ޖަޕަނީޒް ގަރާންޓް އެއިޑް (ޖޭޑީއެސް)ގެ ފަރާތުން އަންނަ އަހަރަށް ދިވެހިރާއްޖެއަށް ދޭ ސްކޮލަޝިޕް އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
މިއެއްބަސްވުމުގައި ސޮއިކުރެއްވީ ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިބްރާހިމް ހަސަނާއި ޖޭޑީއެސްގެ ރެސިޓެންޓް ރެޕްރެޒެންޓޭޓިވް މޮޓޮ ޓަކީއެވެ.
މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަންގައި ކުރިއަށްދިޔަ މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ރާއްޖޭގެ މަތީ ތައުލީމީ ދާއިރާ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް ސޯލިހުގެ ލީޑަޝިޕްގެ ދަށުން އަންނަނީ ދުވަހެއް ދުވަހަކަށްވުރެ ފުޅާވަމުންދާކަމަށެވެ. އެގޮތުން މަތީ ތައުލީމަށް ދެވޭ ލޯނާއި ރާއްޖޭގެ އެކި ސަރަހައްދުގައި ގާއިމްކުރާ ޓިވެޓް ސެންޓަރުތަކާއި ރާއްޖެއިން ބޭރުގައި ކިޔެވުމަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމާއި ބާރުވެރިކުރުވުމަށް ގިނަގުނަ މަސައްކަތް މި ސަރުކާރުން ކުރައްވަމުން ގެންދަވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ މިސްކޮލަރޝިޕްތަކަށް ދަރިވަރުން ހޮވުމުގެ ހުރިހާ މަސައްކަތް ކުރައްވާނީ ސްކޮލަރޝިޕް ދޭ ފަރާތުންކަމަށެވެ.
މިއީ މައިގަނޑު ތިން ދާއިރާއަކުން ކިޔެވުމުގެ ފުރުސަތު ފަހިކޮށްދޭ ސްކޮލާޝިޕްތަކެކެވެ. އޭގެތެރޭގައި އެންވަޔަރަމަންޓް، ކްލައިމެންޓް ޗޭންޖް އެންޑް ޑިޒާސްޓާ މެނޭޖްމަންޓާއި އިކޮނޮމިކް އެންޑް އިންޑަސްޓްރިއަލް ޕޮލިސީ ހިމެނެއެވެ.
އޭގެތެރޭގައި މާސްޓާ އޮފް ޕަބްލިކް ޕޮލިސީ އާއި މާސްޓާ އޮފް ޕަބްލިކް އެޑްމިނިސްޓްރޭޝަން އަދި މާސްޓާ އޮފް އާޓްސްއިން ޕަބްލިކް ޕޮލިސީ ހިމެނެއެވެ. އޭގެ އިތުރަށް މާސްޓާ އޮފް އާޓްސްއިން އިންޓަނޭޝަނަލް ރިލޭޝަންސްވެސް ހިމެނެއެވެ.
JDS Grant Agreement (3rd round) signed by the Minister and Rep. of @jica_direct_en Mr. Motoo Taki. State Minister of @MoFAmv Mr. Ahmed Khakeel, Ambassador HE. Ms. Takeuchi Midori and President of @cscmaldives Mr. Mohamed Nasih attended the ceremony. pic.twitter.com/BjRo1UVjsr
— Ministry of Higher Education (@MoHEmv) August 24, 2022
ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ވިދާޅުވީ ސޮއިކުރެވުނު ސްކޮލަޝިޕްތަކަށް އިއުލާން ކުރާނީ މި އަހަރުގެ ފަހުކޮޅުގައިކަމަށެވެ.
މި ސްކޮލާޝިޕަށް ކުރިމަތިލާ މީހުންގެ ޝަރުތުތަކުގެ ތެރޭގައި 22 އަހަރާއި 39 އަހަރު މީހަކަށްވާންޖެހޭއިރު އެމީހެއްގެ އަތުގައި ބެޗްލާސް ޑިގްރީއެއް އޮންނަންޖެހެއެވެ. އަދި ސިވިލް ސާވަންޓެއް ނުވަތަ މިނިވަން މުވައްސަސާއެއްގެ ދާއިމީ މުވައްޒަފަކަށް ވާންޖެހެއެވެ. މީގެ އިތުރުން މަސައްކަތުގައި ދެ އަހަރު ދުވަހުގެ ތަޖުރިބާވެސް އޮންނަން ޖެހެއެވެ.
ޖޭޑީއެސްގެ ޕްރޮގްރާމުތަކަކީ އެއް އަހަރު ނުވަތަ ދެ އަހަރުގެ ޕްރޮގްރާމްތަކެކެވެ.
އެގޮތުން މި ސްކޮލާޝިޕްތަކަކީ ރާއްޖޭގެ އިންސާނީ ވަސީލަތް ތަރައްގީކުރުމަށް ޖަޕާނުން އެހީ ފޯރުކޮށްދިނުމުގެ ގޮތުންދޭ ސްކޮލާޝިޕްތަކެކެވެ. 2020 ވަނަ އަހަރުން ފެށިގެން ޖޭޑީއެސްއިން ދޭ މި ސްކޮލަޝިޕްގައި މިހާރުވެސް 13 ދަރިވަރުން ދަނީ ކިޔަވަމުންނެވެ. މިއީ ޖޭޑީއެސްއިން މި ސްކޮލަޝިޕް ދޭ ތިންވަނަ އަހަރެވެ.