ޚަބަރު

ތިނަދުއަށް ގެންދިޔަ 1.2 މެގަވޮޓުގެ ޖަނަރޭޓަރު އިންސްޓޯލްކުރުން


ގދ. ތިނަދޫ އިންޖީނުގޭގައި ހިނގި އަލިފާނުގެ ޙާދިސާއާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތިނަދުއަށް ފޮނުއްވި 1.2 މެގަވޮޓުގެ ޖަނަރޭޓަރު އެރަށުގެ ކަރަންޓް ވިއުގައާ ގުޅާލުމުގެ މަސައްކަތް ކުރަމުން އެބަގެންދެއެވެ.މިދިޔަ ހޯމަދުވަހުގެ ރޭ ތިނަދޫ އިންޖީނުގޭގައި ހިނގި އަލިފާނުގެ ޚާދިސާއާ ގުޅިގެން 4 ދުވަހުގެ މެދުކެނޑުމަކަށްފަހު، ތިނަދުއަށް 24 ގަޑިއިރުގެ ކަރަންޓްގެ ޚިދުމަތް ދޭން ފެށީ ސެޓްލްކޯ އަދި އެމް.ޑަބްލިޔު.އެސް.ސީ މެދުވެރިކޮށް ސަރުކާރުން އެރަށަށް ފޮނުއްވާފައިވާ އެއް މެގަރވޮޓުގެ ދެ ޖަނަރޭޓަރު ބޭނުންކޮށްގެންނެވެ. މި ޙާދިސާއާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި 1.2 މެގަވޮޓުގެ ޖަނަރޭޓަރު ތިނަދުއަށް ގެންގޮސްފައިވަނީ އިއްޔެގެ ވަގުތެއްގައެވެ. ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން ފެނަކަ ކޯރޕަރޭޝަންގެ ތިނަދޫ ބްރާންޗްގެ އޮފިޝަލަކު ވިދާޅުވީ، ތިނަދޫ ރައްޔިތުންނަށް ކަރަންޓް ފޯރުކޮށްދިނުމަށް މިހާރު ބޭނުންކުރަމުންދާ ދެޖަނަރޭޓަރަކީ ކުރިންވެސް ބޭނުންކޮށްފައިވާ ދެ ޖަނަރޭޓަރު ކަމަށްވުމުން، ކަރަންޓް އުފެއްދުމުގައި ކޮންމެވެސް ވަރަކަށް ލަސްވި ނަމަވެސް، 24 ގަޑިއިރަށް ބޭނުންވާ ކަރަންޓް މިހާރުވެސް ފޯރުކޮށްދެމުން އަންނަކަމަށެވެ. އަދި އަލަށް ގެންދެވި ޖަނަރޭޓަރާއެކު އެރަށުން 3200 ކިލޯވޮޓުގެ ކަރަންޓް އުފެއްދިގެންދާނެ ކަމަށާއި، އެ ޖަނަރޭޓަރު އިންސްޓޯލްކުރުމުގެ މަސައްކަތް ކުރިއަށް އޮތް 24 ގަޑިއިރު ތެރޭ ނިންމާލެވޭނެކަމަށެވެ. މުސްތަޤުބަލުގައި ދިމާވެދާނެ ޙާދިސާއަކަށް ދުރާލާ ތައްޔާރުވުމުގެ ގޮތުން އެ ޖެނެރޭޓަރު ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ބެކަޕް ޖަނަރޭޓަރެއްގެ ގޮތުގައި ކަމަށްވެސް ތިނަދޫގައި ހުންނަ ފެނަކަ ކޯރޕަރޭޝަންގެ ބްރާންޗްގެ އޮފިޝަލް ވިދާޅުވިއެވެ. ތިނަދޫ އިންޖީނުގޭގައި ހިނގި އަލިފާނުގެ ޙާދިސާއަށްފަހު، ހޮނިހިރު ދުވަހުގެ ހަވީރުން ފެށިގެން ކުރިއެކޭ އެއްގޮތަށް 24 ގަޑިއިރު ކަރަންޓްގެ ޚިދުމަތް ދޭން ވަނީ ފަށާފައެވެ. އެރަށުގެ އެއްވެސް ދިމާއަކުން ކަރަންޓް ނުލިބުން ނުވަތަ ކަރަންޓް ކެނޑުން ފަދަ މައްސަލައެއް ދިމާވެގެން ޝަކުވާއެއް ލިބިފައިނުވާކަމަށް ފެނަކަ ކޯރޕަރޭޝަންގެ ތިނަދޫ ބްރާންޗުން ހާމަކުރެއެވެ. ފެނަކަ ކޯރޕަރޭޝަންގެ ފަރާތުން ގދ. ތިނަދޫގައި ސާދަ ސަތޭކަ ފަސްދޮޅަހަށްވުރެ ގިނަ ގޭބިސީއަށް ދަނީ ކަރަންޓްގެ ޚިދުމަތް ދެމުންނެވެ.