ވިޔަފާރި

ބިޒްނަސް ސެންޓަރުތަކުން 6000 އަށްވުރެ ގިނަ ވިޔަފާރިއަށް އެހީތެރިކަން


ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޤާއިމްކޮށްފައިވާ ބިޒްނަސް ސެންޓަރުތަކުން މިހާތަނަށް 6000 އަށްވުރެ ގިނަ ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދީފައިވާކަމަށް ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުން ވިދާޅުވެއްޖެއެވެ.

ބިޒްނަސް ސެންޓަރ ކޯޕަރޭޝަންއަކީ 2017 ވަނަ އަހަރު އުފައްދާފައިވާ ސަރުކާރުގެ %100 ހިއްސާވާ ކުންފުންޏެކެވެ. 2017 ވަނަ އަހަރު ބީސީސީ އުފެއްދިނަމަވެސް ބީސީސީގެ މަސައްކަތްތައް ބާރު ސްޕީޑްގައި ފަށައި ކުރިއަށްދާން ފަށާފައިވަނީ 2019 ވަނަ އަހަރުގެ މެދުތެރޭގައެވެ.

އެންމެ ފުރަތަމަ ބީސީސީގެ މެންޑޭޓްގައި ހިމެނެނީ ރާއްޖޭގެ އެކި ސަރަހައްދުގައި ޤާއިމްވެފައިވާ ބިޒްނަސް ސެންޓަރތައް ހިންގުމެވެ. ރައްޔިތުންނާއި ގާތުން ޙިދުމަތް ފޯރުކޮށްދިނުމަށްޓަކައި މިވަގުތު ރާއްޖޭގެ 13 ސަރަހައްދުގައި ބިޒްނަސް ސެންޓަރުތައް އަންނަނީ ހިންގަމުންނެވެ. ބިޒްނަސް ސެންޓަރުތަކުގެ އެންމެ މުހިންމު މަގްސަދަކީ ކުދި ވިޔަފާރިތަކާއި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ސަރުކާރުން އެކަށައަޅާ ސިޔާސަތުތައް ތަންފީޒުކޮށް އެކަހަލަ ޕްރޮގްރާމްތައް ހިންގުމެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޑިރެކްޓަރ އޮތެންޓިކް މޯލްޑިވްސް މުހައްމަދު ޖައުޝަން ވިދާޅުވީ، ބިޒްނަސް ސެންޓަރުތައް މެދުވެރިކޮށް މިހާތަނަށް 6000 އަށްވުރެ ގިނަ ވިޔަފާރިތަކަށް އެހީތެރިކަން ފޯރުކޮށްދެވިފައިވާކަމަށެވެ.

ޖައުޝަން ވިދާޅުވީ ބިޒްނަސް ސެންޓަރުތަކުގައި ތިބޭނީ އެސްއެމްއީ ސަރޓިފައިޑް ކޮންސަލްޓަންޓުންކަމަށެވެ. އެހެންކަމުން އެމީހުން މެދުވެރިކޮށް ވިޔަފާރިތަކަށް ކޮންސަލްޓެންސީ ދެވިގެން ވިޔަފާރިތައް ކުރިއަރައިގެން ދާކަމަށް އޭނާ ވިދާޅުވިއެވެ.

ބިޒްނަސް ސެންޓަރުތަކުން ވިޔަފާރިތައް ފަށައިގެން ކުރިއަށް ދިއުމަށް ބޭނުންވާ ހުރިހައި އެހީތެރިކަމެއް ދަނީ ފޯރުކޮށްދެމުންނެވެ. އޭގެތެރޭގައި ވިޔަފާރި ފަށަން ޕްރޮފޯސަލް ހެދުމާއި، މާލީ އެހީތެރިކަން ހޯދަން އެހީތެރިވެދިނުމާއި، އަދި ޕްރޮޑަކްޓް މާކެޓަށް ނެރުމުގެ ކުރިން އެއީ މަޤްބޫލު ޕްރޮޑަކްޓަކަށް ހެދޭނެ ގޮތްތައްވެސް ބީސީސީން އަންނަނީ ވިޔަފާރިތަކަށް ކިޔާދެމުންކަމަށް ޖައުޝަން ވިދާޅުވިއެވެ.

"13 ބިޒްނަސް ސެންޓަރއެއް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހަރަކާތްތެރިވަމުން ދާއިރުގައި ގާތްގަނޑަކަށް 6000 އަށްވުރެ ގިނަ ވިޔަފާރިއަށް އެކިކަހަލަ ކަންކަމުގައި އަޅުގަނޑުމެންނަށް އެހީތެރިވެދެވިފައި އެބަހުރި. އާންމުގޮތެއްގައި ވިޔަފާރިއެއް ފަށައިގެން އަންނައިރު ވަރަށް ގިނައިން އަޅުގަނޑުމެންގެ ބިޒްނަސް ސެންޓަރުތަކަށްއައިސް ވިޔަފާރިތައް ފަށައިގަންނަން ޕްރޮޕޯސަލް ހެދުމުގައާއި އެންމެ ފުރަތަމަ ވިޔަފާރި ފަށައިގަންނަން ބޭނުންވާ ހިޔާލުން ފެށިގެން ފައިނޭންސް ހޯދުމަށް ބޭނުންވާ އެހީތެރިކަމާއި، ފައިނޭންސްގެ ގޮތުގައި ލޯނެއް ނަގަން ބޭނުންވާ ކަމުގައިވާނަމަ ޕްރޮޕޯސަލްއެއް އެބަ ހުށައަޅަންޖެހޭ އެސްޑީއެފްސީ ނޫނިއްޔާ އެހެނިހެން ބޭންކް ތަކަށްވެސް. އެ ޕްރޮޕޯސަލް ތައްޔާރުކުރުމުގެ އެހީތެރިކަން ވަރަށް ބޮޑަށްވެސް ބޭނުންވޭއެބަ ބައެއް ފަރާތްތަކަށް." ޖައުޝަން ވިދާޅުވިއެވެ.

ބީސީސީން ބުނީ އެ ކުންފުނީގެ ވެބްސައިޓް މެދުވެރިކޮށް އޮންލައިން ކޮންސަލްޓޭޝަންތަކަށް ބުކްކޮށްލުމުގެ ފުރުސަތުވެސް ހުޅުވާލާފައިވާކަމަށެވެ. ބީސީސީން ވިޔަފާރިތަކަށް ފޯރުކޮށްދޭ އެހީތެރިކަން ހޯދުމަށް އެއްވެސް ފީއެއް ދައްކާކަށް ނުޖެހޭނެއެވެ. މިއީ މުޅިން ހިލޭ ފޯރުކޮށްދޭ ޙިދުމަތެކެވެ. އެހެންކަމުން ބޭނުންވާ ކޮންމެ ވިޔަފާރިއަކަށްވެސް މި ޙިދުމަތަށް އެދެވޭނެއެވެ.