ނ. ހޮޅުދޫ ނަރުދަމާގެ މަޝްރޫޢު އަދި ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢުގެ ޢަމަލީ މަސައްކަތް ނިންމާ، މި ދެ މަޝްރޫޢު ރައީސުލްޖުމްހޫރިއްޔާ އިފްތިތާޙްކޮށްދެއްވައިފިއެވެ. އެމަނިކުފާނު މި ދެ މަޝްރޫޢު އިފްތިތާޙްކޮށްދެއްވީ، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫމް ނ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، އެއަތޮޅު ހޮޅުދުއަށް ވަޑައިގެން، މިއަދު ބޭއްވެވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ. މި ދެ މަޝްރޫޢު އިފްތިތާޙްކޮށްދެއްވައި، މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫމް ވިދާޅުވީ، މިއަދު އިފްތިތާޙްކުރެވިގެން ދިޔަ ދެ މަޝްރޫޢާއެކު ހޮޅުދޫ ރައްޔިތުން ދެކެމުންދިޔަ ހުވަފެންތަކަށް އާ އުއްމީދުތަކެއް ލިބިގެންދިޔަކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، ހޮޅުދޫ ރަށްގިރުމުގެ މައްސަލައާއި، ނަރުދަމާގެ މައްސަލައަކީ ޒަމާނުންސުރެ އެކަމުގެ ސަބަބުން ހޮޅުދޫ ރައްޔިތުން އެތަކެއް ތަކުލީފުތަކެއް އުފުލަންޖެހި، ހައްލުނުކުރެވި ވާ މައްސަލައެއްކަމަށެވެ. އަދި އާބާދީ ބޮޑެތި ރަށްރަށުގައި މިފަދަ މައްސަލަތައް ޙައްލު ނުކުރެވޭނަމަ، އިޖުތިމާޢީ ގޮތުންނާއި އިޤްތިޞާދީގޮތުންވެސް ޤައުމަށް ގެއްލުންތަކެއް ލިބިގެންދާކަމަށް ރައީސް ޔާމިން ވިދާޅުވިއެވެ.މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ހޮޅުދޫގައި މިއަހަރު ތެރޭގައި ސަރުކާރުން ހިންގެވުމަށް ރާއްވަވާފައިވާ ބައެއް މުހިއްމު މަޝްރޫޢުތަކަށްވެސް އަލިއަޅުއްވާލައްވަވާފައިވެއެވެ. އެގޮތުން ހޮޅުދޫ މޭނާ ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ޙައްލުކުރެއްވުމުގެ ގޮތުން 6 ކްލާސް ރޫމް ޢިމާރާތްކުރުމަށް ހަމަޖެހިފައިވާކަމަށް ރައީސް ވިދާޅުވިއެވެ. އަދި ސާފު ބޯފެން ހޯދުމުގައި ދިމާވާ މައްސަލަތައް ހައްލުކޮށްދެއްވުމުގެ ގޮތުން ފެންވަރު ރަނގަޅު ފެން އުފައްދާ ޕްލާންޓެއް ޤާއިމުކޮށް، ފެން ރައްކާކުރާނެ ނިޒާމެއް މިއަހަރު ތެރޭ ޤާއިމުކޮށްދެއްވާނެކަމަށްވެސް ރައީސް ޔާމިން ވިދާޅުވިއެވެ. ނ. ހޮޅުދޫ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއަކީ، އެރަށަށް ކުރިމަތިވެފައިވާ ރަށްގިރުމުގެ މައްސަލައަށް ޙައްލެއް ހޯއްދަވައިދެއްވުމުގެ ގޮތުން ސަރުކާރުން އެމް.ޓީ.ސީ.ސީއާއި ހަވާލުކުރައްވައިގެން ފެއްޓެވި މަޝްރޫއެކެވެ. މިދިޔަ އަހަރު ކުރީކޮޅު ފެއްޓެވި މި މަޝްރޫއުގައި ރަށުގެ އިރުމަތީ ފަރާތުން ފަސްސަތޭކަ މީޓަރަށްވުރެ ދިގުމިނުގައި ބޮޑު ހިލަ ބޭނުންކޮށްގެން ރިވެޓްމެންޓެއް ޖަހާފައިވާއިރު، ރަށުގެ ހުޅަނގުފަރާތާއި ދެކުނުފަރާތުން ސަތޭކަ ފަންސާސް މީޓަރު ދިގުމިނުގައި ވަނީ ބޮޑު ހިލަ ބޭނުންކޮށްގެން ރިވެޓްމެންޓް ޖަހާފައެވެ. ހޮޅުދޫގައި ނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތް އެމް.ޑަބް.ލިއު.އެސް.ސީއާ ޙަވާލުކުރައްވައިގެން އެމަސައްކަތްވެސް ފަށާފައިވަނީ މިދިޔަ އަހަރުގެ ތެރޭގައެވެ. މި މަޝްރޫޢަށް 50.2 ބިލިއަން ރުފިޔާ ދައުލަތުން ހަރަދުކުރައްވާފައިވެއެވެ. މި ޕްރޮޖެކްޓްގެ ތެރޭން ހޮޅުދޫގެ ތިންސަތޭކަ ސާޅީހަކަށް ގެއަށް ޚިދުމަތްދެއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ރަސްމިއްޔާތުގައި ހޮޅުދޫ ނަރުދަމާ އަދި ކޯސްޓަލް ޕްރޮޓެކްޝަނާއި ބެހޭ ވީޑިއޯ ޕްރެޒެންޓޭޝަނެއް ވަނީ ދައްކާލާފައެވެ. އަދި އެމް.ޓީ.ސީ.ސީއާއި އެމް.ޑަބްލިއު.އެސް.ސީގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫމަށް ހަނދާނީ ފިލައެއްވެސް ވެދުމަށް އަރުވާފައެވެ.