ވިޔަފާރި

11 ކުންފުންޏަކާއެކު އެމްއެމްޕީއާރުސީން އުތުރު އެމެރިކާގައި ރާއްޖެ އިސްތިހާރުކުރަނީ


އުތުރު އެމެރިކާ މާކެޓުގައި ރާއްޖޭގެ މަގުބޫލުކަން ދެމެހެއްޓުމަށް އެމްއެމްޕީއާރުސީން ޚާއްސަ ރޯޑްޝޯ ސިލްސިލާއެއް ފަށައިފިއެވެ. މި ރޯޑްޝޯ ކުރިއަށްދާނީ "މޯލްޑިވްސް ރޯޑްޝޯ އިން ޔޫއެސްއޭ އެންޑް ކެނެޑާ"ގެ ނަމުގައެވެ.

މި ސިލްސިލާގެ ފުރަތަމަ ރޯޑްޝޯ ބާއްވާފައިވަނީ މިމަހުގެ 12ވަނަ ދުވަހު އެމެރިކާގެ ލޮސް އެންޖެލިސްގައެވެ. އަދި މިމަހުގެ 14ވަނަދުވަހު ދެވަނަ ރޯޑްޝޯ ނިއުޔޯކްގައި ބާއްވާނެއެވެ. އަދި މިމަހުގެ 15ވަނަ ދުވަހު މި ސިލްސިލާގެ އެންމެ ފަހު ރޯޑްޝޯ ބާއްވާނީ ކެނެޑާގައެވެ.

މި ރޯޑްޝޯތަކަކީ މެރިކާ އަދި ކެނެޑާގެ ޓްރެވަލް ޓްރޭޑާ ގުޅުން ބަދަހިކޮށް، ފަތުރުވެރިކަމުގެ އުޖާލާ މަންޒިލެއްގެގޮތުގައި ރާއްޖެ އިސްތިހާރުކޮށް، ރާއްޖެއާ ބެހޭގޮތުން އެ ފަރާތްތައް އަހުލުވެރިކޮށް މި މާކެޓުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުމުގެ މަގުސަދުގައި ކުރިއަށް ގެންދާ ހަރަކާތެކެވެ.

މި ރޯޑްޝޯތަކުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ އިންޑަސްޓްރީއިން ޖުމުލަ 11 ކުންފުންޏަކުން ބައިވެރިވެއެވެ. މި ކުންފުނިތަކުގެ ތެރޭގައި ރާއްޖޭގެ މަޝްހޫރު ރިސޯޓްތަކާއި ޓުއަރ އޮޕަރޭޓަރުންނާއި، އިންޑަސްޓްރީގެ ތަޖުރިބާކާރުން ބައިވެރިވެއެވެ. ރޯޑް ޝޯތަކުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ޕްރޮޑަކްޓްތައްކަމަށްވާ ރިސޯޓް، ގެސްޓްހައުސް، އަދި ސަފާރީތައް އިޝްތިހާރުކުރާނެއެވެ.

މި ރޯޑްޝޯތަކުގައި ރާއްޖެއާއި ގުޅޭ ޙާއްސަ ޕްރެޒެންޓޭޝަންތައް ދައްކައެވެ. އަދި ދިވެހިރާއްޖޭގެ އިންޑަސްޓްރީ ޕާޓްނަރުންނާއި އުތުރު އެމެރިކާގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާއި ބައްދަލުވުންތައް ކުރިއަށްދެއެވެ. މި ބައްދަލުވުންތަކުގެ ސަބަބުން ރާއްޖޭގެ ޓޫރިޒަމް ކުންފުނިތަކަށް ގިނަ ފުރުސަތުތައް ލިބި، އުތުރު އެމެރިކާގެ ޓްރެވެލް ޓްރޭޑާ ގުޅުން އިތުރަށް ހަރުދަނާވެގެންދާނެކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ.

މި އަހަރު ސެޕްޓެމްބަރ 7ގެ ނިޔަލަށް އުތުރު އެމެރިކާއިން 52،168 ފަތުރުވެރިން ވަނީ ދިވެހިރާއްޖެއަށް ޒިޔާރަތްކޮށްފައެވެ. އެގޮތުން އެމެރިކާއަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމަށް 6 ވަނަ އެންމެ ބޮޑު މާކެޓެއެވެ.

އެމެރިކާ މާކެޓަށް އަމާޒުކޮށްގެން އެމްއެމްޕީއާރުސީއިން ދަނީ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދަމުންނެވެ. މީގެ ތެރޭގައި އާޓާ އެޑްވެންޗަރ އެލެވޭޓް 2022 ގައި ބައިވެރިވުމާއި މީޑިޔާ އަދި އިންފްލުއެންސަރުންނާއެކު ފެމިލިއަރައިޒޭޝަން ދަތުރުތައް ކުރިއަށްގެންދިޔުމާއި ޓްރެވަލް ޓްރޭޑް ވެބިނަރ ފާހަގަކޮށްލެވެއެވެ. އަދި ވޯތް މެގަޒިނާއި ގޯވޭ އަދި އެސްކިޔޫއާ ގުޅިގެން ކުރިއަށްގެންދިޔަ ކެމްޕެއިންވެސް ހިމެނެވެ. މި މާކެޓަށް ކުރިއަށް ރާވާފައިވާ ހަރަކާތްތަކުގެ ތެރޭގައި ޓީވީ ކެމްޕެއިނަކާއި ފެމިލިއަރައިޒޭޝަން ދަތުރުތަކާއި ޕްރިންޓް މެގަޒިން އިސްތިހާރުތަކާއި ޔޫއެސްޓީއޯއޭ އެނުއަލް ކޮންފަރެންސްގައި ބައިވެރިވުން ހިމެނެއެވެ.