ޚަބަރު

އޮތެންޓިކް މޯލްޑިވްސްގެ ފިހާރައެއް ކްރޮސްރޯޑްގައި ހުޅުވައިފި


އޮތެންޓިކް މޯލްޑިވްސްގެ ފިހާރައެއް ކްރޮސް ރޯޑްސް މޯލްޑިވްސްގައި ހުޅުވައިފިއެވެ. މިއީ އޮތެންޓިކް މޯލްޑިވްސްގެ ފިހާރައެއް ހުޅުވި 2 ވަނަ ރިސޯޓެވެ. ބިޒްނަސް ސެންޓަރ ކޯޕަރޭޝަންގެ ދަށުން ހިންގާ އޮތެންޓިކް މޯލްޑިވްސް ފިހާރައަކީ ދިވެހި އުފެއްދުންތަކަށް މާކެޓް ހޯދައިދިނުމަށް އެ ކުންފުނިން ހިންގާ ފިހާރައެކެވެ.

އޮތެންޓިކް މޯލްޑިވްސްއިން ކްރޮސް ރޯޑްސްގައި ހުޅުވި އައުޓްލެޓް ހުޅުއްވައިދެއްވީ، އެސް.އެމް.އީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯރޕަރޭޝަން، އެސް.ޑީ.އެފް.ސީގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޒީނާދެވެ. މި ފިހާރަ ހުޅުވުމުގެ ރަސްމިއްޔާތައްފަހު މީޑިއާއަށް މަޢުލޫމާތު ދެއްވަމުން ޒީނާދު ވިދާޅުވީ، އޮތެންޓިކް މޯލްޑިވްސް އަކީ ދިވެހި އުފެއްދުންތަކަށް، މާކެޓުގައި ޖާގައޮތްކަމާއި ކޮލިޓީ ރަނގަޅު އުފެއްދުންތައް ދިވެހިން އުފައްދަމުންދާކަން ދައްކުވައިދޭ ފިހާރައެއް ކަމަށެވެ. އަދި އެސް.ޑީ.އެފް.ސީން ވިޔަފާރި ފެށުމަށާއި ކުރިއެރުވުމަށް ދޫކޮށްފައިވާ އެސްއެމްއީ ލޯނުގެ އެހީގައި ކުރިއަށްގެންދާ ބައެއް ވިޔަފާރިތަކުން އޮތެންޓިކް މޯލްޑިވްސްގައި ބައެއް ތަކެތި ވިއްކަމުންދާކަންވެސް ޒީނާދު ވަނީ ފާހަގަކުރައްވާފައެވެ.

"ރާއްޖޭގައި އެބަތިބި ވަރަށް ކްރިއޭޓިވް ޙާއްސަކޮށް ހޭންޑްކްރާފްޓާއި ކްރިއޭޓިވް ދާއިރާގައި މަސައްކަތް ކުރާ ފަރާތްތައް. އެބޭފުޅުން އުފައްދާ ތަކެތި ނުވިއްކި، މާކެޓަށް ނުގެންދެވި އަޅުގަނޑުމެންނަށް މިފެންނަނީ އެކަންތައް. އެއަށް އައި ވަރަށް ބޮޑު ހައްލެއް މިއީ. އޮތެންޓިކްގެ އިތުރު ފިހާރައެއް ހުޅުވިގެން ދިއުމަކީ މީގެ ކާމިޔާބުކަން ވަރަށް ރަނގަޅަށް އަޅުގަނޑުމެންނަށް ފެނިގެންދާކަމެއް." ޒީނާދު ވިދާޅުވިއެވެ.

އޮތެންޓިކް މޯލްޑިވްސް ފެށުމުގެ މައިގަނޑު މަޤްސަދަކީވެސް ކުދި ވިޔަފާރިތަކާއި މެދު ފަންތީގެ ދިވެހި އުފެއްދުންތައް އުފައްދާ ވިޔަފާރިތަކުގެ އުފެއްދުންތައް ބާޒާރަށް ނެރެދީ މާކެޓް ކުރެވޭނެ ގޮތެއް ހޯދައި ދިނުމެވެ.

އޮތެންޓިކް މޯލްޑިވްސްގެ ފިހާރަ ކްރޮސްރޯޑްގައި ހުޅުވުމަށްފަހު ވާހަކަދައްކަވަމުން ޑިރެކްޓަރ އޮތެންޓިކް މޯލްޑިވްސް މުހައްމަދު ޖައުޝަން ވިދާޅުވީ، ކްރޮސްރޯޑްގައި އިތުރު ފިހާރައެއް ހުޅުވިގެން ދިއުމަކީ މި ބްރޭންޑަށް ލިބިގެންދިޔަ އިތުރު ކުރިއެރުމެއްކަމަށެވެ. އަދި މި އައުޓްލެޓްގެ ސަބަބުން ދިވެހި ވިޔަފާރިވެރިންނަށް އެމީހުންގެ އުފެއްދުންތައް ރާއްޖެއާއި ރާއްޖެއިން ބޭރަށް މާކެޓްކުރުމަށް އިތުރު ފުރުސަތެއް ހުޅުވިގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ.

