އޮތެންޓިކް މޯލްޑިވްސްގެ ފިހާރައެއް ތައިލޭންޑާއި ޖަޕާނުގައި ހުޅުވުމުގެ މަސައްކަތް ކުރަމުންދާކަމަށް ބިޒްނަސް ސެންޓަރ ކޯޕަރޭޝަން، ބީ.ސީ.ސީން ވިދާޅުވެއްޖެއެވެ.
ބީ.ސީ.ސީއަކީ ރާއްޖޭގައި ހިންގާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއަރުވައި ވިޔަފާރިތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުން އުފައްދާފައިވާ ކުންފުންޏެކެވެ. އެ ކުންފުނިން ދަނީ ވިޔަފާރި ފަށަން ބޭނުންވާ ފަރާތްތަކަށް ކޮންސަލްޓެންސީ ދިނުމާއި، އެހީތެރިވެ ދިނުމުގެ މަސައްކަތް ހިލޭ ފޯރުކޮށްދެމުންނެވެ.
އޮތެންޓިކް މޯލްޑިވްސްއަކީ އިކޮނޮމިކް މިނިސްޓްރީގެ އިސްނެންގެވުމުގެ ދަށުން ބީ.ސީ.ސީ.އިން ދިވެހި ވިޔަފާރިވެރިންގެ އުފެއްދުންތައް ކުރިއެރުވުމަށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ބީ.ސީ.ސީގެ ޗީފް ކޮމާޝަލް އޮފިސަރ ސާމިހް އާދަމް ވިދާޅުވީ، އިކޮނޮމިކް މިނިސްޓްރީގެ އިސްނެންގެވުމާއެކު އޮތެންޓިކް މޯލްޑިވްސްގެ މަސައްކަތްތައް ފެށިއިރުވެސް މިނިސްޓްރީގެ އަމާޒުހުރީ އޮތެންޓިކް މޯލްޑިވްސްގެ އައުޓްލެޓްތައް އިތުރުކޮށް ފުޅާކުރުންކަމަށެވެ. އަދި ބީ.ސީ.ސީން މަސައްކަތްކުރަނީ މި އަމާޒުގައިކަން އޭނާ ފާހަގަކުރެއްވިއެވެ.
އޮތެންޓިކް މޯލްޑިވްސްގެ 4 ފިހާރައެއް މިހާރުވެސް އަންނަނީ ހިންގަމުންނެވެ. ބީ.ސީ.ސީގެ އަމާޒަކީ މިއަހަރުގެ ތެރޭގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އޮތެންޓިކް މޯލްޑިވްސްގެ 11 ފިހާރަ ހުޅުވުންކަމަށް ސާމިހް ވިދާޅުވިއެވެ. މީގެއިތުރުން އޮތެންޓިކް މޯލްޑިވްސްގެ ފިރާހައެއް ތައިލޭންޑާއި ޖަޕާނުގައި ހުޅުވުމުގެ މަސައްކަތް ކުރަމުންދާކަމަށްވެސް ސާމިހް ވިދާޅުވިއެވެ.
"މިއަހަރު ތެރޭގައިވެސް އަޅުގަނޑުމެން އިތުރު 11 ތަނެއްގައި ހުޅުވުމަށްޓަކައި މަޝްވަރާ ކުރެވެމުން އެބަދޭ މިދެންނެވީ ރާއްޖޭގައި އިނގޭތޯ. ރިސޯޓްތަކާއި އިންޓަނޭޝަނަލް ނުވަތަ ރީޖަނަލް އެއަރޕޯޓްސްތަކާއި މިހަކަލަ ޑެސްޓިނޭޝަންތަކުގައި. މީގެއިތުރުން އަޅުގަނޑުމެން ރާއްޖެއިން ބޭރުގައިވެސް ތައިލޭންޑް އަދި ޖަޕާންގައި އޮތެންޓިކްގެ އައުޓްލެޓެއް ހުޅުވުމަށްޓަކައި ފުރުސަތުތައް ހޯދަމުން މިދަނީ. މީގެ އިތުރު ފުރުސަތުތައްވެސް ހޯދަމުންދާނަން. އަމާޒަކީ ހަމަ ރާއްޖޭގެ ހުރިހައި ސަރަހައްދެއްގައި މި އުފެއްދުންތައް އުފައްދާ ފަރާތްތަކަށް ފުރުސަތުތައް ވީހާވެސް ގާތުން ފަހިވެގެންދިއުން" ސާމިހް ވިދާޅުވިއެވެ.
