ސިއްހަތު

ޓްރީޓޮޕް ހޮސްޕިޓަލް މިއަހަރުގެ ނިޔަލަށް އިމާރާތްކޮށް ނިންމަނީ


ޓްރީ ޓޮޕް ހޮސްޕިޓަލަކީ ރާއްޖޭގައި މިހާތަނަށް ޓާރޝަރީ ފެންވަރުގައި ތަރައްޤީކުރެވިގެންދާ ފުރަތަމަ ހޮސްޕިޓަލެވެ. މިހޮސްޕިޓަލު ޢިމަރާތްކުރުމުގެ މަސައްކަތް މިއަހަރުގެ ނިޔަލަށް ނިންމާލުމަށް ޓްރީޓޮޕް ހެލްތް ޕްރައިވެޓް ލިމިޓެޑުން ދަނީ މަސައްކަތް ކުރަމުންނެވެ.މި ހޮސްޕިޓަލުން ދެކުނު އޭޝިޔާއާއި ދެކުނު އިރުމަތީ އޭޝިޔާގެ ހޮސްޕިޓަލްތަކާ އެއްފެންވަރެއްގެ ޚިދުމަތްތަކެއް ދެވިގެންދާނެކަމަށްވެސް އެކުންފުނިން ބުނެއެވެ. ހުޅުމާލޭގައި އަލަށް ޢިމާރާތްކުރާ ޓްރީ ޓޮޕް ހޮސްޕިޓަލަކީ ރާއްޖޭގައި ޤާއިމުކުރެވޭ ފުރަތަމަ މަލްޓި ސްޕެޝަލިސްޓް ހޮސްޕިޓަލެވެ. މިއީ މިހާތަނަށް ރާއްޖޭގެ ޞިއްޙީ ދާއިރާއަށް އަމިއްލަ ކުންފުންޏަކުން ކުރާ އެންމެ ބޮޑު އިންވެސްޓްމަންޓެވެ. އެގޮތުން މުޅި މި ޕްރޮޖެކްޓަށް 80 މިލިއަނަށް ވުރެގިނަ ޑޮލަރު ޚަރަދުވާނެކަމަށް ޓްރީ ޓޮޕް ހެލްތް ޕްރައިވެޓް ލިމިޓެޑުން ހާމަކުރެއެވެ. ރާއްޖޭގެ ޞިއްޚީ ދާއިރާއަށް ކުރިއެރުންތަކެއް ހޯދައިދީ، ޢާއްމުންނަށް ފެންވަރު ރަނގަޅު ޚިދުމަތެއް ފޯރުކޮށްދިނުމުގެ މަޤުޞަދުގައި ބިނާކުރާ މި ހޮސްޕިޓަލްގެ މަޝްރޫޢާއެކު ޞިއްޙީ ދާއިރާއަށް ބޮޑު އިންޤިލާބެއް އަންނާނެކަމަށް އެކުންފުނިން ސިފަކުރެއެވެ. ހުޅުމާލޭގައި ބިނާކުރަމުން އަންނަ 170 އެނދުގެ ޓްރީ ޓޮޕް ހޮސްޕިޓަލު ޢިމާރާތްކުރަނީ ތުރުކީވިލާތުގެ މަޝްހޫރު ކުންފުންޏެއް ކަމަށްވާ، ޓާރމެކްސްއާ ޙަވާލުކޮށްގެންނެވެ. އަދި ހޮސްޕިޓަލު އޮޕަރޭޓްކޮށް ހިންގުމުގެ މަސައްކަތް ކުރުމަށް ޙަވާލުކޮށްފައި ވަނީ މެލޭޝިއާ އަދި އޮސްޓްރޭލިއާގައި ޞިއްޙީ ޚިދުމަތް ދިނުމުގައި ޙަރަކާތްތެރިވަމުން އަންނަ ކުންފުންޏެއް ކަމަށްވާ ރެމްސޭ ސިމް ޑާރބީއާއެވެ. (ޓްރީޓޮޕް ހޮސްޕިޓަލް އިމާރާތްކުރުމުގެ މަސައްކަތުގެ ތެރެއިން / ފޮޓޯ: ޕީ.އެސް.އެމް ނިއުސް)މި ހޮސްޕިޓަލް ފަރުމާކުރެވިފައިވަނީ 2 ޢިމާރާތުގެ މައްޗަށެވެ. އެއް ޢިމާރާތަކީ 6 ބުރީގެ ޢިމާރާތެކެވެ. މި ޢިމާރާތް ޚާއްޞަކުރަނީ، ޑޮކްޓަރަށް ދެއްކުމާއި، އެކި ކަހަލަ ފަރުވާދިނުމަށެވެ. އަނެއް ޢިމާރާތަކީ ސަޕޯޓް ޢިމާރާތެއްގެ ގޮތުގައި 8 ބުރިއަށް އިމާރާތްކުރާ އިމާރާތެކެވެ. 8 ބުރީގެ ޢިމާރާތުގައި ސްޓޭންބައި ޖަނަރޭޓަރާއި، ރެސްޓޯރަންޓާއި، 8 ފަންގިފިލާގެ އެކޮމަޑޭޝަން އިންތިޒާމްތައް ހިމެނޭނެއެވެ. މިތަނަށް ބޭނުންވާ މެޝީނަރީޒާއި އިކިއުއިޕްމަންޓްސް، ޑޮކްޓަރުންނާއި ސްޕޭޝަލިސްޓުން އަދި ނަރުހުން ހޯދުމުގެ މަސައްކަތް ކުރާނީ ހޮސްޕިޓލް އޮޕަރެޓްކުރަން ޙަވާލުވެފައިވާ ރެމްސޭ ސިމް ޑާރބީންނެވެ.