ވިޔަފާރި

" ސީޑް"، ވިޔަފާރިވެރިންނަށް ހިތްހަމަޖެހުމެއް!


ރާއްޖޭގައި ގިނަ އަދަދެއްގެ ކުދި ވިޔަފާރިތަކާއި މެދުފަންތީގެ ވިޔަފާރިތައް އަންނަނީ ހިންގަމުންނެވެ. މި ވިޔަފާރިތަކަށް މިއަދުގެ އޮތް އެންމެ ބޮޑު އެއް ގޮންޖެހުމަކީ އޮފީސް ހިންގާނެ ޖާގައެއް ނެތުމެވެ. ނަމަވެސް މިކަމަށް ހައްލު ގެނެސްދީފައިވަނީ ބީސީސީން ކުރިއަށްގެންދާ "ސީޑް ބައި ބީސީސީ" މަޝްރޫޢެވެ.

ސީޑް ބައި ބީސީސީއަކީ ރާއްޖެއަށް ވަރަށް އައު ކޮންސެޕްޓެއްކަމަށް ބީސީސީއިން ބުނެއެވެ. ނަމަވެސް މިއީ ދުނިޔޭގެ އެހެން ޤައުމުތަކުގައި ވަރަށްކާމިޔާބުކަމާއިއެކު ހިންގަމުންދާ ކޮންސެޕްޓެކެވެ. މިއީ ގިނަ ބަޔަކު އެއްތަނެއް ޝެއަރކޮށްގެން މަސައްކަތްކުރެވޭނެ ފަދަ މާހައުލެކެވެ.

މާލޭގެ ތަންތަނުގެ ކުލި ހުންނަގޮތުން ކުދި ވިޔަފާރިތަކަށް ކުއްޔަށް ތަނެއް ހިފައިގެން އެފަދަ މަސައްކަތްކުރުމަކީ ޚަރަދުގެ ގޮތުންވެސް ކުރެވޭނެ ފަދަ ކަމެއް ނޫނެވެ. އެހެންކަމުން ސީޑް ބައި ބީސީސީއިން ވިޔަފާރިތަކަށް ފަހިކޮށްދެނީ މިފަދަ މާހައުލެކެވެ. ވިޔަފާރިތަކަށާއި، ފްރީލާންސްކޮށް މަސައްކަތްކުރާ ފަރާތްތަކާއި، ގޭގައި ތިބެގެން މަސައްކަތްކުރާ ފަރާތްތަކުގެ އިތުރުންވެސް ކިޔަވާކުދިންނަށްވެސް މިތަން ބޭނުންކުރެވޭނެކަމަށް ބީސީސީއިން ބުނެއެވެ.

ބައެއް މަސައްކަތުގެ ޒާތުން އެ މަސައްކަތްތަކަކީ ކޮންމެހެން 8 ގަޑިއިރު އޮފީހުގައި ތިބެ މަސައްކަތްކުރަންޖެހޭ ތަންތަނެއް ނޫނެވެ. ހަފްތާއަކު 1 ދުވަހު ނުވަތަ 2 ދުވަހު ވަކި ގަޑިއިރެއް މަސައްކަތްކޮށްލައިގެން ފުދޭ ވިޔަފާރިތައްވެސް ހުރެއެވެ. ބީސީސީއިން ބުނީ ސީޑް ބައި ބީސީސީއަކީ އެފަދަ ފަރާތްތަކަށް ވަރަށް އެކަށީގެންވާނެ މާހައުލަކަށް ވެގެންދާނެކަމަށެވެ.

ބީސީސީއިން ފޯރުކޮށްދޭ ސީޑް ބައި ބީސީސީ ގިނަ އަދަދެއްގެ ކުދި ވިޔަފާރިތަކުން އަންނަނީ ބޭނުންކުރަމުންނެވެ. އެގޮތުން މިއަހަރުގެ މިހާތަނަށްވެސް 700 އަށްވުރެ ގިނަ ވިޔަފާރިން ވަނީ މި ޙިދުމަތް ބޭނުންކޮށްފައެވެ. މި ޕްރޮޖެކްޓާއި ގުޅޭގޮތުން ވިޔަފާރިތައް ތިބީ ވަރަށް ބޮޑަށްވެސް ހިތްހަމަޖެހިފައެވެ.

ސީޑް ބޭނުންކުރާ ވިޔަފާރިއަކު ބުނީ އެތަނަށް މަސައްކަތް ކުރަން އަންނަތާ 2 މަސްދުވަސް ވެއްޖެކަމަށެވެ. އެތަނަށް އައިސް މަސައްކަތްކުރާއިރު ވަރަށް ބޮޑަށް މޯޓިވޭޓްވާކަމަށާއި އެތަނުން ފުދޭވަރަށް ހަލުވި ސްޕީޑްގައި ވައިފައި ލިބުމުގެ ސަބަބުން މަސައްކަތްކުރަން ފަސޭހަކަމަށެވެ.

