ވިޔަފާރި

ކޯވިޑާއި ގުޅިގެން އެސްއެމްއީ ބޭންކުން 374 މިލިއަނަށްވުރެ ގިނަ ރުފިޔާ ވިޔަފާރިތަކަށް


ކޯވިޑް19 އާއި ގުޅިގެން ކުދި ވިޔަފާރިއާއި މެދު ފަންތީގެ ވިޔަފާރިތަކަށް އެހީވުމަށް މިހާތަނަށް 374 މިލިއަނަށްވުރެ ގިނަ ރުފިޔާގެ ލޯނު ވިޔަފާރިތަކަށް ދޫކޮށްފައިވާކަމަށް އެސްޑީއެފްސީން ވިދާޅުވެއްޖެއެވެ.

ކުދި ފަންތިއާއި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން، އެސްޑީއެފްސީގެ ނަމުގައި ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން ބޭންކެއް އުފެއްދީ 2019 ވަނަ އަހަރުގެ މާރޗް މަހުގެ 18 ވަނަ ދުވަހުއެވެ. އެސްޑީއެފްސީ އުފެދުމުގެ އެންމެ މުހިންމެ ބޭނުމަކަށްވެސްވީ މާލީ އެހެން އިދާރާތަކުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ލޯނު ލިބުން ދަތިވުމުގެ ސަބަބުން މިފަދަ ވިޔަފާރިތަކަށް ފަހި މާހައުލެއް ޤާއިމްކުރުމެވެ.

ކޯވިޑް19 ގެ ހާލަތުން ވިޔަފާރިތަކަށް އަރައިގަނެވޭނެ ފުރުސަތު ފަހިކޮށްދިނުމަށް އެސްއެމްއީ ބޭންކުން ވަނީ އެފަދަ ވިޔަފާރިތަކަށް ލޯނު ދޫކޮށްފައެވެ. ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން އެސްއެމްއީ ބޭންކުން ބުނީ ކޯވިޑުން އަރައިގަތުމަށް ކޯވިޑް ވިޔަފާރި އެހީ ލޯނާއި ޕެންޑަމިކްގައި ދޫކުރީ ލޯނާއިއެކު މިހާތަނަށް ޖުމްލަ 374،030،115 ރުފިޔާގެ ލޯނު ދޫކޮށްފައިވާކަމަށެވެ.

ކޯވިޑް ވިޔަފާރި އެހީ ލޯނުގެ ތެރެއިން އެންމެ ގިނަ އަދަދެއް ލޯނު ދޫކޮށްފައިވަނީ ކޮމާސްގެ ދާއިރާއިންނެވެ. އެގޮތުން ޖުމްލަ 822 ވިޔަފާރިއަކަށް މި ދާއިރާއިން ލޯނު ވަނީ ދޫކޮށްފައެވެ. 2 ވަނައަށް އެންމެ ގިނައިން ލޯނު ދޫކޮށްފައިވަނީ މެނިފެކްޗަރިން ވިޔަފާރިތަކަށެވެ. މި ދާއިރާގެ 671 ވިޔަފާރިއަކަށް ވަނީ ލޯނު ދޫކޮށްފައެވެ.

ޓޫރިޒަމް ދާއިރާގެ 232 ވިޔަފާރިއަކަށް، އިމާރާތްކުރުމުގެ ސިނާއަތުގެ 198 ވިޔަފާރިއަކަށް، އިންފޮމޭޝަން ޓެކްނޮލޮޖީގެ 111 ވިޔަފާރިއަކަށްވެސް ކޯވިޑާއި ގުޅިގެން ވަނީ ލޯނު ދޫކޮށްފައެވެ. މީގެ އިތުރުން ޓްރާންސްޕޯޓްގެ 79 ވިޔަފާރިއަކަށާއި، މަސްވެރިކަމުގެ 20 މީހަކަށާއި އަދި ދަނޑުވެރިކަމުގެ 14 މީހަކަށް ކޯވިޑާއި ގުޅިގެން ވަނީ ލޯނު ދޫކޮށްފައިކަމަށް އެސްއެމްއީ ބޭންކުން މައުލޫމާތުދެއެވެ.

އެސްއެމްއީ ބޭންކުން ދޫކުރާ ލޯނުގެ 25 އިންސައްތަ ޙާއްސަކޮށްފައިވަނީ އަންހެން ވިޔަފާރިވެރިންނަށެވެ. އެސްއެމްއީ ބޭންކް މެދުވެރިކޮށް އަންހެނުންނަށް ޙާއްސަ އިސްކަމެއްދީގެން ލޯނު ދޫކުރާއިރު ޒުވާނުންނާއި، އިތުރުން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށްވެސް ޙާއްސަ އިސްކަމެއްދީގެން އަންނަނީ ލޯނު ދޫކުރަމުންނެވެ.