބަރުން އިންތިޚާބުވިފަހުން މިވީ ދެ އަހަރު ތެރޭގައި ބޭއްވުނު އިންތިޚާބުތަކަށް 3.7 މިލިޔަން ރުފިޔާ ޚަރަދު ވެފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ. ކައުންސިލް އިންތިޚާބަށްފަހު ގިނައިން ބާއްވަން ޖެހިފައިވަނީ އަންހެނުންގެ ކޮމެޓީތަކުގެ އިންތިޚާބުތަކެވެ.
ލާމަރުކަޒީ ޤާނޫނާއި، އިންތިޚާބުތަކާއި ބެހޭ ޤާނޫނުގައި ބުނާގޮތުން އިންތިޚާބީ ގޮނޑިއެއް ހުސްވެއްޖެނަމަ 60 ދުވަހުގެ ތެރޭގައި އިންތިޚާބު ބޭއްވުމަކީ އިލެކްޝަންސް ކޮމިޝަންގެ ޒިންމާއެކެވެ. އިލެކްޝަންސް ކޮމިޝަންގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ގާތްގާތުގައި އިންތިޚާބުތައް ބާއްވަންޖެހުމުން ކުރަންޖެހޭ ޚަރަދާއި، ހޭދަކުރަންޖެހޭ ވަގުތެވެ.
ޕީއެސްއެމްގެ ބާބު ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގް ވިދާޅުވީ އަލަށް އިންތިޚާބުވި ކައުންސިލަރުންނާއި އަންހެނުންގެ ކޮމެޓީތަކުން ހުސްވެފައިވާ ގޮޑިތަކަށް މިހާތަނަށް 23 އިންތިޚާބެއް ބާއްވާފައިވާކަމަށެވެ. މިއިންތިޚާބުތަކުގެ ތެރެއިން 7 ބައި އިލެކްޝަނެއް ބާއްވާފައިވަނީ މިދިޔަ އަހަރުއެވެ. މިދިޔަ އަހަރު ބޭއްވި ބައި އިލެކްޝަންތަކަށް 1.6 މިލިޔަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.
އިލެކްޝަންސް ކޮމިޝަނުން އަންނަނީ މިއަހަރުވެސް ގިނަ އިންތިޚާބުތަކެއް ބާއްވަމުންނެވެ. މިއަހަރުގެ އޮގަސްޓްމަހުގެ ނިޔަލަށްވެސް 16 ބައި އިލެކްޝަނެއްވަނީ ބާއްވާފައެވެ. މިއިންތިޚާބުތަކަށް 2.7 މިލިޔަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. މިއާއެކު މިވީ ދެއަހަރުގެ ތެރޭގައި 3.7 މިލިޔަން ރުފިޔާ ވަނީ އިންތިޚާބުތަކަށް ޚަރަދު ކޮށްފައެވެ.
ގާތްގާތުގައި އިންތިޚާބުތައް ބާއްވަން ޖެހުމުން ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީތަކުން ހޮވާ ގޮނޑިތަކަށް ބާއްވާ އިންތިޚާބުތައް އަހަރަކު އެއްފަހަރު ބާއްވާ ގޮތަށް ޤާނޫނަށް ވަނީ އިސްލާހު ހުށަހަޅާފައެވެ. އެގޮތުން އިންތިޚާބެއް ބާއްވަން ޖެހިއްޖެނަމަ 365 ދުވަހުގެ ތެރޭގައި އިންތިޚާބު ބޭއްވުމަށް ވަނީ ހުށަހަޅާފައެވެ. ދެ ބައި އިލެކްޝަނެއްގެ ދެމެދުގައިވާ މުއްދަތު 365 ދުވަހަށްވުރެ ދިގު އަދި 300 ދުވަހަށްވުރެ ކުރުވެގެން ނުވާނެކަމަށްވެސް އިސްލާހުގައި ބުނެފައިވެއެވެ.
ލޯކަލް ކައުންސިލްތަކުގެ ޤާނޫނަށާއި، އިންތިޚާބާއި ބެހޭ ޤާނޫނަށް ސަރުކާރުން އިސްލާހު ހުށަހަޅާފައިވާއިރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ ކޯރަމް ނުގެއްލޭނަމަ، ބައި އިލެކްޝަންތައް ކޮންމެ އަހަރަކުވެސް އެއްފަހަރާ ވަކި ތާރީޚެއްގައި ބޭއްވުމަށް ޤާނޫނަށް އިސްލާހު ހުށަހެޅުމަށް އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވެސް ވަނީ ހުށަހަޅުއްވާފައެވެ.
ގާތް ގާތުގައި އަންހެނުންގެ ކޮމެޓީތަކުގެ އިންތިޚާބުތަކާއި، ލޯކަލް ކައުންސިލް އިންތިޚާބުތައް ބާއްވަންޖެހުމަކީ އިލެކްޝަންސް ކޮމިޝަނުން ބޮޑު ހޭދައެއް ކުރަންޖެހޭ ކަމެކެެވެ. ނަމަވެސް ޤާނޫނަށް ގެނެވޭ މިއިސްލާހުތަކާއެކު އިންތިޚާބުތަކަށް ކުރަންޖެހޭ ޚަރަދު ވަރަށް ބޮޑަށް ކުޑަވެގެންދާނެ ކަމަށް އިލެކްޝަންސް ކޮމިޝަނުންވެސް ވަނީ ވިދާޅުވެފައެވެ.