ވިޔަފާރި

ކުވައިތު އެއަރވޭސްގެ ދަތުރުތައް އޮކްޓޯބަރު މަހު ރާއްޖެއަށް ފަށަނީ


ކުވައިތުގެ ޤައުމީ އެއަރލައިން ކުވައިތު އެއަރވޭސްގެ ދަތުރުތައް ރާއްޖެއަށް ފެށުމަށް ހަމަޖެހިއްޖެއެވެ. ކުވައިތު އެއަރވޭސްގެ ދަތުރުތައް ރާއްޖެއަށް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އޮކްޓޯބަރ މަހުއެވެ.

އޮކްޓޯބަރ 31 ވަނަ ދުވަހު ކުވައިތު އެއަރވޭސްގެ ދަތުރުތައް ރާއްޖެއަށް ފަށާއިރު ހަފްތާއަކު 2 ދަތުރު އެ އެއަރލައިނުން ރާއްޖެއަށް ކުރާނެއެވެ. މި ދަތުރުތަކުގައި އެ އެއަރލައިނުން ބޭނުންކުރާނީ އެއަރބަސް އޭ320 މަރުކާގެ ބޯޓެވެ.

މިދިޔަ އަހަރުގެ ތެރޭގައި ކުވައިތުގެ ކެބިނެޓުން ވަނީ ކޯވިޑްގެ ފިޔަވަޅުތައް އުވާލުމާއިއެކު ރާއްޖެއަށް ސީދާ ދަތުރުތައް ފަށާނެކަން ހާމަކޮށްފައެވެ.

މިއަހަރުގެ ފުރަތަމަ 6 މަސްދުވަހު ކުވައިތުން ރާއްޖެއަށް 4325 ފަތުރުވެރިން ވަނީ އައިސްފައެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ކުވައިތުން ރާއްޖެ އައިސްފައިވަނީ 1274 ފަތުރުވެރިންނެވެ. މިއީ %239.5 އިތުރުވުމެކެވެ.