ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފަހު ދައުރަށް ހުށަހަޅަން ޤަޞްދުކުރާ ބިލުތަކުގެ ލިސްޓު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު މަޖިލީހަށް ހުށަހަޅައިފިއެވެ.
ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ 3 ވަނަ ދައުރަށް ހުށަހަޅަން ޤަޞްދުކުރާ ބިލުތަކުގެ ލިސްޓުގައި އިޤްތިޞާދާއި ގުޅުންހުރި މުހިންމު ބިލްތަކާއި، މުޖުތަމައުގެ އަމަންއަމާން ކަމާއި، ގުޅުންހުރި މުހިންމު ބިލްތަކެއްވެސް ހިމެނެއެވެ. ފަހު ދައުރަށް 30 ބިލެއް ހުށަހެޅުމަށް ބަންޑާރަ އޮފީހުން ދަނީ މަސައްކަތް ކުރަމުންނެވެ.
ފަހު ދައުރަށް ހުށަގަޅާ މުހިންމު ބިލްތަކުގެ ތެރޭގައި، މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި، ފަނޑިޔާރުންގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި، ޖިނާއި އިޖުރާތު ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި، މޯލްޑިވްސް ހެލްތް ސާވިސްގެ ބިލާއި، ޙައްޖާއި އުމުރާގެ ބިލާއި، ފޮރިން އިނެވެސްޓްމަންޓްގެ ބިލާއި، އަބުރާއި ބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނަގައި ދިނުމުެގ ބިލެއްވެސް ހިމެނެއެވެ.
ފަހު ދައުރަށް ގިނަ ބިލްތަކެއް ހުށަހެޅުމަށް ސަރުކާރުން ތައްޔާރުވަމުންދާއިރު، މީގެ ތެރެއިން އެންމެ ފާހަގަ ކޮށްލެވެނީ ޓެކްސް ބޮޑުކުރުމުގެ ބިލެވެ. ފިނޭންސް މިނިސްޓްރީން ނިންމާފައިވަނީ ޓީޖީއެސްޓީ %12އިން %16އަށް، އަދި ޖީއެސްޓީ %6އިން %8އަށް ބޮޑުކުރުމަށެވެ. ފިނޭންސް މިނިސްޓްރީން ވިދާޅުވެފައިވަނީ ދައުލަތުގެ މާލީ ހާލަތު ރަނގަޅުކުރުމަށް މިވަގުތު ފިޔަވަޅުތަކެއް ނާޅައިފިނަމަ ކުރިއަށްއޮތްތަނުގައި ދިމާވާ ދަތިތައް ބޮޑުވާނެކަމަށެވެ. އެހެންކަމުން ދައުލަތުގެ ޚަރަދުތައް ކުޑަކޮށް، އާމްދަނީ އިތުރުކުރުމަށް ފިޔަވަޅުތަކެއް އަޅަން ޖެހޭކަމަށެވެ. ޖީއެސްޓީ ބޮޑުކުރަނީ މިބޭނުމުގައެވެ.
މިނިސްޓްރީން ވިދާޅުވީ ޓެކްސް ބޮޑުކުރުމާއެކު ޓެކްސްދައްކަން ޖެހޭ ފަރާތްތަކަށް 6 މަހުގެ މުއްދަތެއް ދިނުމަށްޓަކައި މަޝްވަރާތައް ކުރައްވަމުން އަންނަކަމަށެވެ. އަދި ރާއްޖޭގެ ޖީއެސްޓީ އަދި ޓީޖީއެސްޓީ ރޭޓް ހުރީ ދުނިޔޭގެ ތަރައްޤީވަމުން އަންނަ ކުދި ޤައުމުތަކާ އަޅާބަލާއިރު ދަށްކޮށްކަމަށްވެސް ފިނޭންސް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.
ރައްޔިތުންގެ މަޖިލީހުގެ ނިމިދިޔަ ދައުރުގައިވެސް މަޖިލީހުން ވަނީ މުހިންމު ބިލްތަކެއްގެ މަސައްކަތް ކޮށްފައެވެ. އަދި ބައެއް ބިލްތަކުގެ މަސައްކަތްތައް އަދިވެސް ކޮމެޓީ މަރުހަލާގައި ކުރިއަށްދާކަން ފާހަގަކޮށްލެވެއެވެ. މިއަހަރުގެ މަޖިލީހުގެ ފަހު ދައުރުގެ ޖަލްސާތައް މާދަމާ ފެށުމަށް ވަނީ ހަމަޖެހިފައެވެ.