"އޮތެންޓިން މޯލްޑިވްސްގެ އައުޓްލެޓެއް ކްރޮސްރޯޑް މޯލްޑިވްސްގައި ހުޅުވިގެން ދިއުމަކީ މި ބްރޭންޑަށް ލިބިގެންދާނެ ކުރިއެރުމެއް. ޙާއްސަގޮތެއްގައި އަޅުގަނޑުމެންގެ ސަޕްލަޔަރުންނަށް އިތުރަށް ލިބިގެންދިޔަ މާކެޓެއް މިއީ. އޮތެންޓިކް މޯލްޑިވްސް މި ބްރޭންޑް އުފެދިގެން މިއައީ ދިވެހި އުފެއްދުންތެރިންނަށް މާކެޓް ސްޕޭސްއެއް ޕްރޮވައިޑްކޮށްދޭންވެގެން ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަރާތްތަކަށް ދިވެހި އުފެއްދުންތައް ފޯރުކޮށްދީ ކުރިއެރުވުމަށްޓަކައި. މި އައުޓްލެޓްގެ ސަބަބުން އެކަން ހާސިލްވެގެންދާނެކަމަށް އަޅުގަނޑުމެން ޤަބޫލުކުރަން." ޖައުޝަން ވިދާޅުވިއެވެ.

ކްރޮސް ރޯޑްސްގައި ހުޅުވި އޮތެންޓިކް މޯލްޑިވްސްގެ އައުޓްލެޓާއެކު އެ ފިހާރައިގެ 4 އައުޓްލެޓެއް މިހާރު ވަނީ ހުޅުވާފައެވެ. އޮތެންޓިކް މޯލްޑިވްސްގެ އެންމެ ފުރަތަމަ ފިހާރަ ހުޅުވީ ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގެ ޑިއުޓީ ޕްރީގައި 2020 ވަނަ އަހަރުގެ ޖަނަވަރީ މަހުގެތެރޭގައެވެ. އެފިހާރައަށް ލިބުނު ތަރުހީބަށް ބަލައި 2 ވަނަ ފިހާރަ ހުޅުވީ ނޮވެމްބަރ 2020 ގައި ހުޅުމާލޭ ސެންޓްރޯ މޯލްގައެވެ. މިހާރު މާލޭގެ އިތުރުން ކުޑަވިލިގިލި ރިސޯޓްގައިވެސް އަންނަނީ އޮތެންޓިކް މޯލްޑިވްސްގެ ފިހާރައެއް ހިންގަމުންނެވެ.

ބީ.ސީ.ސީއަކީ ރާއްޖޭގައި ހިންގާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއަރުވައި ވިޔަފާރިތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުން އުފައްދާފައިވާ ކުންފުންޏެކެވެ. އެ ކުންފުނިން ދަނީ ވިޔަފާރި ފަށަން ބޭނުންވާ ފަރާތްތަކަށް ކޮންސަލްޓެންސީ ދިނުމާއި، އެހީތެރިވެ ދިނުމުގެ މަސައްކަތް ހިލޭ ފޯރުކޮށްދެމުންނެވެ. އޮތެންޓިކް މޯލްޑިވްސްއަކީ އިކޮނޮމިކް މިނިސްޓްރީގެ ސީދާ އިސްނެންގެވުމުގެ ދަށުން ދިވެހި ވިޔަފާރިވެރިންގެ އުފެއްދުންތައް ކުރިއެރުވުމަށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

އޮތެންޓިކް މޯލްޑިވްސްގެ ފިހާރަތަކުގެ ސަބަބުން އައު ވިޔަފާރިތައްވެސް ވަނީ އުފެދިގެން ގޮސްފައެވެ. އަދި މިކަން ކުރަމުންދިޔަ ކުދި ވިޔަފާރިތައް ވަނީ ފުޅާކޮށް ބޮޑުވެސްކޮށްފައެވެ. އޮތެންޓިކް މޯލްޑިވްސް ފުރަތަމަ ފަށައިގަނެގެން އައިއިރު 50 ވިޔަފާރިވެރިންނާއިއެކު ފަށައިގެން އައިސް މިހާރު 180 އަށްވުރެ ގިނަ ވިޔަފާރިވެރިން އެ ކުންފުންޏާއިއެކު މަސައްކަތް ކުރެއެވެ. މިއީ ގާތްގަނޑަކަށް 3000 އަށްވުރެ ގިނަ ދިވެހި އުފެއްދުމެވެ.