ޓްރީ ޓޮޕް ހެލްތް ޕްރައިވެޓް ލިމިޓެޑްގެ ޑިރެކްޓަރ އަޙުމަދު ސަލީމް ވިދާޅުވީ، މިތަނުގައި އެކްސިޑެންޓް އަދި އިމަރޖެންސީ ޚިދުމަތް 24 ގަޑިއިރުގެ ލިބެން ހުންނާނެކަމަށެވެ. އަދި ހޮސްޕިޓަލުން ފަރުވާދިނުމުގައި އެންމެ އިސްކަމެއް ދޭނީ ބަލިމީހާ ޑޮކްޓަރަށް ދައްކައި، ފަރުވާލިބިގަތުމަށް ހޭދަކުރަންޖެހޭ ވަގުތު އެންމެ މަދުވާނެ ގޮތަށްކަމަށެވެ. ސަލީމް ވިދާޅުވީ، ޓްރީ ޓޮޕް ހޮސްޕިޓަލުން ފެނިގެންދާނެ އެންމެ ޚާއްޞަ އެއްކަމަކީ ރާއްޖޭގައި "ޕޭޕަރލެސް" ކޮށް ޚިދުމަތްދޭ ފުރަތަމަ ހޮސްޕިޓަލަށް އެތަން ވުންކަމަށެވެ.މި ހޮސްޕިޓަލުން ދޭނެ ބައެއް މުހިއްމު ޚިދުމަތްތަކަށް ބަލާއިރު، ސްޕެޝަލިސްޓުންގެ ޚިދުމަތް، އިމޭޖިން ސެންޓަރގެ ޚިދުމަތް، ޑަޔަލިސިސް ސެންޓަރގެ ޚިދުމަތް އަދި ލެބޯރަޓޮރީގެ ޚިދުމަތް ހިމެނެއެވެ. އަދި ސުޕަރ ސްޕޭޝަލިޓީ ޚިދުމަތްތަކުގެ ގޮތުގައި ހިތުގެ ބަލީގެ އެކިކަހަލަ އޮޕަރޭޝަންތައް ކުރުމާއި، ކެންސަރު ބަލީގެ މީހުންނަށް ކީމޯތެރެޕީގެ ފަރުވާދިނުން ހިމެނޭނެކަމަށް ސަލީމް ވިދާޅުވިއެވެ. (ޓްރީޓޮޕް ހޮސްޕިޓަލް އިމާރާތްކުރުމުގެ މަސައްކަތުގެ ތެރެއިން / ފޮޓޯ: ޕީ.އެސް.އެމް ނިއުސް)ޓްރީ ޓޮޕް ހޮސްޕިޓަލް ޢިމާރާތްކުރުމުގެ މަސައްކަތް ބާރު ދުވެއްޔެއްގައި މިހާރު ކުރިއަށްދާއިރު، ޓްރީ ޓޮޕް ހެލްތް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ދަނީ ހޮސްޕިޓަލުގެ ހުޅުވުމުގެ ކުރިން އިދާރީގޮތުން ވާންޖެހޭ ތައްޔާރީތައް ވަމުންނެވެ. އެގޮތުން ހޮސްޕިޓަލަށް ބޭނުންވާ މެޝިނަރީއާއި އިކިއުއިޕްމަންޓް ހޯދައި، އެތަކެތި އިންސްޓޯލްކޮށް، 9 އަހަރު ދުވަހަށް މެއިންޓެނެސް މަސައްކަތް ކޮށްދިނުމަށް ފިލިޕްސް ކުންފުންޏާއެކު އެއްބަސްވެވިފައިވާ ކަމަށް އެކުންފުނިން ހާމަކުރެއެވެ. ޓްރީ ޓޮޕް ހޮސްޕިޓަލް ޢިމާރާތްކުރުމުގެ މަސައްކަތް ކުރިއަށްދާގޮތް ބަލާލުމަށް ޕީ.އެސް.އެމްގެ ޓީމުން ކުރި ދަތުރުގައި އެމަސައްކަތް ޙަވާލުކޮށްފައިވާ ޓަރމެކްސް ކުންފުނީގެ ޕްރޮޖެކްޓް މެނޭޖަރ މުޞްތަފާ ޙަސަނާއި ވާހަކަދައްކާލީމެވެ. އޭނާ ވިދާޅުވި ގޮތުގައި މިހާރު މަސައްކަތް ކުރިއަށްދާ ސްޕީޑަށް ބަލާނަމަ، މާރޗް މަހުގެ ނިޔަލަށް ހޮސްޕިޓަލުގެ ސްޓްރަކްޗަރ މުޅިން ނިމި، ނޮވެމްބަރު މަހުގެ ނިޔަލަށް އިންޓީރިއާ ޑިޒައިނިންނާއެކު މުޅި ހޮސްޕިޓަލުގެ މަސައްކަތް ނިންމާލެވޭނެ ކަމަށެވެ.ޓްރީ ޓޮޕް ހޮސްޕިޓަލު ޢިމާރާތްކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިދިޔަ އަހަރުގެ އޭޕްރީލްމަހުއެވެ. މި ހޮސްޕިޓަލް ޢިމާރާތްކޮށް ނިންމުމަށް ހަމަޖެހިފައިވަނީ 11 ނޮވެމްބަރު 2016 ގައެވެ. އަދި ހޮސްޕިޓަލް ހުޅުވަން ކަނޑައަޅާފައިވާ ތާރީހަކީ 1 މާޗު 2017 އެވެ.