ވިޔަފާރި

ތޮއްޑޫގެ ދަނޑުވެރި އުފެއްދުންތަކުން އިތުރު މަންފާ ހޯދޭނެ މަގު ފަހިކޮށްދެނީ


ދަނޑުވެރިކަމުގެ ވިޔަފާރިކުރާ ފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް އއ.ތޮއްޑޫގައި "ފާމް ޓު ޕްލޭޓް" އިންކިއުބޭޝަން ފެސިލިޓީއެއް އެޅުމަށް ބީސީސީއިން ތައްޔާރުވެއްޖެއެވެ.

މިއީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮމެންޓާއި ޔޫންއެންޑީޕީ އަދި އިތުރު އިދާރާތައް ގުޅިގެން ޖަޕާނު ސަރުކާރުގެ މާލީ އެހީތެރިކަމާއެކު ހިނގަމުންދާ ޕްރޮޖެކްޓް ފޯ ޑިވެލޮޕިންގ ސަސްޓެއިނަބަލް އެގްރިކަލްޗަރަލް އިކޮނޮމީ (ޕީޑީއެސްއޭއީ) ޕްރޮޖެކްޓްގެ ދަށުން ކުރިއަށްގެންދާ މަސައްކަތެކެވެ.

މި މަސައްކަތް އިމްޕްލިމެންޓް ކުރުމަށް ހަމަޖެހިފައިވަނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮމެންޓްގެ ދަށުން ހިންގަމުންދާ ބީސީސީ މެދުވެރިކޮށެވެ. މި މަސައްކަތް ކުރުމަށް ކޮންސެޕްޓް ޑިޒައިން އަދި ކުރެހުން ތައްޔާރުކޮށްދޭނެ ފަރާތަކާއި ކޮންސަލްޓެންސީ ދޭނެ ފަރާތެއް ހޯދަން ބީސީސީއިން މިހާރު ވަނީ އިއުލާންކޮށްފައެވެ.

ތޮއްޑޫގައި ތަރައްޤީކުރާ "ފާމް ޓު ޕްލޭޓް" އިންކިއުބޭޝަން ފެސިލިޓީ ގާއިމުކުރެވުމާއެކު ދަނޑުވެރިންގެ އުފެއްދުންތަކުން މަންފާ އިތުރުކޮށް ނުވަތަ ޕްރޮސެސްކޮށްގެން ވެލިއު އެޑް ކޮށް އުފެއްދުންތައް ބާޒާރަށް ނެރެވޭނެ މަގު ފަހިކޮށްދޭނެއެވެ.

ބީސީސީން ބުނީ، މި އިންކިއުބޭޝަން ފެސިލިޓީ ފަރުމާ ކުރެވިގެންދާނީ ދަނޑުވެރިންގެ އުފެއްދުންތައް ވިއްކޭނެ ފަދަ ގޮތަކަށްކަމަށެވެ. މި މަސައްކަތުގެ މަޤްސަދަކީ ތޮއްޑޫއަކީ ދަނޑުވެރިކަމުގެ ރަށަކަށްވުމުން އެރަށުގައި އުފައްދާ ތަކެތި ޕްރޮސެސްކުރެވޭނެ ގޮތެއް ހޯދައިދިނުންކަމަށެވެ. އަދި ތޮއްޑޫގެ ދަނޑުވެރިންގެ ތަކެތި ވިއްކޭނެ މަގު ފަހިކޮށްދިނުންކަމަށް ބީސީސީން ބުނެއެވެ.

ބީސީސީން ވިދާޅުވީ، މި މަސައްކަތުގެ ދަށުން ދަނޑުވެރިންނަށް ފަންނީ އެހީތެރިކަންވެސް ފޯރުކޮށްދޭނެކަމަށެވެ. އެގޮތުން އޮގޭނިކް އަދި ދެމެހެއްޓެނިވި ގޮތަކަށް ދަނޑުވެރިކަން ކުރެވޭނެ ގޮތްތަކާއި، ދަނޑުވެރިކަމުގެ އުފެއްދުންތަކުން ވެލިއު އެޑްކޮށްގެން ބާޒާރަށް ނެރޭނެ ގޮތްތަކާއި އެކަން ކުރަންވީގޮތް ދަނޑުވެރިންނަށް ދަސްކޮށްދެވިގެންދާނެކަމަށް ބީސީސީން ބުނެއެވެ.

ބީސީސީއަކީ ރާއްޖޭގެ ކުދި ވިޔަފާރިތަކާއި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް މި ސަރުކާރުން އުފައްދާފައިވާ ކުންފުންޏެކެވެ. އެ ކުންފުނިން މިހާރުވެސް ކުދި ވިޔަފާރިތައް ކުރިއެރުވުމަށް އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އޮތެންޓިކް މޯލްޑިވްސްގެ ފިހާރަތަކާއި ސީޑް ބައި ބީސީސީ އަދި ހުޅުވުމަށް މަސައްކަތްކުރާ އެސްއެމްއީ ހަބް ފާހަގަކޮށްލެވެއެވެ.