މޯލްޑިވްސް ސްޓޭޓް ޝިޕިންއިން އަލަށް ގެންނަ ބޯޓު "އެމްއެސްއެސް ގްރެފިން" ގަތުމުގެ އެއްބަސްވުމުގައި ސޮއެކޮށްފިއެވެ.
މިއީ އެމްއެސްއެސްގެ ފްލީޓަށް ގެންނަ 3 ވަނަ ބޯޓެވެ.
އެސްޓީއޯ ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެސްޓީއޯގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ހުސައިން އަމްރުއާއި ޖަރުމަނުވިލާތުގެ ކެންޑްލަރ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ޖޯނަސް ކެލަރއެވެ.
ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން އެސްޓީއޯގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ހުސައިން އަމްރު ވިދާޅުވީ، މިއީ ކޮންޓެއިނަރ އުފުލާ ބޯޓެއްކަމަށެވެ. މި ބޯޓާއިއެކު ސިންގަޕޫރާއި މެލޭޝިއާއިން ރާއްޖެއަށް ސީދާ މުދާ ގެނެވިގެންދާނެކަން އަމްރު ފާހަގަކުރެއްވިއެވެ. އަދި ކުރިއަށްއޮތްތަނުގައި އަރަބިކަރައިންވެސް ރާއްޖެއަށް ސީދާ މުދާ ގެނެވިގެންދާނެކަމަށް އަމްރު ވިދާޅުވިއެވެ.
އަމްރު ވިދާޅުވީ، އެމްއެމްއެސްއިން ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ގިނަ ކާމިޔާބީތަކެއް ހޯދާފައިވާކަމަށެވެ. އެގޮތުން ރާއްޖޭގައި މިގޮތަށް ބޯޓެއް ގަތުމުގެ މުއާމަލާތް ކުރެވުނު މިއީ ފުރަތަމަ ފަހަރުކަން އަމްރު ފާހަގަކުރެއްވިއެވެ. އަމްރު ވިދާޅުވީ، އެމްއެސްއެސް ލޯގޯ ޖެހި އަމިއްލަ ކޮންޓެއިނަރ ހޯދުމުގެ މަސައްކަތްވެސް މިހާރު ކުރަމުންދާކަމަށެވެ.
"މިއަދު އަޅުގަނޑުމެން މި ސޮއެކުރީ އެމްއެސްއެސްގެ 3 ވަނަ ވެސަލް. މި ވެސަލްއަކީމިއީ ކޮންޓެއިނަރ ވެސަލްއެއް. އަޅުގަނޑު ފުރަތަމަވެސް ފާހަގަކޮށްލަން ބޭނުންވަނީ އެމްއެސްއެސް ޙިދުމަތް ފެށިގެން އައިސް މިވީ ކުޑަ ދުވަސްކޮޅުގެ ތެރޭގައި ރާއްޖެއަށް ގެންނަ ހުރިހައި މައިގަނޑު މުދަލެއް އެމްއެސްއެސްއިން ގެނެވެނީމި. ދެން މި ބޯޓާއިއެކީގައި މި ގުޅާލެވުނީ ސިންގަޕޫރާއި ހިސާބުން ފެށިގެން މެލޭޝިއާއިން ރާއްޖެއަށް ޑައިރެކްޓްކޮށް. ކުރިއަށްއޮތް ތަނުގައި އަރަބިކަރައިންވެސް ރާއްޖެއަށް ހަމަ ސީދާ ގުޅިގެންދާނެ." އަމްރު ވިދާޅުވިއެވެ.
Signing ceremony for the purchase of MSS Graphene
— STO (@stoplc) July 1, 2022
We’re beyond excited to announce the latest addition to our fleet, MSS Graphene
With its 680 TEU capacity on-board, this glorious addition to our fleet will facilitate direct cargo service between Maldives, Singapore, & Malaysia pic.twitter.com/b3nptqvarC
އެމްއެސްއެސްގެ މެނޭޖިންގ ޑިރެކްޓަރ ޢަބްދުﷲ ސައީދު ވިދާޅުވީ، މި ބޯޓަކީ އެމްއެސްއެސްއިން މިހާރު ގެންގުޅޭ ގެލޭނާއާއި އެއް ސައިޒެއްގެ ބޯޓެއްކަމަށެވެ. އެގޮތުން މި ބޯޓުގައި 680 ކޮންޓެއިނަރ އުފުލޭނެކަމަށް އޭނާ ވިދާޅުވިއެވެ.
އެމްއެސްއެސްގެ ހުރިހައި ބޯޓެއްގައިވެސް ގިނައިން މަސައްކަތްކުރަނީ ދިވެހިންނެވެ. ސައީދު ވިދާޅުވީ މި ބޯޓުގައި މަސައްކަތްކުރާ ކްރޫއިންގެ ތެރޭގައިވެސް ގިނައީ ދިވެހިންކަމަށެވެ. އެ ކުންފުނިން އަންނަނީ މި ދާއިރާއަށް ދިވެހިން ތަމްރީން ކުރުމުގެ މަސައްކަތް ކުރަމުންކަން ސައީދު ފާހަގަކުރެއްވިއެވެ.
"މީގަ އުފުލޭނީ ލޯޑްކޮށްފައި ހުންނަ 420. ދެން ހުސް ކޮންޓެއިނަރ ވެއްޖިއްޔާ 680 ކޮންޓެއިނަރ. އޮގަސްޓް މަހުގެ ތެރޭގައި މި ބޯޓުގެ ދަތުރުތައް ފެށިގެންދާނެ." ސައީދު ވިދާޅުވިއެވެ.
އެމްއެސްއެސްއަކީ ރާއްޖެއަށް އެތެރެކުރާ މުދާ ވީހާވެސް ހެޔޮ އަގެއްގައި ގެނެވޭނެ މަގު ފަހިކުރުމަށްޓަކައި ސަރުކާރުން އުފައްދާފައިވާ އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެކެވެ. މި ކުންފުނީގެ މަސައްކަތް ފަށާފައިވަނީ 2020 ވަނަ އަހަރުގެ އޭޕްރީލް މަހުގެތެރޭގައެވެ.