ޚަބަރު

ޑޮމިނިކަން ރިޕަބްލިކްގެ އެންމެ މަތީ ނިޝާނުގެ ޢިއްޒަތް ޢާންމު މަޖިލީހުގެ ރައީސް ޝާހިދަށް


ޑޮމިނިކަން ރިޕަބްލިކްގެ އެންމެ މަތީ ނިޝާނުގެ ޢިއްޒަތް އދ.ގެ ޢާންމު މަޖިލީހުގެ 76 ވަނަ ސެޝަންގެ ރައީސް އަދި ރާއްޖޭގެ ފޮރިން މިނިސްޓަރ (ނޢޢވ) ޢަބްދުދުﷲ ޝާހިދު އަށް އަރުވައިފިއެވެ. މި ނިޝާންގެ ޢިއްޒަތް މިނިސްޓަރ ޝާހިދަށް އަރުވާފައިވަނީ ޑޮމިނިކަން ރިޕަބްލިކްގެ ވެރިރަށް ސަންޓޮޑޮމިންގޯގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.

‎މިނިސްޓަރ ޝާހިދަށް އަރުވާފައިވަނީ "ދަ ޑުއާރޓޭ، ސަންޗޭޒް، އެންޑް މެލާ އޯރޑަރ އޮފް މެރިޓް" ގްރޭންޑް ކްރޮސް، ސިލްވަރ ޕެލޭޓެވެ. މިޢިއްޒަތަކީ 1931 ވަނަ އަހަރުން ފެށިގެން އެ ޤައުމުން ދެމުން އަންނަ ޢިއްޒަތެކެވެ. މިނިޝާންގެ ޢިއްޒަތް ނިސްބަތްވަނީ އެޤައުމު އުފެދުމުގެ ބާނީންކަމުގައިވާ ޚުއާން ޕަބްލޯ ޑުއާރްޓޭ އާއި ފްރެންސިސްކޯ ޑެލް ރޮސާރިއޯ ސާންޗޭޒް އާއި ރަމޯން މަތިއަސް މެއްޔާ ކަސްޓިއްޔޯ އަށެވެ. މި ޢިއްޒަތް އެޤައުމުން އަރުވަނީ އެ ޤައުމަށް ޚާއްސަ ގައުމީ ޚިދުމަތް ކޮށްދެއްވާފައިވާ ފަރާތްތަކަށާއި ބައިނަލްއަޤްވާމީ ދާއިރާގައި ފާހަގަކޮށްލެވޭ ޚިދްމަތްތަކެއް ކުރައްވާފައިވާ ޢިއްޒަތްތެރިންނަށެވެ.

‎ޑޮމިނިކަން ރިޕަބްލިކުން މިނިސްޓަރ ޝާހިދަށް މިޝަރަފް ދެއްވާފައިވަނީ އެމަނިކުފާނުގެ "އދ.ގެ އުންމީދުގެ ރިޔާސަތު" ގެ ތެރެއިން، ކޯވިޑް ޙާލަތުން ދުނިޔެ އަރައިގަތުމަށާއި، ދެމެހެއްޓެނިވި ގޮތެއްގައި ދުނިޔެ އަލުން އާރާސްތުކުރުމަށާއި، ތިމާވެށީގެ މައްސަލަތަކަށް ޙައްލު ހޯދުމަށާއި، އިންސާނީ ޙައްޤުތައް ޙިމާޔަތްކުރުމަށާއި އދ. އިތުރަށް ހަރުދަނާކުރުމަށްޓަކައި އދ.ގެ ޢާންމު މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން އެމަނިކުފާނު ކުރައްވަމުންގެންދަވާ މަސައްކަތްޕުޅުތައް ފާހަގަކުރައްވައި އަގުވަޒަންކުރެއްވުމުގެ ގޮތުންނެވެ.

‎މިނިސްޓަރ ޝާހިދު ޑޮމިނިކަން ރިޕަބްލިކަށް ވަޑައިގެންނެވީ ޖޫން މަހުގެ 16 ވަނަ ދުވަހުއެވެ. މިދަތުރުފުޅުގައި އެމަނިކުފާނު ވަނީ އެ ޤައުމުގެ ރައީސް ލުއިސް އަބިނަދެރ އާ ބައްދަލުކުރައްވައި އެ ޤައުމާއި އދ.ގެ ޢާންމު މަޖިލީހާ ދެމެދު އޮތް ގުޅުން ހަރުދަނާކުރުމާއި ކޯވިޑްގެ ޙާލަތުން އަރައިގަތުމުގައި އެ ޤައުމުން ހޯދާފައިވާ ކާމިޔާބީއާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.

އަދި އޭގެ އިތުރުން ފޮރިން މިނިސްޓަރ ރޮބާޓޯ އަލްވަރޭޒްއާއެކު، ދެމެހެއްޓެނިވި ތަރައްޤީ ޙާސިލްކުރުމަށާއި ތިމާވެއްޓަށް އަންނަ ބަދަލުތަކާ ދެކޮޅަށް މަސައްކަތްކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. މީގެ އިތުރުން މިދަތުރުފުޅުގައި ޑޮމިނިކަން ރިޕަބްލިކްގެ ހޯގަރ ޑެލް ނިޏޯއަށް ޒިޔާރަތްކުރައްވައި ދެމެހެއްޓެނިވި ޓުއަރިޒަމް ތަރައްޤީކުރުމަށްޓަކައި އެޤައުމުން ކުރަމުންދާ މަސައްކަތްތައް ބައްލަވާލެއްވުމަށްވަނީ ހަމަޖެހިފައެވެ.