ވިޔަފާރި

މޯލްޑިވްސް ޓޫރިޒަމް އެވޯޑަށް ކުރިމަތިލުމަށް ހުޅުވާލައިފި


މޯލްޑިވްސް ޓޫރިޒަމް އެވޯޑްސް 2022އަށް ކުރިމަތިލުމުގެ ފުރުސަތު ޓޫރިޒަމް މިނިސްޓްރީން ހުޅުވާލައިފިއެވެ.

މޯލްޑިވްސް ޓޫރިޒަމް އެވޯޑް ދިނުމުގެ މައިގަނޑު މަޤްސަދަކީ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކާއި ކުންފުނިތަކުގެ އަގުވަޒަންކުރުންކަމަށް ޓޫރިޒަމް މިނިސްޓްރީން ވިދާޅުވެއެވެ.

އެވޯޑަށް ކުރިމަތިލުމަށް ހުޅުވާލާފައިވަނީ ޓްރެވެލް އެޖެންސީތަކާއި، ޑައިވް ސެންޓަރުތަކާއި، ވޯޓަރ ސްޕޯޓްސް ސެންޓަރުތަކަށެވެ. އޭގެތެރޭގައި ބެސްޓް ވޯޓަރ ސްޕޯޓްސް ސެންޓަރ، ބެސްޓް ޑައިވް ސެންޓަރ އަދި ބެސްޓް ޓްރެވެލް އެޖެންސީ ހިމެނެއެވެ. އެވޯޑް ދިނުމުގައި ބަލާ ކަންތައްތަކުގެ ތެރޭގައި ދިވެހި މުވައްޒަފުންގެ މިންވަރާއި، ޓެކްސް ދައްކާ މިންވަރާއި، ބައިނަލްއަޤްވާމީ ގޮތުން ބަލައިގަނެފައިވާ މިންވަރާއި، ޓްރެއިނިންގ ހިންގާ މިންވަރަށް ބަލާނެއެވެ.

މި އެވޯޑަށް ކުރިމަތިލުމުގެ އެންމެ ފަހު ތާރީޚަކީ އަންނަ މަހުގެ 5ވަނަ ދުވަހެވެ. ފަތުރުވެރިކަމުގެ ސިނާއަތަށް ޚާއްސަކޮށްގެން ކޮންމެ އަހަރަކު 12 ދާއިރާއަކުން އެވޯޑް ދިނުމަށް ޓޫރިޒަމް މިނިސްޓްރީން މިއަހަރު ވަނީ ނިންމާފައެވެ. އެއީ މިއަހަރު ފަތުރުވެރިކަމަށް 50 އަހަރު ފުރުމާއި ގުޅިގެން ތައާރަފްކޮށްފައިވާ އެވޯޑްތަކެކެވެ. އެގޮތުން 12 ދާއިރާއަކުން ޖުމްލަ 48 އެވޯޑު ދިނުމަށް ނިންމާފައިވާކަމަށް ޓޫރިޒަމް މިނިސްޓްރީން ވިދާޅުވެއެވެ.