ވިޔަފާރި

އެގްރޯނެޓްގެ ސްޓާޓްއަޕް ޕެކޭޖް : 286 ފަރާތަކަށް 4.9 މިލިއަން ރުފިޔާގެ ތަކެތި


އެގްރޯ ނެޓުން ދަނޑުވެރިންނަށް ދޫކުރާ "ސްޓާޓް އަޕް" ޕެކޭޖްގެ ދަށުން މިހާތަނަށް 4.9 މިލިއަން ރުފިޔާގެ ތަކެތި ދަނޑުވެރިންނަށް ދޫކޮށްފައިވާކަމަށް އެ ކުންފުނިން ވިދާޅުވެއްޖެއެވެ.

އެގްރޯ ނޭޝަނަލް ކޯޕަރޭޝަނުން މި ޕެކޭޖް ތައާރަފްކޮށްފައިވަނީ ކޮންޓްރެކްޓް ފާމިން މަޝްރޫއުއާއެކުއެވެ.

އެގްރޯނެޓުން ދަނޑުވެރިންނަށް ދޫކުރާ "ސްޓާޓް އަޕް ޕެކޭޖް" ނެގޭނީ އެކުންފުނިން ކުރިއަށްގެންދާ ކޮންޓްރެކްޓް ފާމިންގ މަޝްރޫއުގައި ބައިވެރިވެފައިވާ ދަނޑުވެރިންނަށެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން އެގްރޯނެޓްގެ މެނޭޖިންގ ޑިރެކްޓަރ ހާރޫން ރަޝީދު ވިދާޅުވީ، އެގްރޯނެޓުން ރާއްޖޭގެ ގިނަ ރަށްރަށަށް ޒިޔާރަތްކޮށް ދަނޑުވެރިކަމާއި ގުޅޭ އަދި އެ ކުންފުނިން ކުރިއަށްގެންދާ ކޮންޓްރެކްޓް ފާމިންއާއި ގުޅޭ މައުލޫމާތު ފޯރުކޮށްދީފައިވާކަމަށެވެ. އެގްރޯނެޓާއި ގުޅިގެން 713 ދަނޑުވެރިއަކު މިހާރު އަންނަނީ މަސައްކަތް ކުރަމުންނެވެ. އަދި އެ ކުންފުންޏާއި ގުޅިގެން މަސައްކަތްކުރުމުގެ ޝައުގުވެރިކަން 1805 ދަނޑުވެރިން ވަނީ ފާޅުކޮށްފައެވެ.

އެގްރޯނެޓާއިއެކު މަސައްކަތްކުރާ ދަނޑުވެރިންނަށް ދަނޑުވެރިކަން ކުރަން ބޭނުންވާ ތަކެތިވެސް އެ ކުންފުނިން އަންނަނީ ފޯރުކޮށްދެމުންނެވެ. އެގޮތުން މިހާތަނަށް 286 ފަރާތަކަށް 4.9 މިލިއަން ރުފިޔާގެ ތަކެތި ދޫކޮށްފައިވާކަމަށް ހާރޫން ވިދާޅުވިއެވެ.

" 713 ފަރާތަކާއެކު މިހާރު ވަނީ ކޮންޓްރެކްޓްގައި ސޮއިކޮށްފައި. އެފަރާތްތަކުގެ ތެރެއިން މިހާތަނަށް އަޅުގަނޑުމެންނަށް މި މަސައްކަތް ފެށުމަށް ބޭނުންވާ ތަކެތީގެ އެހީތެރިކަން ފޯރުކޮށްދެވިފައިއެބަވޭ 339 ފަރާތަކަށް. އެ 339 ފަރާތޭ މިބުނީ ސްޓާޓްއަޕް ޕެކެއްގެ ގޮތުގައި އަޅުގަނޑުމެންނާއި ހަމައަށް މި ތަކެތި ހޯދުމަށް ހުށައަޅާފައިވާ ފަރާތްތައް. މީގެތެރެއިން 286 ފަރާތަކަށް އަޅުގަނޑުމެން ވާނީ ތަކެތި ފޯރުކޮށްދީފައި. ގާތްގަނޑަކަށް މީގެ ވެލިއުއަށް ބަލާއިރުގައި 4.9 މިލިއަން ރުފިޔާގެ ތަކެތި އަޅުގަނޑުމެން މި ފޯރުކޮށްދިނީ ދަނޑުވެރިންނަށް." ހާރޫން ވިދާޅުވިއެވެ.

އެގްރޯނެޓްގެ "ސްޓާޓް އަޕް" ޕެކޭޖްގެ ދަށުން ދަނޑުވެރިކަން ފަށައިގަންނަން ބޭނުންވާ ހުރިހާ އާލާތްތަކެއް ދޫކުރެއެވެ. އޭގެތެރޭގައި މުޑުވަށް އިންދަން ބޭނުންވާ ފާޓިލައިޒަރ، ގަސްތަކަށް ފެންދޭނެ ހޮޅި، ގަހަށް ޖަހަންޖެހޭ ބޭހާއި ކެމިކަލްއާއި، އުދެލި ފަކީރާ ފަދަ ތަކެތި ހިމެނެއެވެ.

މި ޕެކޭޖްގެ ދަށުން ތަކެތި ދޫކުރަނީ އިންސްޓޯލްމަންޓް އުސޫލުންނެވެ. އެގްރޯނެޓުން ވިދާޅުވީ، މި ޕެކޭޖަށް ފައިސާ ދެއްކުމަށް ދަނޑުވެރިންނަށް ފަސޭހަ ގޮތްތަކެއް ފަހިކޮށްދީފައިވާކަމަށެވެ. އެގޮތުން ދަނޑުވެރިން ތަކެތި ހެއްދުމަށްފަހުގައި ތަކެތި ވިއްކާފައި ލިބޭ ފައިސާއިން އިންސްޓޯލްމަންޓަށް ލޯނު ދެއްކޭނެއެވެ. އަދި ދަނޑުވެރިޔާއަށް ފަސޭހަކަމާއެކު އިންސްޓޯލްމަންޓަށް ދެއްކޭ އަދަދެއް އިންސްޓޯލްމަންޓަށް ބަހާލައިގެންވެސް ޕެކޭޖަށް ފައިސާ ދެއްކޭނެއެވެ.

އެގްރޯނެޓުން އެންމެ ފުރަތަމަ މަސައްކަތް ފެށިއިރު އެ ކުންފުންޏާއި ގުޅިގެން މަސައްކަތް ފެށީ 10 ރަށެއްގައެވެ. ނަމަވެސް މިހާރު އެ ކުންފުނިން އަންނަނީ 38 ރަށެއްގައި ދަނޑުވެރިންނާއިއެކު މަސައްކަތް ކުރަމުންނެވެ.