ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްޤީކުރި ފުރަތަމަ ސްކޫލްގެ މަސައްކަތް ނިންމައި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗްޑީސީއާ ހަވާލުކޮށްފިއެވެ. "އަހްމަދު ކާމިލްދީދީ ޕްރައިމަރީ ސްކޫލް"ގައި އަންނަ އާދީއްތަ ދުވަހުން ފެށިގެން ކިޔަވައިދިނުން ފަށާނެކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ.އާއިޝަތު ޢަލީވަނީ ވިދާޅުވެފައެވެ.
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި މީހުން އާބާދުވާން ފެށިތާ އަހަރެއް މިވަނީ ވެފައެވެ. އެންމެ ބޮޑު އާބާދީއެއް ދިރިއުޅުން ބަދަލުކޮށްފައިވަނީ ހުޅުވާލޭގެ ދެވަނަ ފިޔަވަހީގައި ތަަރައްޤީކޮށްފައިވާ ހިޔާ ހައުސިން ޔުނިޓްތަކަށެވެ.
6720 ހައުސިން ޔުނިޓް ޢަމާޒުކޮށްފައިވަނީ 40000އަށްވުރެ ބޮޑު އާބާދީއަކަށެވެ.
"އަޙުމަދު ކާމިލްދީދީ ޕްރައިމަރީ ސްކޫލް" ތަރައްޤީކޮށްފައިވަނީ ހިޔާ ފްލެޓްތައް ހިމެނޭ ސަރަޙައްދުގައެވެ. މި ސްކޫލް ތަރައްޤީކޮށްފައިވަނީ ހިޔާ ޓަވަރު 3އާއި 4ގެ ކުރިމައްޗަށް އޮތް ހުސް ބިމުގައެވެ. މި ސްކޫލްގެ އެންމެބޮޑު ބޭނުމަކީވެސް ހިޔާއަށް ބަދަލުވި، އާއިލާތަކުގެ ކުދިންނަށް ފަސޭހައިން ކިޔެވަން ދެވޭނެ މަގު ފަހިކޮށްދިނުމެވެ.
ސްކޫލްގެ މަސައްކަތް އެސްޖޭ ކޮންސްޓްރަކްޝަނާ ޙާވާލުކޮށް، ޢަމަލީ މަސައްކަތް ފެށީ މިއަހަރުގެ އޭޕްރިލް އެއްވަނަ ދުވަހުއެވެ.
އަޙުމަދު ކާމިލް ދީދީ ޕްރައިމަރީ ސްކޫލަކީ 824 ކުދިންގެ ޖާގައިގެ ސްކޫލެވެ. ސްކޫލްގައި 24 ކްލާސްރޫމް ވަނީ ތަރައްޤީކޮށްފައެވެ. އަޙުމަދު ކާމިލް ދީދީ ޕްރައިމަރީ ސްކޫލަށް، މިއަހަރުގެ ދިރާސީ އާ އަހަރާއެކު ވަނީ ކުދިން ނަގާފައެވެ. ނަމަވެސް ސްކޫލްގެ މަސައްކަތްތައް ނުނިމޭތީ އެކުދިން، މި ފާއިތު އެއް މަސް ދުވަހު ކިޔަވަން ގޮސްފައިވަނީ ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ސްކޫލްތަކަށެވެ.
މިއީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަލަށް ކިޔަވައިދޭން ފަށާ ސްކޫލެވެ. ސްކޫލްގެ ކޮންސްޓްރަކްޝަން ހުރިހާ މަސައްކަތްތައް ނިންމާ މިހާރު މިވަނި ސްކޫލް އެޗްޑީސީއާ ހަވާލުކޮށްފައެވެ.
Director of SJ Construction Pvt Ltd, Shihad Ibrahim handed over the first school of many to be developed in Hulhumalé Phase 2 to HDC. #MyHulhumalé @MoEdumv pic.twitter.com/ewOr5Xwjeh
— HDC (@hdcmaldives) September 1, 2022
އެސް.ޖޭ ކޮންސްޓްރަކްޝަނާ ވަނީ 2 ސްކޫލެއްގެ މަސައްކަތް ހަވާލުކޮށްފައެވެ. ދެވަނަ ސްކޫލް "ޖަމީލްދީދީ ޕްރީ ސްކޫލް"ވެސް މި ސެޕްޓެމްބަރު މަހުގެ ތެރޭގައި ހުޅުވައި ކިޔަވައިދޭން ފަށާނެކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ.އާއިޝަތު އަލީ ވަނީ ވިދާޅުވެފައެވެ.
މި ސްކޫލުންވެސް 800އެއްހައި ކުދިންނަށް ޖާގަ ދިނުމަށް ވަނީ ހަމަޖެހިފައެވެ. ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އެއްމެ ފުރަތަމަ މަސައްކަތް ފެށި ސްކޫލަކީ "ސަލާހުއްދީން ސްކޫލް"އެވެ. މިއީ 1200 ދަރިވަރުންގެ ޖާގައިގެ ސްކޫލެކެވެ.
މީގެއިތުރުން ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ސީއެޗްއެސްސީގެ އާ އިމާރާތާއި، ކުވެއިތުގެ އަލް ޖެރީ ހޯލްޑިން ގްރޫޕުން ހަދަމުންދާ އަޖިއަލް ބައިލިންގުއަލް ސްކޫލް ހިމެނެއެވެ.
އެޑިއުކޭޝަން މިނިސްޓްރީއިން ވިދާޅުވީ މިވަގުތު ހުޅުމާލެ ދެވަނަ ފިޔަަހީގައި ހަދަމުންދާ ސްކޫލުތަކުގެ މަސައްކަތް ނިމުމުން 6000 ދަރިވަރުންނަށް ޖާގަ ލިބިގެންދާނެ ކަމަށެވެ.