ޅ.ނައިފަރުގައި ޤާއިމްކުރާ ފެނުގެ ނިޒާމުގެ މަސައްކަތް ނިންމައި ޓެސްޓުކުރުމުގެ މަރުޙަލާ ނިމިއްޖެއެވެ.
މި މަސައްކަތަކީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗައިން، މާލޭ ވޯޓަރ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމް.ޑަބްލިއު.އެސް.ސީ)އާ ޙަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ.
މި މަޝްރޫޢުގެ މަސައްކަތް ނިންމައި ޓެސްޓު ކުރުމާއި ކޮމިޝަން ކުރުމުގެ މަސައްކަތް އެމްޑަބްލިއުއެސްސީން ކުރިއަށް ގެންގޮސްފައިވަނީ މިދިޔަ ޖުލައި މަހުގެ 19ވަނަ ދުވަހުން ފެށިގެން 22ވަނަ ދުވަހުގެ ނިޔަލަށެވެ.
ޕްލޭނިންގ މިނިސްޓްރީން ވިދާޅުވީ ނައިފަރުގައި ޤާއިމްކުރި ފެނުގެ ނިޒާމުގެ ދަށުން އެ ރަށުގެ 1510 ގެއަކަށް ފެނުގެ ޚިދުމަތް ފޯރުކޮށްދޭނެކަމަށެވެ. އެގޮތުން ދުވާލަކަށް 100 ޓަނުގެ ފެން އުފައްދައި ދެ އާރް.އޯ ޕްލާންޓާއި ފެން ރައްކާކުރުމަށް 1300 އަކަމީޓަރުގެ ޓޭންކެއް ޤާއިމްކޮށްފައިވާނެކަމަށް އެ މިނިސްޓްރީން ވިދާޅުވިއެވެ. އަދި މި މަސައްކަތް އެއްކޮށް ނިންމައި ޓެސްޓްކޮށްފައިވާކަމަށްވެސް އެ މިނިސްޓްރީން މައުލޫމާތުދެއްވައެވެ.
ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަވަމުން ނައިފަރު ކައުންސިލްގެ ރައީސް މުހައްމަދު ރަޝީދު ވިދާޅުވީ ރަށުގައި ފެނުގެ ނިޒާމް ޤާއިމްކޮށް ޓެސްޓުކުރުމުގެ މަރުހަލާ ނިމިފައިވާކަމަށާ އެހެންނަމަވެސް އަދި ޚިދުމަތްދޭން ނުފަށާ ކަމަށެވެ. އަދި ވަރަށް އަވަހަށް ޚިދުމަތް ދޭންވެސް ފަށާނެކަމަށް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.
ނައިފަރުގައި ޤާއިމްވެގެން ދިޔަ މިޚިދުމަތާއެކު އެއީ ރަށުގެ ރައްޔިތުންނަށް ލިބިގެންދިޔަ ވަރަށްބޮޑު ހިތްހަމަޖެހުމެކެވެ. އަދި އެއީ ރަށަށް ލިބިގެންދިޔަ ވަރަށްބޮޑު ކުރިއެރުމެއްގެ ގޮތުގައި ރަށުގެ ރައްޔިތުން ސިފަކުރާ ކަމެއްވެސްމެއެވެ.
އާބާދީގައި 5600އަށްވުރެ ގިނަ މީހުން ދިރިއުޅޭ ނައިފަރުގެ ފެނާއި ނަރުދަމާގެ މަސައްކަތަކީ މީގެ ކުރިން އެހެން ފަރާތަކާ ޙަވާލުކޮށްގެން ކުރިޔަށް ގެންދިޔަ މަޝްރޫއެކެވެ. މި މަޝްރޫއުގެ ނުނިމި ހުރި މަސައްކަތްތައް ނިންމުމަށް އެމްޑަބްލިއުއެސްސީއާ ޙަވާލުކޮށްފައިވަނީ 2020ވަނަ އަހަރުގެ އޮކްޓޯބަރު މަހުއެވެ.
މި މަޝްރޫޢުގެ ދަށުން ފެން ރައްކާކުރުމަށް ބަހައްޓާފައިވާ ތާނގީތަކުގެ ނުނިމިހުރި މަސައްކަތްތަކާއި، ބޯހޯލް އަދި ރިޖެކްޓް ލައިންގެ މަސައްކަތް ކުރުމާއި ރަށުގެ ގޭގޭގައި ފެން މީޓަރ ބަހައްޓައި ފެނުގެ ކަނެކްޝަން ގުޅައިދީ، ގެތަކަށް ރައްކާތެރި ފެން ފޯރުކޮށްދިނުމުގެ މަސައްކަތްވަނީ އެމްޑަބްލިއުއެސްސީން ވަނީ ކޮށްފައެވެ.
މި މަޝްރޫޢަކީ ދައުލަތުގެ ބަޖެޓުން 24.2 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ކުރިއަށްގެންދިޔަ މަޝްރޫޢެކެވެ.