ރައީސުލްޖުމްހޫރިއްޔާ ބިޒްނަސް ސެންޓަރ ކޯޕަރޭޝަންގެ މަސައްކަތްތައް ބައްލަވާލައްވައިފިއެވެ. ބީސީސީގެ މަސައްކަތް ބައްލަވާލެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ކުރެއްވ ޒިޔާރަތުގައިވަނީ ބީސީސީން މާލޭގައި ހިންގާ ސީޑް ބައި ބީސީސީ އާއި އޮތެންޓިކް މޯލްޑިވްސްގެ ފިހާރައަށް ޒިޔާރަތްކުރައްވާފައެވެ.
ރައީސް ބީސީސީއަށް ކުރެއްވި ޒިޔާރަތުގައި އެމަނިކުފާނުގެ އަރިހުގައި އިކޮނޮމިކް މިނިސްޓަރ ފައްޔާޟް އިސްމާއިލްއާއި ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ.
ބުދަ ދުވަހުގެ ހަވީރު ރައީސް ބީސީސީއަށް ކުރެއްވި މި ޒިޔާރަތުގައި ސީޑް ބައި ބީސީސީއަށް ޒިޔާރަތްކުރައްވައި ވަނީ އެތަން ބޭނުންކުރައްވާ ބައެއް ޒުވާނުންނާއި ބައްދަލުކުރައްވާފައެވެ.
ބީސީސީގެ ސީޑްއަކީ ގިނަ ބަޔަކު އެއްތަނެއް ޝެއަރކޮށްގެން މަސައްކަތްކުރެވޭނެ ފަދަ މާހައުލެކެވެ. ސީޑް ބައި ބީސީސީގައި އަމިއްލައަށް މަސައްކަތްކުރާނެ ތަންތަނާއި ބައްދަލުވުންތައް ބާއްވާނެ ތަންތަންވެސް ހުރެއެވެ. މިއީ ވިޔަފާރިތަކާއި އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކަށް އޮފީސް މަސައްކަތް ކޮށްލާނެ ފަހި މާހައުލެއް ޤާއިމްކޮށްދިނުމަށް ބީސީސީއިން ޤާއިމްކޮށްދީފައިވާ ތަނެކެވެ.
ސީޑްގެ އިތުރުން ރައީސް ވަނީ މާލޭގައި ހުންނަ އޮތެންޓިކް މޯލްޑިވްސްގެ ފިހާރައަށްވެސް ޒިޔާރަތްކުރައްވާފައެވެ. އަދި މިތަނުގައި ދިވެހި އުފެއްދުންތެރިން ތައްޔާރުކޮށްފައި ހުރި ދިވެހި އުފެއްދުންތައް ރައީސް ވަނީ ބައްލަވާލައްވާފައެވެ.
57 ވިޔަފާރިވެރިންނާއިއެކު ފަށައިގެންއައި އޮތެންޓިކް މޯލްޑިވްސްގެ ފިހާރަތަކުގައި މިހާރު 180 ވިޔަފާރިވެރިން އަންނަނީ 3500 އަށްވުރެ ގިނަ އުފެއްދުންތައް ވިއްކަމުންނެވެ.
އޮތެންޓިކް މޯލްޑިވްސްއަކީ އިކޮނޮމިކް މިނިސްޓްރީގެ އިސްނެންގެވުމުގެ ދަށުން ބީ.ސީ.ސީ.އިން ދިވެހި ވިޔަފާރިވެރިންގެ އުފެއްދުންތައް ކުރިއެރުވުމަށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ. އޮތެންޓިކް މޯލްޑިވްސްގެ ފިހާރައެއް އެންމެ ފުރަތަމަ ހުޅުވާފައިވަނީ 2020ވަނަ އަހަރުއެވެ.
މިއަދު އޮތެންޓިކްގެ ފިހާރަތައް ވެފައިވަނީ ދިވެހި ކުދި ވިޔަފާރިތަކާއި މެދު ފަންތީގެ ވިޔަފާރިތައް ކުރިއަރުވައިދޭ މަގަކަށެވެ. އޮތެންޓިކް މޯލްޑިވްސްގެ 4 ފިހާރައެއް މިހާރުވެސް އަންނަނީ ހިންގަމުންނެވެ.