ޚަބަރު

ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ޗުއްޓީ ހޭދަކޮށްލަން ފަސޭހަ ޤައުމަކަށް ރާއްޖެ ހަދަނީ


ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށްވެސް ރާއްޖެއަކީ ޗުއްޓީ ހޭދަކޮށްލަން ފަސޭހަ ޤައުމަކަށް ހެދުމަށް މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށް މިނިސްޓަރ އޮފް ޓޫރިޒަމް ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

އިންޓަނޭޝަނަލް މޯލްޑިވްސް ޓްރެވެލް މާކެޓް، އައިއެމްޓީއެމް ފެއަރގެ ތެރެއިން ނޫސްވެރިންނާއި ވާހަކަފުޅުދައްކަވަމުން ޓޫރިޒަމް މިނިސްޓަރ މައުސޫމް ވިދާޅުވީ، ހުރިހާ އެންމެންނަށްވެސް ރާއްޖެއަކީ ޗުއްޓީއަށް އާދެވޭނެ ފަދަ މަންޒިލަކަށް ހެދުން މުހިންމު ކަމަށެވެ. އަދި މި ދާއިރާއިން ރާއްޖެއަކީ އެންމެ ކުރީ ސަފުގައި ގުނާލެވޭ ޤައުމަކަށް ހެދުމަށް މަސައްކަތްކުރަމުންދާ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

" އެއީ ވަރަށް ބޮޑު މާކެޓެއްވެސްމެ، އެބަހުރި ޗެލެންޖާސްތައް، ދަތުރުފަތުރުގެ ދަތިކަން ޚާއްސަކޮށް، ފެެރީ ނިޒާމްގެ ތެރެއިންވެސް އެކަމަށްވަނީ އިސްކަން ދީފަ." މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވަނީ ރާއްޖޭގެ ބައެއް ޓޫރިސްޓު ފެސިލިޓީތަކުގައިވެސް ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށްވެސް ރާއްޖޭގެ ފަތުރުވެރިކަން ތަޖުރިބާކޮށްލުމުގެ އިންތިޒާމްތައް ހަމަޖައްސާފައިވާކަން ފާހަގަކުރައްވާފައެވެ.

އަދި ފަތުރުވެރިކަމުގެ އެކި ދާއިރާތަކުން ރާއްޖެ ކުރިއަރަމުންދާއިރު، ރާއްޖޭގެ ފަތުރުވެރިކަމަކީ ހުރިހާ ފަރާތްތަކަށް ތަފާތު ކުރުމެއް ނެތި، ހުޅުވާލެވިފައިވާ މަންޒިލަކަށް ހެދުމަކީ މުހިއްމު ކަމެއް ކަމަށް މިނިސްޓަރ މައުސޫމް ވިދާޅުވިއެވެ.

" ރާއްޖެ ތަފާތު އެކި ގޮތްގޮތުން މަޝްހޫރުވެގެންދާއިރު، ޒިންމާދާރުކަމާއެކު ކުރަންޖެހޭ ކަމެއް ކަމަށް ބެލެވިގެން، ސްޕެޝަލް ނީޑީ މީހުންނަށް ރާއްޖެއަކީ ފަހި މަންޒިލަކަށް ހެދުމަށް މަސައްކަތް މި ކުރެވެނީ." މިނިސްޓަރ ވިދާޅުވިއެވެ.

ދުނިޔޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ރާއްޖެއަކީ މަޤްބޫލު މަންޒިލެކެވެ. މިއާއެކު ރާއްޖެވެފައިވަނީ ގިނަ ބައެއްގެ 'ބަކެޓު ލިސްޓު'ގައި ހިމެނޭ ޤައުމަކަށެވެ. އެހެންކަމުން ރާއްޖެއަކީ އެންމެންނަށްވެސް ހުޅުވާލެވިފައިވާ، ފަސޭހަ ކަމާއެކު ޗުއްޓީ ހޭދަކޮށްލެވޭ މަންޒިލަކަށް ހެދުމަށް ތަފާތު އެކި ދާއިރާތަކުން ސަރުކާރުން ގެންދަވަނީ މަސައްކަތްކުރައްވަމުންނެެވެ.