ސާމިހް ވިދާޅުވީ، އޮތެންޓިކް މޯލްޑިވްސްގައި ވިއްކުމަށް ބަހައްޓާފައިވާ އުފެއްދުންތަކަކީ ބޭރުގެ މާކެޓްތަކަށް އެކްސްޕޯޓްކުރެވޭ ފެންވަރުގެ އުފެއްދުންތަކެއްކަމަށެވެ.
6 މަސްދުވަހަށް ދުބާއީގައި ކުރިއަށްދިޔަ ވޯލްޑް އެކްސްޕޯގައި އޮތެންޓިކް މޯލްޑިވްސްގެ އައުޓްލެޓެއް ބަހައްޓާފައި ހުރުމުގެ ސަބަބުން އޮތެންޓިކް މޯލްޑިވްސްގެ ސަޕްލަޔަރުންނަށް ވަރަށް ބޮޑު ފުރުސަތުތަކެއް ހުޅުވިގެންދިޔަކަން އޭނާ ފާހަގަކުރެއްވިއެވެ. މިކަހަލަ އިތުރު އެކްސްޕޯތަކުގައާއި އަދި އިންޓަނޭޝަނަލް ޕްލެޓްފޯމްތަކުގައި އޮތެންޓިކް މޯލްޑިވްސްގެ ފަރާތުން ބައިވެރިވާނެކަމަށް އޭނާ ވިދާޅުވިއެވެ.
ބޭރުގެ މާކެޓްތަކުގެ އިތުރުންވެސް އޮތެންޓިކް މޯލްޑިވްސްއިން ވިއްކާ ދިވެހި އުފެއްދުންތެރިންގެ އުފެއްދުންތައް ގަންނަ ދިވެހިންގެ އަދަދުވެސް އިތުރުވަމުން އަންނަކަމަށާއި، މިއީ އުފާކުރާ ކަމެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
އޮތެންޓިކް މޯލްޑިވްސްއިން މިހާރު ހިންގަމުން އަންނަ 4 ފިރާހައަކީ ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގެ ޑިއުޓީ ފްރީގައި ހުންނަ ފިހާރައާއި، ހުޅުމާލޭ ސެންޓްރޯ މޯލްއާއި މާލެއާއި ކުޑަވިނލިގިލީގެ އިތުރުން ދާދި ފަހުން އެ ކުންފުނިން ކްރޮސްރޯޑްގައި ހުޅުވި ފިހާރައެވެ.
އޮތެންޓިކް މޯލްޑިވްސްގެ ފިހާރަތަކުގެ ސަބަބުން އައު ވިޔަފާރިތައްވެސް ވަނީ އުފެދިގެން ގޮސްފައެވެ. އަދި މިކަން ކުރަމުންދިޔަ ކުދި ވިޔަފާރިތައް ވަނީ ފުޅާކޮށް ބޮޑުވެސްކޮށްފައެވެ. އޮތެންޓިކް މޯލްޑިވްސް ފުރަތަމަ ފަށައިގަނެގެން އައިއިރު 50 ވިޔަފާރިވެރިންނާއިއެކު ފަށައިގެން އައިސް މިހާރު 180 އަށްވުރެ ގިނަ ވިޔަފާރިވެރިން އެ ކުންފުންޏާއިއެކު މަސައްކަތް ކުރެއެވެ. މިއީ ގާތްގަނޑަކަށް 3000 އަށްވުރެ ގިނަ ދިވެހި އުފެއްދުމެވެ.