ޚަބަރު

މުޒާހަރާއިން ހައްޔަރުކުރި ލަންކާ މީހާ ޝަރުޠުތަކަކާއެކު ދޫކޮށްލައިފި


އަލިމަސް ކާނިވާ ސަރަހައްދުގައި ސްރީލަންކާގެ ބަޔަކު ކުރި މުޒާހަރާގެ ތެރެއިން ހައްޔަރު ކުރި މީހާ ދޫކޮށްލައިފިއެވެ.

ފުލުހުން ވިދާޅުވީ މާލޭގައި އިއްޔެ ލަންކާ މީހުން ކުރިއަށްގެންދިޔަ މުޒާހަރާގައި އެ މީހާ ހައްޔަރުކޮށްފައި ވަނީ ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އަޅައި، ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވިކަމުގެ ތުހުމަތުގައި ކަމަށެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ހާޒިރު ކުރުމުން ކޯޓުން ވަނީ ޝަރުޠުތަކެއް ކުރުމަށްފަހު އެ މީހާ ދޫކޮށްލާފައިކަމަށް އޮފިޝަލް ވިދާޅުވިއެވެ. ލަންކާމީހާގެ މައްސަލަ ތަހުގީގު ކުރަމުންދާކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.

ސްރީލަންކާބަޔަަކު މާލޭގައި މުޒާހަރާކުރީ އެޤައުމުގެ ސިޔާސީ މަސްރަހު ވަރަށްބޮޑަށް ގޯސްވެ ސަރުކާރާދެކޮޅަށް އެތައްބަޔަކު ނުކުމެ މުޒާހަރާކުރަމުންދަނިކޮށް އެޤައުމުގެ ރައީސް ގައުމު ދޫކުރައްވައި ރާއްޖެ ވަޑައިގަތުމުން އެކަމާ ހިތްހަމަނުޖެހިގެންނެވެ. ސްރީލަންކާގެ ރައީސް ގޮތަބަޔާ ރާޖަޕަކްސެ ލަންކާ ދޫކުރައްވައި ރާއްޖެ ވަޑައިގެންނެވީ އަންގާރުދުވަހުގެ ދަންވަރުގެ ވަގުތެއްގައެވެ.

ގޮތަބަޔާ ރާޖަޕަކްސެއާއި އޭނާގެ އަނބިކަނބަލުން ވަނީ ރާއްޖެއިން މިއަދު ފުރާވަޑައިގެންފައެވެ. ދެން ވަޑައިގަންނަވާނީ ސިންގަޕޫރަށްކަމަށް ސްރީލަންކާގެ ނޫސްތަކުން ބުނެއެވެ. ނަމަވެސް ދިވެހި ސަރުކާރުގެ އޮފިޝަލަކާ ހަވާލާދީ އޭޕީ ނިއުސް އެޖެންސީން ބުނީ ސައޫދީ އެއަރލައިންގައި އޭނާ ދަތުރުކުރައްވަނީ ސިންގަޕޫރުމަގުން ސައޫދީ އަރަބިއްޔާގެ ޖިއްދާއަށްކަމަށެވެ.

ސްރީލަންކާގެ ރައީސް ޤައުމު ދޫކުރެއްވީ އެގައުމުގެ އިގްތިސާދު ބަގްރޫޓްވެ ކުރިމަތިވެފައިވާ އިގްތިސާދީ ކާރިޘާއާ ގުޅިގެން ރައްޔިތުންގެ ނުރުހުން ސަރާކަށް އަމާޒުވެ އެމީހުން މަގުތަކަށް ނުކުމެ ކުރަމުންދިޔަ މުޒާހަރާތައް ކޮންޓްރޯލުން ނެއްޓިފައިވާ ދަނޑިވަޅެއްގައެވެ. މުޒާހަރާކުރަމުންދާ ރައްޔިތުން ވަނީ ރައީސްގެ ގަނޑުވަރަށް ވަދެ އެތަން އެމީހުންގެ ބާރުގެދަށަށް ގެންގޮސްފައެވެ.

ސްރީލަންކާގެ އެއަރފޯސްއިން ބުނެފައިވަނީ އެއަރ ފޯސްޖެޓެއްގައި ރައީސް ގޮތަބަޔާ ގައުމުން ބޭރަށް ދަތުރުފުޅުކުރައްވާފައިވަނީ ގަވާއިދު އެގައުމުގެ ކަމާއިބެހޭ ހުރިހާ އިދާރާތަކުން ނަގަންޖެހޭ ހުއްދަތައް ނަންގަަވައި ފުރިހަމަ ކުރެއްވުމަށްފަހުކަމުގައެވެ.

ސްރީލަންކާގެ ރައީސް ގައުމުން ބޭރަށް ވަޑައިގަތުމުގެ ކުރިން އެގައުމުގެ ބޮޑުވަޒީރު އަދި އޭނާގެ ބޭބެ މަހިންދަރާޖަޕަކްސެ ބޮޑުވަޒީރުކަމުން އިސްތިއުފާ ދެއްވުމާގުޅިގެން ވަގުތީގޮތުން ބޮޑުވަޒީރުކަމާއި އަދި މިހާރު ރައީސް ގައުމުން ބޭރަށް ވަޑައިގަތުމުން ވަގުތީގޮތުން ރައީސެއްގެ ގޮތުގައި ހުންނެވީ ރަނިލް ވިކްރަމަ ސިންހެއެވެ. މުޒާހަރާކުރާ މީހުން މީގެކުރިން ވަނީ ރަނިލް ދިރިއުޅުއްވާ ގެއަށްވެސް ބޮޑެތި ގެއްލުންތަކެއް ދީފައެވެ. އަދި ރަނިލް މަގާމުން އިސްތިއުފާ ދެއްވުމަށްވެސް މުޒާހަރާކުރާ މީހުން ދަނީ ގޮވާލަމުންނެވެ.