މަންޓާ އެއަރގެ ޓާޗަރު ދަތުރުތައް ހޯރަފުށީ އެއަރޕޯޓަށް ފަށައިފިއެވެ. ދަތުރު ފެށުމަށް ބޭއްވި ޓެސްޓް ޕްލައިޓް މިއަދު ވަނީ ބާއްވާފައެވެ. މި ދަތުރުގައި މަންޓާ އެއަރއާއި ރީޖަނަލް އެއަރޕޯޓްސްގެ އިސްވެރިން ވަނީ ބައިވެރިވެފައެވެ.
މަންޓާ އެއަރއިން ހއ.ހޯރަފުށީ އެއަރޕޯޓަށް ޗާޓަރ ދަތުރުތައް ފަށާފައިވަނީ ޖޭއޭ މަނަފަރު މޯލްޑިވްސް ރިސޯޓްސްއާ ގުޅިގެންނެވެ. ހޯރަފުށީ އެއަރޕޯޓާއި ރީޖަނަލް އެއަރޕޯޓްސްއިންވަނީ ޓެސްޓް ފްލައިޓަށް ހޫނު މަރުހަބާއެއް ކިޔާފައެވެ.
މަންޓާ އެއަރއިން ބުނީ މިމަހުގެ 6ވަނަ ދުވަހުން ފެށިގެން ކޮންމެ ދުވަހަކުވެސް އެ އެއަރލައިންގެ ޓާޗަރު ދަތުރުތައް ހޯރަފުށީ އެއަރޕޯޓަށް ކުރާނެކަމަށެވެ. މި ދަތުރުތަކުގައި އެ އެއަރލައިނުން ބޭނުންކުރާނީ އެންމެ ފަހުން އެ ކުންފުނިން ގެނައި ބީޗް ކްރާފްޓްގެ ބޯޓެކެވެ.
މަންޓާގެ ޗާޓަރ ދަތުރުތައް ހޯރަފުށީ އެއަރޕޯޓަށް ފެށުމާއި ގުޅިގެން ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން މަންޓާގެ ސީއީއޯ މުހައްމަދު ހަލީލް ވިދާޅުވީ، ޖޭއޭ މަނަފަރާއި ގުޅިގެން ކޮންމެ ދުވަހަކުވެސް މަންޓާ އެއަރގެ 2 ޓާޗަރ ދަތުރު ހޯރަފުށީ އެއަރޕޯޓަށް ކުރާނެކަމަށެވެ. އަދި މި ދަތުރުތަކުގައި ޖާގަ ހުރި މިންވަރަކުން ފަތުރުވެރިންގެ އިތުރުން ދިވެހިންނަށްވެސް ދަތުރު ކުރުމުގެ ފުރުސަތު ލިބިގެންދާނެކަމަށް ހަލީލް ވިދާޅުވިއެވެ.
"ޖޭއޭ މަނަފަރާއި އަޅުގަނޑުމެންނާއިވެސް ވާހަކަދެކެވުނު ގޮތައް މީގެ ބެނެޕިޓް ލޯކަލްއަށްވެސް ލިބިގެންދާނެ. އަޅުގަނޑުމެންގެ ޕްލޭންއަކީ ކަންތައްތަކަށް ބަލާފައި ޑިމާންޑް އޮންނަ ވަރަކަށް ފްރިކުއެންސީވެސް އިތުރުކުރެވޭނެ. މިއީ ފެށުމެއްކަމަށް ބަލަންޖެހޭނީ. މީގެ ފައިދާ ރައްޔިތުންނަށް ލިބިގެންދާނެ. މިތަނުގައި ގެސްޓްހައުސް ހުންނަ މީހުންނަށްވެސް މީހުން ޓްރާންސްފަރ ކުރުމުގައި ފަސޭހަތަކެއް ލިބިގެންދާނެ. ފިކްސްޑް ޝެޑިއުލްއެއްގެ ގޮތުގައި އަޅުގަނޑުމެން މިކަންތައް ކުރާނީ. ބުނެފައި ހުރި ޓައިމްތަކަށް އަންނާނެ. މަންތާގެ އެކްސްޕީރިއަންސް ވަރަށް ތަފާތުވާނެ އެހެން އެއަރކްރާފްޓްތަކާއި އަޅާބަލާއިރު" ހަލީލް ވިދާޅުވިއެވެ.
ޖޭއޭ ރިސޯޓްސް އެންޑް ހޮޓެލްސްގެ ވައިސް ޕްރެޒިޑެންޓްއިން އޮޕަރޭޝަންސް ވިލިއަމް ބުނީ މިފްލައިޓްތަކުގެ ސަބަބުން އެ ރިސޯޓަށް ފަތުރުވެރިން ގެނައުމަށް އެހީތެރިވެދޭނެކަމަށެވެ. އަދި އެ ރިސޯޓްގެ ސީއެސްއާރުގެ ދަށުން މި ފްލައިޓްތަކުގައި ދިވެހިންނަށް ދަތުރުކުރުމުގެ ފުރުސަތުވެސް ލިބިގެންދާނެކަމަށެވެ.
ހޯރަފުށީ ކައުންސިލްގެ ރައީސް މުހައްމަދު ވަހީދު ވިދާޅުވީ، މިއީ ރައްޔިތުން ވަރަށް އުންމީދު ކޮށްގެން ތިބި ކަމެއްގެ ފެށުންކަމަށެވެ. މަންޓާ އެއަރގެ ދަތުރުތައް ހޯރަފުށީ އެއަރޕޯޓަށް ރަސްމީކޮށް ފެށުނު ހިސާބުން ފެށިގެން ވަރަށް ގިނަގުނަ ފައިދާތައް އެ ސަރަހައްދަށާއި ރައްޔިތުންނަށް ލިބިގެންދާނެކަމަށެވެ.
"މީގެ ސަބަބުން ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރައްވާ ފަރާތްތަކަށް ވަރަށް ބޮޑު ލުއިފަސޭހަތަކެއް ލިބިގެންދާނެ. ހަޤީގަތުގައި މި ސަރަހައްދުގެ ރިސޯޓްތަކަށްވެސް ވަރަށް ބޮޑު ލުއިފަސޭހަތަކެއް ލިބިގެންދާނެ. އާންމު ރައްޔިތުންނަށްވެސް ހޯރަފުށީ އެއަރޕޯޓުން ދުވާލަކު 2 ދަތުރު ކުރެވޭކަން އެއީ ރައްޔިތުންނަށް މީގެކުރިން އޮތް ގޮންޖެހުން ހައްލުވެގެންދާނެ ސަބަބެއްކަމުގައި އަޅުގަނޑުވެސް ދެކެން." މުހައްމަދު ވަހީދު ވިދާޅުވިއެވެ.
މަންޓާ އެއަރއިން ހޯރަފުއްޓަށްކުރާ ޗާޓަރ ދަތުރުތަކުގައި ބޭނުންކުރާނީ 18 މީހުންގެ ޖާގައިގެ އެއަރކްރާފްޓެކެވެ. މި އެއަރކްރާފްޓް ޕްރައިވެޓް ޗާޓަރއަށްވެސް ހުޅުވާލާފައިވާކަމަށް މަންޓާއިން ބުނެއެވެ.