އައްޑޫސިޓީ ހިތަދޫ ބަނދަރު ބޭނުން ކުރާ ފަރާތްތަކުގެ އަތުން ފީ ނެގުމުގެ އުސޫލަށް މިއަދުން ފެށިގެން އަމަލު ކުރަން ފަށައިފިއެވެ.
އައްޑޫސިޓީ ކައުންސިލުން ވިދާޅުވީ، ކަނޑު ތޮށީގައްޔާއި އެއްގަމު ތޮށީގައި އުޅަނދު ފަހަރު އެއްސުމާއި، ފަޅުތެރޭގައި އުޅަނދުފަހަރު ދުއްވުމާއި އެޅުމާއި އެކަންކަމަށް ފީނެގުމާބެހޭ ޤަވާޢިދުގެ ދަށުން ހިތަދޫ ބަނދަރުގައި އަޅާ އުޅަނދުފަހަރުން ބުދަ ދުވަހުން ފެށިގެން ފީ ނެގުމަށް ނިންމާފައިވާ ކަމަށެވެ. އަދި މިވަގުތު ފީ ނެގުމަށް ނިންމާފައިވަނީ އައްޑޫގެ އަވަށްތަކުގެ ތެރެއިން ހިތަދޫ އަވަށުގެ ބަނދަރުންނެވެ.
އައްޑޫގެ އަވަށްތަކުގެ ބަނދަރުތައް ބަލަހައްޓާނީ އެ އަވަށެއްގެ އަވަށު އޮފީހުންނެވެ. އަދި މިއުސޫލު ތަންފީޒު ކުރުމަށް ހާބަރ އިންސްޕެކްޓަރުން ނެގުމުގެ މަސައްކަތްވެސް ކައުންސިލުން ދަނީ ކުރަމުންނެވެ. އައްޑޫގެ ބަނދަރުތަކުން ފީ ނެގުމަށް ނިންމައި މި އުސޫލު އާންމުކޮށްފައިވަނީ މިދިޔަ އެޕްރީލް މަހުގެ ތެރޭގައެވެ. އަދި މިހާރު މި އުސޫލު އައްޑޫސިޓީ ކައުންސިލް ވެބްސައިޓުން ޑައުންލޯޑު ކުރެވޭނެއެވެ.
އުސޫލުގެ ދަށުން ފައްތިޔާލުމަށް ރަޖިސްޓްރޭޝަން ފީއެއްގެ ގޮތުގައި 500ރ. ދައްކަން ޖެހޭނެ އެވެ. އަދި އެ ހުއްދައިގެ މުއްދަތަކީ ދެ އަހަރު ދުވަހެވެ. އަދި ފައްތިޔާގެ ގޮތުގައި އުޅަނދުގެ ކުޑަ ބޮޑު މިނަށް ބަލައި ފީ ނެގޭނެއެވެ.
* 29 ފޫޓުން ދަށުގެ އުޅަނދުތަކުން އަހަރަކު 250ރ.
* 39-59 ފޫޓާ ދެމެދުގެ އުޅަނދުތަކުން އަހަރަކަށް 500ރ.
* 60-99 ފޫޓާ ދެމެދުގެ އުޅަނދުތަކުން އަހަރަކު 750ރ.
* 100 ފޫޓަށް ވުރެ ބޮޑު އުޅަނދުތަކުން އަހަރަކު 1،000ރ.
މީގެ އިތުރުން އެއްގަމު ތޮއްޓަށް ދިގަށްވާ ގޮތަށް އުޅަނދުތައް އައްސާ ނަމަ އެކަމަށް ވެސް ހުއްދަ ނަގަން ޖެހޭނެ އެވެ. އެ ހުއްދަ ދޫކުރާނީ 50ރ. އަށެވެ. އަދި އެގޮތަށް ބާއްވާ އުޅަނދުތަކުން ގަޑިއަކަށް ވަކި ވަރެއް ނަގަންވަނީ ނިންމާފައެވެ. އަދި 48 ގަޑިއިރަށްވުރެ ގިނަ ވަގުތަށް އެއްގަމުތޮއްޓާއި ކަނޑުތޮށީގެ ހުރަހަށްވާ ގޮތަށް އުޅަނދުތައް އެޅޭނީ ވެސް 50ރ. ގެ ފީއެއްގެ ހުއްދައަކާ އެކީގައެވެ.
އަދި މުދާ ބޭލުމަށްވެސް ހުއްދަ ދޭނީ އެއް ރޭޓެއްގައި ކަމަށް ކައުންސިލުން ބުނެއެވެ. މި ތިން ހާލަތުގައިވެސް ފީ ނަގާނީ އުޅަނދުގެ ސައިޒަށް ބަލާފައެވެ.
* 69 ފޫޓުން ދަށުގެ އުޅަނދުތަކުން ގަޑިއަކަށް 250ރ.
* 70-99 ފޫޓާ ދެމެދުގެ އުޅަނދުތަކުން ގަޑިއަކަށް 400ރ.
* 100 ފޫޓަށް ވުރެ ދިގު އުޅަނދުތަކުން ގަޑިއަކަށް 1،000ރ
މީގެ އިތުރުން މިއުސޫލުގައި ނެތް ހާލަތެއް ދިމާވެއްޖެ ނަމަ އެކަމާއި ގުޅޭގޮތުން ކައުންސިލުން ގޮތެއް ނިންމަން ޖެހޭ ކަމަށް ޤަވާއިދުގައި ބުނެއެވެ.
އައްޑޫސިޓީ ކައުންސިލުގެ މި ނިންމުން ނިންމާފައިވަނީ މިއަހަރު ކުރީ ކޮޅު މިކަމާއި މެދު ރައްޔިތުންގެ ޚިޔާލު ހުށަހެޅުމަށް ފުރުސަތު ހުޅުވާލުމަށްފަހުއެވެ. އަދި މިގޮތަށް ވަންނަ އާމްދަނީ އަކީ ކައުންސިލްގެ އާމްދަނީގެ ތެރެއަށް ވަންނަ އެއްޗަކަށްވާއިރު، މީގެ އތުރުންވެސް އައްޑޫސިޓީ ކައުންސިލުގެ އާމްދަނީ އިތުރު ކުރުމަށް މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް އެކައުންސިލުން މަޢުލޫމާތުދެއެވެ.