ވިޔަފާރި

އޮކްޓޯބަރު މަހުން ފެށިގެން ސްރީލަންކަންގެ ދަތުރުތައް އައްޑޫއަށް އިތުރުކުރަނީ


އަންނަ އޮކްޓޯބަރު މަހުން ފެށިގެން ސްރީލަންކަން އެއަރލައިންސްއިން އައްޑޫއަށް ކުރާ ދަތުރުތައް އިތުރުކުރުމަށް ނިންމައިފިއެވެ. ސްރީލަންކަން އެއަރލައިނުން އައްޑޫއަށް މިހާރު ކުރަމުންދަނީ ހަފްތާއަކު 2 ދަތުރެވެ.

ސްރީލަންކަން އެއާލައިންސްގެ ދަތުރުތައް ކޯވިޑާއި ގުޅިގެން ހުއްޓާލުމަށްފަހު، އަލުން ފަށާފައިވަނީ މިދިޔަ އަހަރު ޑިސެމްބަރުމަހުގެ 4 ވަނަ ދުވަހުއެވެ. އޭރު ދަތުރުތައް ފެށީ، ޑިމާންޑަށް ބަލައި ދަތުރުތަކުގެ އަދަދު އިތުރު ކުރާ ގޮތަށެވެ. އަދި ސްރީލަންކަންގެ ދަތުރުތަކުގެ އެންމެ ބޮޑު އަމާޒަކަށް ވެފައި އޮތީ ގަމަށް ފަތުރުވެރިން ގެނައުން ކަމަށް ސްރީލަންކަންގެ ރާއްޖޭގެ އެޖެންޓް އޭސް އެވިއޭޝަނުން ވަނީ ބުނެފައެވެ.

ސްރީލަންކަން އެއަރލައިންސްއިން މިހާރު ގަން އެއަރޕޯޓަށް ކުރަމުންދަނީ ހަފްތާއަކު 2 ދަތުރެވެ. އެއީ އަންގާރަ އަދި ހޮނިހިރު ދުވަހުއެވެ. ސްރީލަންކަންގެ ރާއްޖޭގެ އެޖެންޓް އޭސް އޭވިއޭޝަންގެ އެމްޑީ މުޙައްމަދު ފިރާޤް ވިދާޅުވީ، އޮކްޓޯބަރ މަހުގެ 1 ވަނަ ދުވަހުން ފެށިގެން ސްރީލަންކަން އެއަރލައިނުން އައްޑޫއަށް ކުރާ ދަތުރުތައް ހަފްތާއަކު 3 ދަތުރަށް އިތުރުކުރުމަށް ހަމަޖެހިފައިވާކަމަށެވެ. އެއީ ހަފްތާގެ އަންގާރަ، ބުރާސްފަތި އަދި ހޮނިހިރު ދުވަހެވެ.

ސްރީލަންކަންގެ ދަތުރުތަކާއެކު ގަމަށް އަންނަ ފަތުރުވެރިންގެ އަދަދު މިހާރުވަނީ އިތުރުވެފައެވެ. އެގޮތުން ޔޫރަޕުގެ މަންޒިލްތަކުންނާއި މެދު އިރުމަތިންވެސް އައްޑޫއަށް މިހާރު ސްރީލަންކަންއިން ފަތުރުވެރިން ދެއެވެ.

ގަމާއި ކޮލަމްބޯއާ ދެމެދު ޝެޑިއުލް ދަތުރުތައް ރަސްމީކޮށް ފެށީ ޑިސެމްބަރު، 1، 2016 ގައެވެ. އެ ދަތުރުތަކުގެ ސަބަބުން އައްޑޫއިން މާލެ ނައިސް، ބޭސް ފަރުވާއަށާއި ވިޔަފާރި ދަތުރުތަކުގައި ރާއްޖެއިން ބޭރަށް ދެވެއެވެ. މީގެ އިތުރުން އައްޑޫގެ ވިޔަފާރިތަކުން ފްރައިޓްކޮށް ކާގޯވެސް ގެނެއެވެ.

ސްރީލަންކަންގެ ދަތުރުތައް 2016 ވަނަ އަހަރު ފުރަތަމަ އައްޑޫއަށް ފެށިއިރު، އެންމެ ބޮޑު ކަންބޮޑުވުމަކީ ފްލައިޓުތަކަށް ކަނެކްޝަން ނުލިބުމެވެ. އޭގެ ސަބަބުން އެކަށީގެންވާ ޕެސެންޖަރ މޫވްމެންޓެއް ނާންނަކަމަށް އޭރު އޭސް އެވިއޭޝަނުން ވަނީ ފާހަގަކޮށްފައެވެ. ނަމަވެސް މިފަހަރުގެ ދަތުރުތައް ސްރީލަންކަންއިން ފެށިއިރު، މާ ގިނަ ދުވަސްތަކެއްނުވެ މަންޓާ އެއަރއިން ދެކުނުގެ އަތޮޅުތަކާއި މާލެއަށް ކަނެކްޝަން ފޯރުކޮށްދޭން ވަނީ ފަށާފައެވެ. މިއާއެކު ސްރީލަންކަންގެ ދަތުރުތަކަށް މިހާރު ލިބެމުންދާ ތަރުހީބު ބޮޑުކަމަށް
އޭސް އެވިއޭޝަނުންވެސް ފާހަގަކުރެއެވެ.