ޚަބަރު

އެމްއާރުސީސީގެ އައު އިމާރާތުގެ ބިންގާ އަޅައިފި


މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރ (އެމްއާރުސީސީ)ގެ އައު އިމާރާތުގެ ބިންގާ އަޅައިފިއެވެ.

ވިލިމާލޭގައި ހުންނަ އެމްއާރުސީސީގައި މިކަމަށްޓަކައި ބޭއްވި ޚާއްޞަ ރަސްމިޔާތު ޝަރަފުވެރި ކޮށްދެއްވާފައިވަނީ މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙުމަދު ދީދީއެވެ.

ޖަޕާނު ސަރުކާރުގެ އެހީގައި ޔުނައިޓެޑް ނޭޝަންސް އޮފީސް އޮން ޑްރަގްސް އެންޑް ކްރައިމް (ޔޫއެންއޯޑީސީ) ގުޅިގެން ހިންގާ މި މަޝްރޫޢަކީ ދިވެހިރާއްޖޭގެ ސަރޗް އެންޑް ރެސްކިއު ދާއިރާގެ ޚިދުމަތް އިތުރަށް ފުޅާކޮށް ޤާބިލިއްޔަތުކަން އިތުރުކުރުމަށް ފަށާ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ދަށުން އިމާރާތްކުރެވޭ އެމްއާރުސީސީ ބިލްޑިންގައި އެމްއާރުސީސީގެ އޮޕަރޭޝަން ރޫމާއި، ކުލާސްރޫމްތަކާއި އޮޑިޓޯރިއަމެއް ހިމެނެއެވެ. މި އިމާރާތް ފަރުމާކުރެވިފައިވަނީ ސާޗް އެންޑް ރެސްކިޔުއާއި އެހެނިހެން ލޯ އެންފޯސްމަންޓް ޕްރޮގްރާމްތައް ހިންގޭނެފަދަ ވަސީލަތްތަކާއެކުގައެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ ވިދާޅުވީ، ދިވެހިރާއްޖެއަކީ މެރިޓައިމް ކްރިމިނަލް އެކްޓިވިޓީތަކުގެ ތެރޭގައި ހިމެނޭ އައިޔޫޔޫ (އިލީގަލް، އަންރިޕޯޓެޑް އެންޑް އަންރެގިޔުލަރ) ފިޝަރީސްއާއި، ޕައިރެސީއާއި ހިއުމަން ޓްރެފިކިންގއާއި ނާކޯ ސްމަގްލިންގެ އިތުރުން ޤާނޫނާޚިލާފު މިފަދަ އެތައް ކަމަކަށް ހުށަހެޅިފައިވާ ޤައުމެއް ކަމަށެވެ.

ހަމައެއާއެކު ރާއްޖެއަކީ، ތިމާވެއްޓަށް އަސަރު ކުރުވާ މެރިޓައިމް ޑިޒާސްޓަރތައް ކަމުގައިވާ އޮއިލް ސްޕިލްސް ފަދަ ކަންކަމަށް ހުށަހެޅިފައިވާ ޤައުމެއްކަން ފާހަގަކުރައްވައި، މެރިޓައިމް އިކޮނޮމީއަކަށް ބަރޯސާވެފައިވާ ދިވެހިރާއްޖެއަށް މެރިޓައިމް އިމަޖެންސީ ރެސްޕޮންސް ނުހަނު މުހިއްމު އެއްޗެއް ކަމުގައި ޑިފެންސް މިނިސްޓަރ ވިދާޅުވިއެވެ.

އެމްއެންޑީއެފް ކޯސްޓްގާޑު މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރު (އެމްއާރުސީސީ) ގެ ކެޕޭސިޓީ ވަރުގަދަކުރުމުގެ ގޮތުން "އެކްސްޗޭންޖް އޮފް ނޯޓްސް" އެއްބަސްވުމުގައި ސޮއި ކުރައްވާފައިވަނީ 2021 ފެބުރުވަރީ 21 ވަނަ ދުވަހު އެމްއާރުސީސީގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.

މިރަސްމިއްޔާތުގައި ޑިފެންސް މިނިސްޓަރުގެ އިތުރުން ޖަޕާނުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޓަކިއުޗި މިޑޯރި އާއި ގްލޯބަލް މެރިޓައިމް ކްރައިމް ޕްރޮގްރާމްގެ ޔޫއެން އޯޑީސީގެ ކޯޑިނޭޓަރ ޕަރނިލް ވޯލް ރަސްމުސެން އާއި މިނިސްޓްރީ އޮފް ފޮރިން އެފެއާޒުގެ އެމްބެސަޑަރ އެޓް ލާރޖް އަޙްމަދު ސަލީމްގެ އިތުރުން ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފާއި ބައެއް ޖެނެރަލް އޮފިސަރުންނާއި ކޯސްޓްގާޑު ކޮމަޑާންޓް ކާނަލް އިބްރާހީމް ޙިލްމީ އާއި އެމްއެންޑީއެފްގެ ބައެއް ސީނިއަރ އޮފިސަރުން ބައިވެރިވެލެއްވިއެވެ.