"މިކޮޅުގައި އަޅުގަނޑު ވޯކްކުރަން އަންނަތާ 2 ވަރަކަށް މަސް ވެދާނެ. ވީކްލީ ޕެކޭޖް ނަގައިގެން މި ވޯކްކުރަނީ. މިކޮޅަށް އައިސް މަސައްކަތްކުރާއިރު ފުދޭވަރަކަށް މޯޓިވޭޓްވޭ. ގޭގައި އެހެން ރިމޯޓްކޮށް ވޯކްކުރާއިރު ލިބެންޖެހޭ މޯޓިވޭޝަންއަށްވުރެ ބޮޑަށް. މިކޮޅުގައި ފްރީކޮށް ވައިފައި އިނުމާއި ފުދޭވަރަކަށް ފާސްޓް ސްޕީޑްގައި ވައިފައި ލިބޭ އެއީވެސް ވަރަށް ފާހަގަކޮށްލަން ބޭނުންވާ ކަމެއް." ވިޔަފާރިވެރިއަކު ބުންޏެވެ.

ސީޑް ބޭނުންކުރާ އެހެން ފަރާތަކުން ބުނީ ސީޑްއަކީ ކުދި ވިޔަފާރިތަކުން މަސައްކަތް ކުރަން ބަލާއިރު ވަރަށް ރަނގަޅު ތަނެއްކަމަށެވެ. އެގޮތުން އޮފީހެއް ނަގައިގެން އެތަނަށް ކުލި ދެއްކުމުގެ ބަދަލުގައި ސީޑްއަށް އައިސް ބައްދަލުވުންތައް ހެޔޮ އަގެއްގައި ރަނގަޅު މާހައުލެއްގައި ބޭއްވުމުގެ މަގު ފަހިވެފައިވާކަމަށެވެ.

"ސީޑްއަކީ ކުދި ވިޔަފާރިތައް އަޅުގަނޑުމެން މަސައްކަތް ކުރަން ބަލާއިރު ވަރަށް ރަނގަޅު ޕްލެޓްފޯމްއެކޭ ދެންނެވޭނީ. އަޅުގަނޑުމެން އަލަށް ފަށައިގަންނައިރު އޮފީހެއް އަމިއްލައަށް ނަގައިގެން އެތަނަށް ރެންޓް ދެއްކުމަކީ އެންމެ ފީޒިބަލް ގޮތެއް ނޫން. އެކަމަކު ސީޑްގެ މިއިންނަ އޮޕަޗުނިޓީގެ ދަށުން އަޅުގަނޑުމެނަށް ވީކްލީވެސް ޑެއިލީވެސް އަވަރލީ އެބަ ސްލޮޓްތައް ނަގާލެވޭ. އެހެންވީމަ ބިޒްނަސްގެ ޑޭޓުޑޭ އޮޕަރޭޝަންއަށް ބޭނުންވާ ކަންތައްތައް ކޮށްލާ. މީޓިންތައް އެރޭންޖްކޮށްގެން މީޓިންތައް ބާއްވާލަން ވަރަށް ފަސޭހަ ޕްލެޓްފޯމްއެއް ސީޑްގެ މި ޕްލެޓްފޯމްއަކީ." ވިޔަފާރިވެރިއަކު ބުންޏެވެ.

ބީސީސީން ބުނީ މި ކޮންސެޕްޓް ރާއްޖެއަށް އައު ވުމުން ފުރަތަމަކޮޅު މިތަން ބޭނުންކުރާ މީހުންގެ ޢަދަދު މަދުކަމަށެވެ. ނަމަވެސް މިހާރު މިތަން ބޭނުންކުރާ މީހުންގެ ޢަދަދު އަންނަނީ އިތުރުވަމުންނެވެ. ސީޑް ބައި ބީސީސީގައި އަމިއްލައަށް މަސައްކަތްކުރާނެ ތަންތަނާއި ބައްދަލުވުންތައް ބާއްވާނެ ތަންތަންވެސް ހުރެއެވެ. މިތަން ބުކް ކުރުމަށް އެތަނަށް ގޮސްގެންވެސް އަދި ވެބްސައިޓް މެދުވެރިކޮށް އޮންލައިންކޮށްވެސް ބުކް ކޮށްލެވޭނެއެވެ.

މިތަނުގައި ބޭނުންކޮށްފައި ހުންނަ ފަރުނީޗަރުތަކަކީވެސް ވަރަށް ހައިޓެކް ފަރުނީޗަރުތަކެކެވެ. މިއީ ދުނިޔޭގެ މައިކްރޯސޮފްޓް ގޫގުލްފަދަ ކުންފުނިތަކުގައި ބޭނުންކުރާ ސިއްހަތައްވެސް ބަލައިގެން ތައްޔާރުކޮށްފައި ހުރި ފަރުނީޗަރުތަކެއްކަމަށް ބީސީސީއިން ވިދާޅުވެއެވެ. އެހެންކަމުން މިތަން ބޭނުންކުރާ ފަރާތްތަކަށް އެތަނުގައި މަސައްކަތްކުރާއިރު މަސައްކަތްކުރާ މާހައުލަކީވެސް ހިތްފަސޭހަ އަރާމު މާހައުލަކަށް ވެގެންދާނެކަމަށް ބީސީސީއިން ބުނެއެވެ. ބީސީސީއިން އަންނަނީ މާލޭގެ އިތުރުން މިހިދުމަތް ބޭނުންވާ ރާއްޖޭގެ އެހެން ސަރަހައްދުތަކަށް މި ޙިދުމަތް ފޯރުކޮށްދިނުމަށް މަސައްކަތްކުރަމުންނެވެ.