ދީން

ހައްޖު ކޯފަރޭޝަނުން އުމްރާގެ ދަތުރުތަކަށް ފުރުޞަތު ހުޅުވާލައިފި


ހައްޖު ކޯޕަރޭޝަނުގެ ހަވާލުގައި މި އަހަރު އުމްރާއަށް ދާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައިފިއެވެ.ހައްޖު ކޯޕަރޭޝަނުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ޔާމީން އިދުރީސް ވިދާޅުވީ ހައްޖު ކޯޕަރޭޝަންގެ އަމާޒަކީ އުމްރާ ދަތުރުތަކުގެ ފެންވަރު އެއް އަހަރުން އަނެއް އަހަރަށް ރަނގަޅުކުރުން ކަމަށެވެ. އެގޮތުން މި އަހަރަށް އުމްރާގެ 3 ދަތުރެއް ރާވާފައިވާ ކަމަށާއި މި އަހަރުގެ ދަތުރުތަކުގައި ވެސް އަގު ކަނޑައަޅާފައި ވަނީ ހުރިހާ ހިދުމަތްތަކެއް ހިމަނައިގެން ކަމަށް ޔާމީން ވިދާޅުވިއެވެ."އަޅުގަނޑުމެން އަގުތައް ކަނޑައަޅަނީ ޓިކެޓާއި ވެކްސިނާއި ދަތުރުތަކާއި ހުރިހާ ހިދުމަތެއް ހިމަނައިގެން. އަގު ކަނޑައެޅުމަށް ފަހު، ފަހުން އަަގަކަށް އެއްވެސް ބަދަލެއް ހައްޖު ކޯޕަރޭޝަނުން ނުގެންނާނެ،" ޔާމީން ވިދާޅުވި އެވެ.ހައްޖު ކޯޕަރޭޝަންގެ ފުރަތަމަ ދަތުރު ޝެޑިއުލްކޮށްފައި ވަނީ މާޗް 17 އިން 26 އަށެވެ. މި ދަތުރަށް ނަން ނޯޓުކުރުމުގެ ފުރުސަތު ހުޅުވާލާފައިވާ އިރު މި މަހު 25 ގެ ކުރިން ފައިސާ ދައްކަން ޖެހޭ ކަމަށް ހައްޖު ކޯޕަރޭޝަނުން ވިދާޅުވެއެވެ. މި ދަތުރަށް ކަނޑައަޅާފައި ވަނީ 29،965 ރުފިޔާ އެވެ. މިއަހަރުގެ ދެވަނަ އުމްރާ ދަތުރު ރޯދަ މަހުގެ ފަހު ފަނަރައިގައި ކުރުމަށް ހަމަޖެހިފައިވާއިރު މާރޗް 31 ގެ ކުރިން އެދަތުރަށް ފައިސާ ދައްކަންޖެހެއެވެ. މި ދަތުރަށް ކަނޑައަޅާފައި ވަނީ 39،965 ރުފިޔާއެވެ. ރޯދަ މަހުގެ އުމްރާ އަށް މިއަދުން ފެށިގެން ފައިސާ ދައްކަން ހުޅުވާލި ނަމަވެސް ބައިބަޔަށް ފައިސާ ދެއްކޭނެ ކަމަށް ޔާމީން ވިދާޅުވިއެވެ.ހަމައެހެންމެ ހައްޖު ކޯޕަރޭޝަންގެ މިއަހަރުގެ ފަހު އުމްރާ ދަތުރު ކުރުމަށް ހަމަޖެހިފައިވަނީ ސްކޫލް ބަންދާ ދިމާކޮށް ޑިސެމްބަރު މަހުއެވެ. މި ދަތުރުގެ އަގުގެ ގޮތުގައި ހައްޖު ކޯޕަރޭޝަނުން ކަނޑައަޅާފައި ވަނީ 34،965 ރުފިޔާއެވެ. މީގެ އިތުރުން ހައްޖު ކޯޕަރޭޝަންގެ ދަތުރުތަކުގައި އަގީގާ ކަތިލަމުން އަންނައިރު، މި އަހަރު ވެސް އަގީގާ ކަތިލާން ބޭނުންވާ މީހުން ނަން ނޯޓުކުރުމުގެ ފުރުސަތުވެސް ހުޅުވާލައިފައިވާ ކަމަށް ހައްޖު ކޯޕަރޭޝަނުން ހާމަކޮށްފައިވެއެވެ.