ވިޔަފާރި

އެސްއެމްއީ ބޭންކުން 1036 ވިޔަފާރިއަކަށް 1.2 ބިލިއަން ރުފިޔާ


އެސްއެމްއީ ބޭންކް މެދުވެރިކޮށް މިހާތަނަށް 1.2 ބިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވާކަމަށް އެ ބޭންކުން ހާމަކޮށްފިއެވެ.

ކުދި ވިޔަފާރިއާއި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަކީ މި ސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދެއްވައިގެން ކުރައްވަމުން ގެންދަވާ މަސައްކަތެކެވެ. އޭގެ އެންމެ ފުރިހަމަ މިސާލަކީ މި ސަރުކާރުން މިފަދަ ވިޔަފާރިތަކަށް ފަސޭހައިން ލޯނު ލިބޭނެ މަގު ފަހިކޮށްދެއްވުމަށް ވަކިން ޙާއްސަ ބޭންކެއް ހުޅުއްވުމެވެ. އެސްއެމްއީ ބޭންކު ހުޅުވާފައިވަނީ 2019 ވަނަ އަހަރުގެ މާރޗް މަހުގެ ތެރޭގައެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން އެސްއެމްއީ ބޭންކުން ވިދާޅުވީ، މިހާތަނަށް އެ ބޭންކުން 1،253،256،882 (އެއް ބިލިއަން ދުއިސައްތަ ފަންސާސްތިން މިލިއަން ދެލައްކަ ފަންސާސް ހަހާސް އަށްސަތޭކަ އަށްޑިހަ ދޭއް) ރުފިޔާ ލޯނުގެ ގޮތުގައި ދޫކޮށްފައިވާކަމަށެވެ. މިއީ ވަކިވަކި ވިޔަފާރިތަކަށް ބަލާނަމަ ޖުމްލަ 1036 ވިޔަފާރިއަކަށް ދޫކޮށްފައިވާ ލޯނުކަމަށް އެ ބޭންކުން ބުނެއެވެ.

މި ލޯނުތައް ދޫކޮށްފައިވާ ދާއިރާތަކާއި އަދަދު:

  • ދަނޑުވެރިކަން: 38 ލޯނު
  • ކޮމާސް: 414 ލޯނު
  • އިމާރާތްކުރުން: 44 ލޯނު
  • މަސްވެރިކަން: 143 ލޯނު
  • އިންފޮމޭޝަން ޓެކްނޮލޮޖީ: 11 ލޯނު
  • މެނިފެކްޗަރިން: 97 ލޯނު
  • ޓޫރިޒަމް: 200 ލޯނު
  • ޓްރާންސްޕޯޓް: 89 ލޯނު

އެސްއެމްއީ ބޭންކުން ދޫކުރާ ލޯނުގެ 25 އިންސައްތަ ޙާއްސަކޮށްފައިވަނީ އަންހެން ވިޔަފާރިވެރިންނަށެވެ. އެސްއެމްއީ ބޭންކް މެދުވެރިކޮށް އަންހެނުންނަށް ޙާއްސަ އިސްކަމެއްދީގެން ލޯނު ދޫކުރާއިރު ޒުވާނުންނާއި، އިތުރުން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށްވެސް ޙާއްސަ އިސްކަމެއްދީގެން އަންނަނީ ލޯނު ދޫކުރަމުންނެވެ.

އެ ބޭންކުން އެންމެ އިސްކަމެއްދީގެން ލޯނު ދޫކުރާ ދާއިރާތަކުގެ ތެރޭގައި ރަށު ފަތުރުވެރިކަމާއި، ދަނޑުވެރިކަމާއި، އައިޓީ، މެނިފެކްޗަރިން އަދި މަސްވެރިކަމުގެ ދާއިރާ ހިމެނޭކަމަށް އެސްއެމްއީ ބޭންކުން ބުނެއެވެ.