ބައިނަލްއަޤްވާމީ 21 އެއަރލައިނަކުން މިހާރު ރާއްޖެއަށް ދަތުރުކުރާކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަމަހުގެ ނިޔަލަށް ރާއްޖެއަށް 18 އެއަރލައިންއަކުން ޝެޑިއުލް ދަތުރުތައް ކުރަމުން އައިސްފައިވައިރު، 3 އެއަރލައިންއަކުން ރާއްޖެއަށް ދަނީ ޗާޓަރު ދަތުރުތައް ބާއްވަމުންނެވެ.
ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖެއަށް އެންމެ ގިނައިން ދަތުރުތައް ބާއްވަމުންދަނީ ޔޫރަޕް އަދި މެދުއިރުމަތީގެ އެއަރލައިންތަކުންނެވެ. އެގޮތުން ޔޫރަޕްގެ 6 އެއަރލައިންއަކުން އަދި މެދުއިރުމަތީގެ 6 އެއަރލައިންއަކުން ދަނީ ރާއްޖެއަށް ދަތުރުތައް ބާއްވަމުންނެވެ. ޔޫރަޕުން ރާއްޖެއަށް ދަތުރުތައް ބާއްވަމުންދަނީ، އެއިރޯފްލޮޓް، އެޑެލްވެއިސް، ނިއޯސް، ޓާކިސް އެއަރލައިން، އެއަރ އަސްތާނާ އަދި ލޮޓް ޕޮލިޝް އެއަރލައިނެވެ.
މެދުއިރުމަތިން ރާއްޖެއަށް ދަތުރުތައް ބާއްވަމުންދަނީ އެމިރޭޓްސް، އިއްތިހާދު އެއަރވޭސް، ފްލައި ދުބާއީ، ގަލްފް އެއަރ، ޤަތަރު އެއަރވޭސް އަދި ސައުދީ އަރަބިއަން އެއަރލައިންސްއެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން އެއް ޤައުމަކުން ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ރާއްޖެއަށް ދަތުރުތައް ބާއްވަމުންދަނީ އިންޑިއާއިންނެވެ. އެގޮތުން އިންޑިއާގެ 4 އެއަރލައިންއަކުން ރާއްޖެއަށް ދަނީ ދަތުރުތައް ބާއްވަމުންނެވެ. އެއީ އެއަރ އިންޑިއާ، ގޯ އެއަރ، އިންޑިގޯ އަދި އެއަރ ވިސްތާރާއެވެ.
އެހެނިހެން ސަރަހައްދުތަކަށް ބަލާލާއިރު ދުނިޔޭގެ އެހެނިހެން ސަރަހައްދުތަކުން ރާއްޖެއަށް 7 އެއަރލައިނަކުން އަންނަނީ ދަތުރުކުރަމުންނެވެ. އެއީ އެއަރ އޭޝިއާ، އެއަރ އޭޝިއާ ތައިލޭންޑް، އެއަރ ސީޝެލްސް، ބެންކޮކް އެއަރވޭސް، ސިންގަޕޯރ އެއަރލައިންސް އަދި ސްރީލަންކަން އެއަރލައިންސް އަދި ޔޫއެސް ބަންގްލާ އެއަރލައިންއެވެ.
ރާއްޖެއާއި ދުނިޔޭގެ އެކި ހިސާބުތަކާއި ވައިގެ ދަތުރުފަތުރުން ގުޅާ ލެވިފައިވާއިރު، ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދުތައްވެސް ދަނީ އިތުރުވަމުންނެވެ. އަދި އަހަރުގެ މިހާތަނަށް ރާއްޖެއަށް މިލިއަނަކަށްވުރެ ގިނަ ފަތުރުވެރިން އައިސްފައިވާއިރު، ސަރުކާރުންވަނީ މިއަހަރުތެރޭ ރާއްޖެއަށް 1.6 މިލިއަން ފަތުރުވެރިން ގެނައުމަށް އަމާޒް ހިފާފައެވެ.