ށ.ފޯކައިދޫގެ ބަނދަރު ތަރައްޤީކުރުމުގެ މަސައްކަތުގެ ބޮޑުބައެއް ނިމިއްޖެއެވެ. ފޯކައިދޫގައި މިހާރު ބޭނުންކުރަމުން އަންނަ ބަނދަރަކީ 2003ވަނަ އަހަރު ބޭނުންކުރަން ފެށި ބަނދަރެކެވެ. އެއީ 650 ފޫޓު ދިގު، 190 ފޫޓު ފުޅާ ބަނދަރެކެވެ.  
ގިނަ ދުވަސްވެ ށ.ފޯކައިދޫ ބަނދަރު ވަނީ ވަރަށް ބޮޑަށް ހަލާކުވެފައެވެ. އެންމެ ބޮޑު ދަތިކަމެއް ގޮތުގައި ރަށު ކައުންސިލުން ފާހަގަކުރަނީ ބަނދަރުގެ ބޭރު ތޮށި ވެއްޓި، ބަނދަރުގެ ރައްކާތެރިކަން ކުޑަވުމެވެ.  
މޫސުން ގޯސާވާ ދުވަސްވަރު، އޮޑި ދޯނިފަރަށް ލިބެންޖެހޭ ރައްކާތެރިކަން ރަށުގެ ބަނދަރުން ނުލިބޭކަމުގެ ޝަކުވާ ބޮޑުވެފައިވަނިކޮށް ފޯކައިދޫގެ ބަނދަރު މަރާމާތުކޮށް ބޮޑުކުރުމުގެ މަސައްކަތް ސަރުކާރުން އެމްޓީސީސީއާއި ހަވާލުކުރީ 2020ވަނަ އަހަރުއެވެ. 
ބަނދަރުތެރެއަށް ރާޅު ވަދެ އޮޑިދޯނިފަހަރާއި މުދަލަށް ގެއްލުންވުމުގެ ހާދިސާތައްވެސް ހިނގާފައިވެއެވެ. ސިމެންތި ބަސްތާ ޖަހައިގެން ހަދާފައިވާ ރަށުގެ އެއްގަމު ތޮށިވެސް އޮތީ ވަރަށް ބޮޑަށް ހަލާކުވެފައެވެ.
		
										
										
										
			އެމްޓީސީސީއާއި ހަވާލުކޮށްފައިވަނީ ރަށުގައި މިހާރު ބޭނުންކުރަމުންދާ ބަނދަރު ނަގާ، ޒަމާނީ ކުރުމާއި، ބަނދަރަށް ޖާގަ އިތުރުކުރުމުގެ މަސައްކަތެވެ.  
ފޯކައިދޫ ބަނދަރުގެ މަސައްކަތުގެ ބޮޑު ބައެއް މިހާރުވަނީ މުޅިން ނިމިފައެވެ. އެމްޓީސީސީން ބުނެފައިވަނީ ބަނދަރުގެ ހާތްގަނޑަކަށް %87 މަސައްކަތް މިހާރުވަނީ ނިމިފައެވެ. ބަނދަރުގެ އެއްގަމު ތޮށީގެ މަސައްކަތްވެސް ވަނީ މުޅިން ނިމިފައެވެ. އެމްޓީސީސިން ދަނީ މަސައްކަތް ވީހާވެސް އަވަހަށް ނިންމުމަށް މަސައްކަތް ކުރަމުންނެވެ.
މި ޕްރޮޖެކްޓްެގެ ދަށުން 464 މީޓަރުގެ އެއްގަމު ތޮއްޓަކާއި 507 މީޓަރުގެ ބޭރު ތޮއްޓެއްލުމަށްވަނީ ހަމަޖެހިފައެވެ. އަދި 100 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓު ޖެހުމަށްވެސްވަނީ ހަމަޖެހިފައެވެ.  
އަދި ބަނދަރު ޕޭވްމަންޓް ހެދުމާއި ބައްތި ހަރުކުރުމުގެ މަސައްކަތްވެސް ހިމެނެއެވެ. މިއީ ދައުލަތުގެ ބަޖެޓުން 64.6 މިލިއަން ރުފޔާ ޚަރަދުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ.