ވިޔަފާރި

ދެކުނުއިރުމަތީ އޭޝިއާގައި ރާއްޖެ އިސްތިހާރުކުރުމަށް ޚާއްސަ ކެންޕެއިނެއް


ދެކުނުއިރުމަތީ އޭޝިއާ މާކެޓުގައި ރާއްޖެ އިސްތިހާރުކުރުމަށް މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)އިން ޓްރެވަލް ޕްލަސް ލެޝަރ ސައުތުއީސްޓް އޭޝިއާއާއެކު ކެމްޕޭނެއް ފަށައިފިއެވެ. މި ކެމްޕެއިން ކުރިއަށް ދާނީ މިއަހަރުގެ ޖުލައި މަހުން ފެށިގެން 2023ވަނަ އަހަރު ފެށެންދެނެވެ.

ޓްރެވެލް ޕްލަސް ލެޝަރ ސައުތުއީސްޓް އޭޝިއަކީ 2007ވަނަ އަހަރު ތައާރަފްކޮއްފައިވާ ފަތުރުވެރިކަމާ ބެހޭ މައުލޫމާތު ހިއްސާކުރާ އޮންލައިން މަޖައްލާއެކެވެ. މިއީ ފަތުރުވެރިކަމުގެ މަންޒިލްތަކާއި އެތަންތަނުން ތަޖުރިބާކުރެވޭނެ ކަންތައްތައް އާޓިކަލްތަކުގެ ޒަރިއްޔާއިން ހިއްސާކުރާ މަޖައްލާއެކެވެ. މި މަޖައްލާ ފިލިޕީންސް، މެލޭޝިއާ، އިންޑޮނީޝިއާ، ސިންގަޕޫރު، ތައިލޭންޑް، އަދި ވިއެޓްނާމް ފަދަ ގައުމުތަކުގައި މީހުން ކިޔައެވެ.

އެމްއެމްޕީއާރުސީ އާއި ޓްރެވަލް ޕްލަސް ލެޝަރ އާއި ގުޅިގެން ކުރިއަށް ގެންދާ މި ކެމްޕޭން މެދުވެރިކޮށް ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތުގެ އެކި ސެގްމަންޓްތަކާއި، ޕްރޮޑަކްޓްތަކާއި އަދި ތަފާތު ތަޖުރިބާތައް ދެކުނުއިރުމަތީ އޭޝިއާގެ ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކާއި، ފަތުރުވެރިންގެ މެދުގައި އިސްތިހާރު ކުރާނެއެވެ.

މި ކެމްޕޭނަކީ ދެކުނުއިރުމަތީ އޭޝިއާ މާކެޓުގައި ރާއްޖޭގެ މަގުބޫލުކަން ދަމަހައްޓާ، ރާއްޖޭގެ ބްރޭންޑް ވިޒިބިލިޓީ އިތުރުކުރުމުގެ ގޮތުން އެމްއެމްޕީއާރުސީއިން އެކުލަވާލާފައިވާ މާކެޓިންގ ސްޓްރެޓަޖީގެ ދަށުން ހިންގާ ހަރަކާތެކެވެ. މި ސްޓްރެޓަޖީ ބިނާކޮށްފައިވަނީ ރާއްޖެއާ މެދު މި މާކެޓުގައި ހޭލުންތެރިކަން އިތުރުކުރުމުގެ މައްޗަށެވެ. އަދި ރާއްޖެއަކީ ދުނިޔޭގެ އެންމެ މަޤްބޫލު އެއް މަންޒިލްގެ ގޮތުގައި ޕްރޮމޯޓް ކުރުމުގެ މައްޗަށެވެ.

މި ސްޓްރެޓެޖީގެ އަމާޒަކީ މި މާކެޓުން ލަގްޒަރީ ފަތުރުވެރިންނާއި އާއިލާތަކާއި މުސްލިމް ފަތުރުވެރިންނަށް ރާއްޖެއިން ލިބޭ އެކި ހިދުމަތްތައް ޕްރޮމޯޓް ކުރުމެވެ. އަދި މި މާކެޓުން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ކޯވިޑްގެ ކުރިން ހުރި އަދަދަށް އިތުރުކުރުމާއި ރާއްޖެއަކީ ހަމަ އެކަނި ހަނީމޫން ނުވަތަ ލަގްޒަރީ ޑެސްޓިނޭޝަނެއްގެ ގޮތުގައި ދެކެވޭދެކުން ބަދަލުކުރުމެވެ.

މިއަހަރުގެ މިހާތަނަށް ދެކުނުއިރުމަތީ އޭޝިއާ މާކެޓުގެ ޤައުމުތަކުން ރާއްޖެއަށް 18،489 ފަތުރުވެރިން ވަނީ އައިސްފައެވެ. އެމްއެމްޕީއާރުސީއިން އަންނަނީ މި މާކެޓުގައިވެސް ރާއްޖޭގެ މަގުބޫލުކަން އިތުރުކުރުމަށް ގިނަ ހަރަކާތްތަކެއް ހިންގަމުންނެވެ. އެގޮތުން ޖޮއިންޓް މާކެޓިން ކެމްޕެއިންތަކާއި، ވެބިނާތަކާއި، ފެމިލިއަރައިޒޭޝަން ދަތުރުތައް އިންތިޒާމްކޮށް، ބޮޑެތި ފެއަރތަކާއި އެގްޒިބިޝަންތަކުގައި ބައިވެރިވެއެވެ.