މީގެ ފަސް އަހަރު ދުވަސް ކުރިން ސޫރިޔާގައި ފެށި ހަނގުރާމައިގައި ސަބަބުން އެޤައުމުގެ އެތެރޭގައި އެތަށް މިލިއަން ބަޔަކު އުޅެމުންދަނީ ދިރިއުޅުމުގެ އެންމެ ޒަރޫރީ ބޭނުންތައް ވެސް ނުފުދެއެވެ.ސޫރިޔާގެ ބައެއް ސަރަހައްދުތަކުގައި އަދި ވެސް ވަރުގަދައަށް ޙަމަލާތައް ބަދަލުކުރަމުންދާ އިރު، މި ހަމަލާތަކުގެ ސަބަބުން ސޫރިޔާގެ ބައެއް ރަށްތައް ވަނީ އެކަހެރިވެފައެވެ.ހަނގުރާމައިގެ ދެފަރާތުން ޙަމަލާތައް ބަދަލުކުރާ ސަރަހައްދުގެ އިތުރުން، ސޫރިޔާގެ ސަރުކާރަށް ވާގިދޭ ފަރާތްތަކުން ހުއްޓުމެއް ނެތި ވައިގެ ހަމަލާތައް އަމާޒުވަމުންދާ ސަރަހައްދުތަކެއް ވެސްވެއެވެ. މިކަމުގެ ސަބަބުން ސޫރިޔާގައި ހާލުގައި ޖެހިފައި ތިބި ފަރާތްތަކަށް އިންސާނީ އެހީގެ ސާމާނު ފޯރުކޮށްދިނުމުގެ މަސައްކަތް ކުރާ ބައިނަލްއަޤްވާމީ އެހީދޭ ޖަމާޢަތްތަކަށް ނުވަދެވޭ ސަރަހައްދުތައް ވެސް ހިމެނެއެވެ. މި ގޮތުން، ހުސްވި 2015 ވަނަ އަހަރު މިފަދަ ސަރަހައްދުތަކުގައި އުޅެމުން ދިޔަ 4.6 މިލިއަން މީހުންނަށް އިންސާނީ އެހީގެ ސާމާނު ފޯރުކޮށް ދިނުމަށް އެދި އދއިން ސޫރިޔާގެ ސަރުކާރުގައި އެދިފައިވާ އެދުންތަކަށް އެގައުމުގެ ސަރުކާރުން ގިނަ ފަހަރު އިޖާބާ ދީފައި ނުވާ ކަމަށް އދން މި ވަނީ ބުނެފައެވެ.ސޫރިޔާގެ އިންސާނީ ޙާލަތާ ބެހޭ ގޮތުން އދގެ ސަލާމަތީ މަޖިލީހަށް މަޢުލޫމާތު ދެއްވަމުން އދގެ އެމަޖެންސީ ރިލީފް ކޯޑިނޭޓަރ ސްޓީވަން އޯ ބްރައިން ވިދާޅުވީ، ސޫރިޔާގެ ރައްޔިތުން އުޅެމުންދާ ހިތް ދަތި ހާލުގެ ޒިންމާ ނަގަން ޖެހޭނީ ސޫރިޔާގައި ހަރަކާތްތެރިވާ އިންސާނީ އެހީދޭ ޖަމާޢަތްތައް އެކަނި ނޫން ކަމަށެވެ. މިއީ އެޖަމާޢަތްތަކާ، ސޫރިޔާ ސަރުކާރާ އަދި ބައިނަލްއަޤްވާމީ ދުނިޔޭއިން ވެސް ނަގަންޖެހޭ ޒިންމާއެއް ކަމަށާ މިކަމުގައި އެފަރާތްތައް ފެއިލްވެފައިވާ ކަމަށް ވެސް އޯ-ބްރައިން ވަނީ ވިދާޅުވެފައެވެ.އޭނާ ވިދާޅުވީ 2011 ވަނަ އަހަރުގެ ފަހުން ސޫރިޔާގައި 250 ހާހަށް ވުރެ ގިނަ މީހުން މަރުވެ، އެއް މިލިއަން އަށް ވުރެ ގިނަ މީހުން ޒަޚަމްވެފައިވާ ކަމަށެވެ. އަދި 6.5 މިލިއަން މީހުން ސޫރިޔާގެ އެތެރޭގައި ހާލުގައި ޖެހިގެން އުޅެމުންދާ ކަމަށާ އާބާދީގެ 13.5 މިލިއަން މީހުން އިންސާނީ އެހީގެ ސާމާނަށް އިންތިހާއަށް ބޭނުންވެފައިވާ ކަން ވެސް އޯބްރައިން ވަނީ ފާހަގަ ކުރައްވާފައެވެ.