ޚަބަރު

ހަންގޭރީގެ ސްކޮލަރޝިޕް ދިވެހި 13 ދަރިވަރަކަށް


ހަންގޭރީގެ 9 ޔުނިވަރސިޓީއެއްގައި ކިޔެވުމުގެ ފުރުސަތު ދިވެހި 13 ދަރިވަރަކަށް ލިބިއްޖެއެވެ.

ސްޓައިޕެންޑިއަމް ހަންގޭރިކަމް ސްކޮލަރޝިޕްއަކީ މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން އާއި މިނިސްޓްރީ އޮފް ފޮރިން އެފެއަރސް އެންޑް ޓްރޭޑް އޮފް ހަންގެރީއާ ދެމެދު މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 8 ވަނަ ދުވަހު ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން ދިވެހި ދަރިވަރުންނަށް ދޭން އެއްބަސްވެފައިވާ ކޯސްތަކެކެވެ.

ދިވެހި ސަރުކާރާއި ހަންގޭރީ ސަރުކާރާއި ދެމެދުވެފައިވާ އެއްބަސްވުމުގެ ދަށުން ތިން އަހަރު ދުވަހުގެ ތެރޭގައި ދިވެހި 48 ދަރިވަރަކަށް ހަންގޭރީގައި ކިޔެވުމުގެ ފުރުސަތު ވަނީ ހަމަޖެހިފައެވެ. މީގެ ދަށުން 13 ދަރިވަރަކަށް ސްކޯލަރޝިޕްގެ ފުރުސަތު މިއަހަރު ވަނީ ލިބިފައެވެ. މިކުދިން ކިޔަވާނީ ހަންގޭރީގެ 9 ޔުނިވަރސިޓީއަކުންނެވެ. މިކުދިންގެ ކިޔެވުން ސެޕްޓެމްބަރު މަހު ފެށުމަށް ހަމަޖެހިފައިވާކަމަށް ހަޔަރ އެޑިއުކޭޝަނުން ވިދާޅުވެއެވެ. ސްކޯލަރޝިޕްގެ ތެރޭގައި ބެޗެލަރސް ޑިގްރީއާއި މާސްޓަރސް ޑިގްރީ އަދި ޑޮކްޓޯރަލް ޑިގްރީ ފެންވަރުގެ ކޯސްތައް ހިމެނެއެވެ.

ސްޓައިޕެންޑިއަމް ހަންގޭރިކަމް ސްކޮލަރޝިޕްގެ ބައިވެރިންގެ ސެންޑް އޯފް ސެރެމަނީގައި ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިބްރާހިމް ހަސަން ވަނީ ގިނަ ދަރިވަރުންތަކެއްގެ މެދުގައި 13 ދަރިވަރަކު ހޮވާލެވުނުއިރު މިއީ ލިބުނު ރަނުގެ ފުރުސަތެއްކަމަށް ވިދާޅުވެފައެވެ. އަދި އެދަރިވަރުން ހަންގޭރީގައި ހޭދަކުރާ މުއްދަތުގައި ތަމްސީލުކުރަނީ މުޅި ދިވެހި ޤައުމުކަމަށާއި އެހެންކަމުން ކުދިންގެ އަޚުލާގީ މިންގަނޑާއި އުޅުން ދިވެހިން ފަޚުރުވެރިވާނެފަދަ ގޮތަކަށް ބެހެއްޓުމަށް އިސްކަންދިނުމަށްވަނީ ނަސޭޙަތްތެރިވެވަޑައިގަންނަވާފައެވެ.

މި ސްކޮލަރޝިޕްގެ ދަށުން ކޯސް ފީއާއި ހުރުމުގެ ޚަރަދާއި ލައިބްރަރީ ޚިދުމަތާއި އިތުރު އެލަވަންސެއް ކޮންމެ މަހަކުވެސް ހަންގޭރީ ސަރުކާރުން ދިނުމަށް ވަނީ ހަމަޖެހިފައެވެ. މި ސްކޮލަރޝިޕްގައި ދަރިވަރުން މާލެއިން ހަންގެރީއަށް ދިއުމާއި އައުމަށް ދަތުރުގެ ޚަރަދާއި ދިއްލީއަށް ދަތުރުކޮށްގެން ވިސާ ނެގުމަށްދިޔަ ޚަރަދު ހަމަޖައްސާދީފައިވަނީ ހަޔަރ އެޑިޔުކޭޝަނުންނެވެ.

ސްކޯލަރޝިޕް ހަމަޖެހުނު ދާއިރާތަކުގެ ތެރޭގައި މެކަޓްރޯނިކަލް އެންޖިނިއަރިންގއާއި ބިޒިނަސް އެޑްމިނިސްޓްރޭޝަން އެންޑް މެނޭޖްމްންޓާއި ޕްރޮފެޝަނަލް ޕައިލޮޓްގެ ދާއިރާއާއި މެޑިކަލް ޑައިގްނޯސްޓިކް އެނަލިސިސްގެ ދާއިރާއާއި އިންގްލިޝް ސްޓަޑީސްއާއި އިންޓަރނޭޝަނަލް އިކޮނޮމީ އެންޑް ބިޒިނަސްގެ ދާއިރާއާއި އެޑްވާންސް ޕްރެކްޓިސް ނާރސިންއާއި ޕްބްލިކް ޕޮލިސީ އެންޑް މެނޭޖްމަންޓްއާއި އިންޓަރނޭޝަނަލް ރިލޭޝަންސް ގެ ދާއިރާ ހިމެނެއެވެ.