ޚަބަރު

އައްޑޫގައި ބައިނަލްއަޤްވާމީ ކޮރަލް ފެސްޓިވަލެއް ބާއްވަނީ


އަންނަ އަހަރު މާޗު މަހުގެތެރޭގައި އައްޑޫގައި ކޮރަލް ފެސްޓިވަލެއް ބޭއްވުމަށް މަސައްކަތް ކުރަމުންދާކަމަށް މޯލްޑިވްސް ކޮރަލް އިންސްޓިޓިއުޓުން ހާމަކޮށްފިއެވެ.

މިކަން ހާމަކޮށްފައިވަނީ މޯލްޑިވްސް ކޮރަލް އިންސްޓިޓިއުޓްގެ ފައުންޑަރ އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދެ އައްޑޫއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، އައްޑޫގެ ރަށްތަކަށް ޒިޔާރަތްކޮށް ރައްޔިތުންނާއި ދަނީ ބައްދަލުކުރައްވަމުންނެވެ. މީގެއިތުރުން އެމަނިކުފާނު އިސްވެ އުފައްދަވާފައި މޯލްޑިވްސް ކޮރަލް އިންސްޓިޓިއުޓުގެ ބައެއް މަސައްކަތްތައްވެސް އެމަނިކުފާނު ދަނީ ކުރައްވަމުންނެވެ.

މިހަރަކާތް އައްޑޫގައި ބޭއްވުމަށް ނިންމާފައިވާއިރު، މިކަމާއި ގުޅޭގޮތުން އައްޑޫ ސިޓީ ކައުންސިލާއިއެކުވެސް ވަނީ މަޝްވަރާކުރައްވާފައެވެ. އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ މި ކޮންފަރެންސަކީ މިދާއިރާއިން ބޭއްވޭ މިފަދަ އެންމެ ބޮޑު އެއް ކޮންފަރެންސަށް ވެގެންދާނެއެވެ. އެގޮތުން މި ކޮންފަރެންސްގައި ބައެއް ޤައުމުތަކުގެ ވެރިންވެސް ބައިވެރިވުމަށް ހަމަޖެހިފައިވާ ކަން އެމަނިކުފާނު ވަނީ ހާމަކުރައްވާފައެވެ.

"މިއަންނަ އަހަރު އަޅުގަނޑުމެން މޯލްޑިވްސް ކޮރަލް އިންސްޓިޓިއުޓުން އެބަ ބަލަން، އައްޑޫގައި ކޮރަލް ފެސްޓިވަލެއް؛ އެއީ ކޮރަލް ކޮންވެންޝަނެއް މާރިޗު މަހު ތެރޭގައި ބާއްވަން. އަޅުގަނޑުމެންގެ އުއްމީދަކީ ސީޝެލްސްއާއި މޮރިޝަސްއާއި، އަދި ސްރީލަންކާގެ ވެރިން އައްޑޫއަށް ވަޑައިގެން. އަދި ސައިންޓިސްޓުންނާއި މިކަމާއި ގުޅޭ އެހެންވެސް މާހިރުން އައްޑޫއަށް ވަޑައިގެން އައްޑޫގައި މަޝްވަރާ ޖަލްސާއެއް ބޭއްވުން" ނަޝީދު ވިދާޅުވިއެވެ.

މި ހަރަކާތުގައި ދަރަންޏާއި ތިމާވެއްޓާއި ހުރި ގުޅުމާއި ބެހޭ ގޮތުން މަޝްވަރާ ކުރެވޭނެއެވެ. އަދި ބޭރު ޤައުމުތަކުގެ ބައެއް ބޭންކުތަކުންވެސް ބައިވެރިވުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި ހަރަކާތް ބޭއްވުމަށް އައްޑޫސިޓީ ކައުންސިލާއިވެސް އެމަނިކުފާނުގެ ޓީމުން ވަނީ މަޝްވަރާކޮށްފައެވެ.

ރައީސް ނަޝީދުގެ މި ދަތުރުފުޅުގައި ކޮރަލް އިންސްޓިއުޓުން ހިތަދޫގެ ނޫރާނީ ސްކޫލުގައި ކުރިއަށް ގެންދިޔަ މުރަކަ އާލާކުރުމާއި ގުޅޭ ވޯކްޝޮޕުގައިވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ. މި ވޯކްޝޮޕްގައި ކޮރަލް އިންސްޓިޓުއްޓްގެ ފަރާތުން ދިވެހި ކަނޑުގެ މުރަކަ ހިމާޔަތްކޮށް މުރަކަ ދިރުވާ އާލާކުރެވޭނެ ގޮތްތަކާއި ގުޅޭގޮތުން އެ ސްކޫލުގެ ދަރިވަރުންނަށް ވަނީ މައުލޫމާތު ދީފައެވެ.