އެސްޓީއޯއިން ވިއްކާ ތެލުގެ އަގު ހެޔޮކޮށްފިއެވެ. އެސްޓީއޯއިން ބުނީ ތެލުގެ އަގު ހެޔޮކޮށްފައިވަނީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ދަށްވަމުން އަންނާތީކަމަށެވެ.
ފާއިތުވެދިޔަ 6 މަހުގެ ތެރޭގައި ދުނިޔޭގެ މާކެޓުގައި ތެލުގެ އަގުތައް އެތައް ފަހަރެއްގެ މަތިން އުފުލިފައިވާއިރު އެސްޓީއޯއިން ވިއްކާ ތެލުގެ އަގަށް ބަދަލުގެނެސްފައިވަނީ އެންމެ 2 ފަހަރުއެވެ. އަދި މިގޮތަށް ތެލުގެ އަގު ބަދަލުކުރުމުގައިވެސް އެސްޓީއޯއަށް ތެޔޮ ގަންނަ އަގު ބޮޑުވި ނިސްބަތުން ތެލުގެ އަގު ބޮޑުކޮށްފައެއް ނުވެއެވެ.
މިއަދުން ފެށިގެން އެސްޓީއޯއިން ވަނީ އެކުންފުނިން ވިއްކާ ތެލުގެ އަގު ހެޔޮކޮށްފައެވެ. އެގޮތުން މިހާރު ޑީސަލް ލީޓަރެއް ލިބޭނީ 16.32 ރުފިޔާއަށެވެ. ކުރިން ޑީސަލް ލީޓަރެއް ހުރީ 16.77 ރުފިޔާއަށެވެ. އެހެންކަމުން ލީޓަރަކުން 45 ލާރި ވަނީ ހެޔޮވެފައެވެ.
ޕެޓްރޯލް ލީޓަރެއް މިހާރު ލިބޭނީ 15.97 ރުފިޔާއަށެވެ. ކުރިން ޕެޓްރޯލް ލީޓަރެއް ވިއްކާފައިވަނީ 16.55 ރުފިޔާއަށެވެ. އެހެންކަމުން މި ގެނައި ބަދަލާއިއެކު ޕެޓްރޯލް ލީޓަރަކުން 58 ލާރި ވަނީ ހެޔޮވެފައެވެ.
އެސްޓީއޯއިން ބުނީ އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ރައްޔިތުންނަށް ލުއިފަސޭހަވާގޮތައް ކުންފުނިން ފޯރުކޮށްދޭ ޚިދުމަތްތަކަށް ހެޔޮ ބަދަލެއް ގެނައުމަށްކަމަށެވެ.
We have reduced our fuel prices! pic.twitter.com/3hhF5btLF0
— STO (@stoplc) August 17, 2022
މުޅި ދުނިޔެ ލޮކްޑައުންކޮށްލި ކޯވިޑް-19 އާއި މިހާރު ހިނގަމުންދާ ރަޝިއާ ޔޫކްރެއިން ހަނގުރާމައާއި ގުޅިގެން ދުނިޔޭގެ އިޤްތިސާދަށް އަންނަނީ ގިނަ ނޭދެވޭ އަސަރުތަކެއް ކުރަމުންނެވެ. މި ދަނޑިވަޅުގައި ދުނިޔޭގެ ތެލުގެ މާކެޓަށް ގިނަ ލޮޅުންތަކެއް އައިސް ފާއިތުވެދިޔަ 7 އަހަރުގެ ތެރޭގައި ތެލުގެ އަގު މަތިނުވާ މިންވަރަށް އަގު ވަނީ އުފުލިފައެވެ.
ދިވެހިރާއްޖޭގެ މާކެޓަށް ދެމެހެއްޓެނިވި ގޮތެއްގައި ތެޔޮ ފޯރުކޮށްދިނުމަށް އެސްޓީއޯއިން މަސައްކަތް ކުރާއިރު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމުގެ ސަބަބުން އެސްޓީއޯއިން ތެޔޮ ފޯރުކޮށްދިނުމުގައި ގިނަ ގޮންޖެހުންތަކެއް ކުރިމަތިވިއެވެ. އެހެންނަމަވެސް ސަރުކާރުގެ އެއްބާރުލުމާއިއެކު ރައްޔިތުންނަށް ތެޔޮ ފޯރުކޮށްދިނުމުގައި އެސްޓީއޯއިން އަންނަނީ ސާބިތުކަމާއިއެކު ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.