ތިނަދޫއަށް ދިމާވި ކަރަންޓް މައްސަލަ ޙައްލުކުރުމަށް މާލެއިން ގެންދާ ދެ ޖަނަރޭޓަރު ހިފައިގެންދާ އުޅަނދު މިވަގުތު އޮތީ، ތ. އަތޮޅާއި ހިސާބުގައިކަމުން މާދަމާ މެންދުރު ފަހު ތިނަދޫއަށް ވަންނާނެކަމަށް ފެނަކަ ކޯޕަރޭޝަނުން ވިދާޅުވެއްޖެއެވެ.ތިނަދޫއަށް ދިމާވެފައިވާ ކަރަންޓްގެ މައްސަލަ ހައްލުކުރުމަށް އެކުލަވާލާފައިވާ އޮޕަރޭޝަން ސެންޓަރުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ފެނަކަ ތިނަދޫ ބްރާންޗްގެ ޓެކްނިކަލް މެނޭޖަރ މުސްތަފާ ހުސެއިން ވިދާޅުވީ އެރަށުން ކަރަންޓް ދިޔަ ހާދިސާއާއި ގުޅިގެން އެރަށް އެހީވުމަށް ކައިރި ރަށްތަކުންނާއި އެކިއެކި ކުންފުނިތަކުން ޖަނަރޭޓަރ ލިބެމުންއަންނަކަމަށެވެ. އަދި މިގޮތަށް ލިބުނު ޖަނރޭޓަރު ތަކުން އެންމެ ފުރަތަމަ އިސްކަންދިނީ ރައްޔިތުންނަށް އަސާސީ ހިދްމަތްތައް ފޯރުކޮށްދޭން ޖެހޭ މުހިއްމު ތަންތަނަށް ކަރަންޓްދިނުމަށްކަމަށްވެސް މުސްތަފާ ހުސެއިން ވިދާޅުވިއެވެ. އެނާ ވިދާޅުވީ މާލެއިން ގެންނަ ޖަނަރޭޓަރު ގެނައުމުން އެންމެ ފުރަތަމަވެސް ރަށުގެ ހުރިހާ ގެއަކަށް ސައްވިސް ގަޑިއރު ކަރަންޓް ފޯރުކޮށްދިނުމަށް ތައްޔާރުވަމުން އަންނަކަމަށެވެ.ތިނަދޫގައި ޤާއިމްކޮށްފައިވާ އޮޕރޭޝަން ސެންޓާރުން މިއަދު ބޭއްވި ނޫސްވަރިންގެ ބައްދަލވުމުގައި ވާހަކަ ދައްކަވަމުން އެރަށު ހޮސްޕިޓަލްގެ މެނޭޖަރ ހެލްތަ ސާރވިސް ހުސައިން ރަޝީދް ވިދާޅުވީ ސާފުތާހިރުކަމަށް އިސްކަން ދެއްވައިގެން އެ ހޮސްޕިޓަލުން އެކި މަސައްކަތްތައް ކުރައްވަމުން އަންކަމަށެވެ. މި ގޮތުން ފިހާރަތަކާއި ރެސްޓޯރަންޓްތަކުގައި ބޭނުންކުރުމަށް ގެނެސްފައިވާ ކާބޯތަކެތި ހަލާކުވެދާނެތީ އެތަކެތި ބަލަމުން ގެންދަވާކަމަށެވެ. އަދި ރަށުގައި މަދިރި ގިނަކަމުން މަދިރި ނައްތާލުމަށް ބޭނުންވާތަކެތި ހެލްތް މިނިސްޓްރީ މެދުވެރިކޮށް ހޯދާފައިވާކަމަށާއި އެތަކެތި ތިނަދޫއަށް ގެނައުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށެވެ.