ވިޔަފާރި

ޅަދުވަހުން ފެށިގެން ލީލާގެ ހިތްހަމަޖެހުމާއި މި މަސައްކަތާ ގުޅިފައި


މީގެ 45 އަހަރު ކުރިއެވެ. ކ.ގުޅިއަށް އުފަން އުމުރުން 56 އަހަރުގެ ލީލާ ހަސަންގެ ހިތުގައި އެއިރުވެސް ފަތުރުވެރިންނަށް ތަކެތި ވިއްކުމުގެ ޝައުގުވެރިކަން ބޮޑެވެ.

އެއިރު އޭނާގެ އުމުރުން ވާނީ 10 ވަރަކަށް އަހަރެވެ. ރަށާއި ކައިރި ރިސޯޓްތަކުން ގެސްޓުން އާދޭތޯ ބެލުމަށް އޭރު އޭނާ އަރަނީ ވަލުތެރޭގައި ހުންނަ ބޮޑު ގަހަކަށެވެ. ރިސޯޓްތަކުން ފަތުރުވެރިން އަންނަ ލޯންޗް ފެނުމުން އަވަހަށް ގެސްޓުންނަށް ވިއްކަން ގެންގުޅޭ މަދު އެތިކޮޅު ހިފައިގެން ނިކުންނަނީ ގޮނޑުދޮށަށެވެ.

"ކުޑައިރު ވަލުތެރޭގައި ހުންނަ ގަހަކަށް އަރަނީ ގޮއްސަ. އެރީމަ ފެންނާނެ، ވާދޫ ވެލައްސަރުން އެއިރު އަންނާނީ ގެސްޓުން. އެތަނުން ފުރައިގެން ގެސްޓުން އަންނަތަން ފެންނާނެ. ފެނުނީމަ އަވަހަށް ފައިބައިގެން އައިސް ދޮލަނގެއްގައި އަތުރާލައިގެން ގޮސް ތިބެނީ އެތާ އަތިރިމަތީގައި." ލީލާ ބުންޏެވެ.

އެއީ ރާއްޖޭގައި ފަތުރުވެރިކަން ފެށުނުތާ ކައިރިއެވެ. މާލެ ކައިރީގައި ހުންނަ ގިނަ ރިސޯޓްތަކަކުން އެއިރު ގުޅީގައި ހުންނަ ޒިޔާރަތްތަކާއި މިސްކިތްތައް ބަލާލުމަށް ގިނަ ފަތުރުވެރިން އެރަށައް ދެއެވެ. ލީލާބުނީ އެއިރު ފަތުރުވެރިން ފެނުމުން ވަރަށް ބިރުވެސް ގަންނަކަމަށެވެ.

"އެއިރުގައި ވަރަށް ބިރުވެސްގަނޭ ގެސްޓުން ފެނުނީމަ. އެއިރު ވަރަށް ބަހާނެ އެއްޗެހި، އަންނަމީހުން. ޑޮލަރު ދޭންވެގެން ގޮވިއަސް ނުކެރޭ އެމީހުންނާ ކައިރިއަށްދާކަށްވެސް ބިރުން." ލީލާ ބުންޏެވެ.

ލީލާ ބުނީ އެއިރު މި މަސައްކަތް ކުރަމުންއައީ ވަރަށް އާދައިގެ ކުޑަ ގޮތަކަށްކަމަށެވެ. އެއިރު ގެސްޓުންނަށް ވިއްކަނީ ހަމައެކަނި ފަރުން ބޮލިކޮޅެއް ހިލައިގެންނެވެ. ނަމަވެސް ފަހުން މީހަކާ އިނދެ ދަރިން ލިބުނުފަހުންވެސް ލީލާގެ ހިތުގައި މި ވިޔަފާރިއަށް އޮތް ޝައުގުވެރިކަން ބޮޑުކަމުން އޭނާ އައީ މަސައްކަތް ކުރަމުންނެވެ. އެއިރު ގެންގުޅުނީ ކުޑަކުޑަ މޭޒަކާއި ފޮށިގަނޑެކެވެ. ގެސްޓުން އަންނަންވާއިރަށް ހުންނަނީ މޭޒުމަތީގައި ތަކެތި އަތުރާލާފައެވެ. ގެސްޓުން ޒިޔާރަތްދޮށައް ދާންފެށުމުން ތަކެތި ޕެކްކޮށްލައިގެން އަނެއްކާވެސް އެތަނަށް ދަނީއެވެ.

"އެއިރު އެއްޗެހި ވިއްކަނީ އަތިރިމަތީ. ދެން އެމީހުން ދާނީ އަތިރިމަތިން ޒިޔާރަތާ ދިމާލައަށް. ދިޔައީމަ ދެން އެ ހިފައިގެން ދަން އެތަނަށްވެސް. ފޮށިގަނޑަކާއި އެ މޭޒާ ހިފައިގެން ދާނީ. އެކަކުވެސް ދަންޏާ އަނެކަކުވެސް ދާނެ. އެއިރުގައި މަހެއްގެ މައްޗަށް ލިބޭނީ 100 އެއްހައި ޑޮލަރު އެކަމަކު. އެއިރުވެސް އެއީ އެއްޗަކަށް ވޭ ދައްތަމެންނަށް." ލީލާ ބުންޏެވެ.

އެގޮތައް އެއްޗެހި ވިއްކަން އަތިރިމައްޗަށް ނުނިކުމެވޭނެކަމަށް އަންގައި އެމަސައްކަތް ހުއްޓުވާލީ އެއިރުގެ ރަށު ކަތީބުކަަމަށް ލީލާ ބުންޏެވެ. މަސައްކަތް ހުއްޓުވާލީމަ، ލީލާގެ ބޭބެއެއްގެ ގޭގައި ހުރި ކުޑަ ތަންކޮޅެއް 2 މީހަކުވެގެން 500 ރުފިޔާއަށް ކުއްޔަށް ހިފައިގެން އަލުން މަސައްކަތް ފެށިއެވެ. އެއަށްފަހު ގެސްޓުން އަންނަ މިންވަރު ދަށްވިއެވެ. އެމީހުން ރަށަށް ގެނައުމަށްޓަކައި ގެސްޓުން ފޮނުވާދޭނަމޭ ބުނުމުން ރަށާ ކައިރި ރިސޯޓްތަކުގައި ކުނިކަހާދޭންވެސް ގުޅީގެ އަންހެންވެރިން އޭރު ދިޔައެވެ.

އޭގެ ތިރީހަކަށް އަހަރު ފަހުން މިއަދުވެސް ލީލާގެ ހިތުގައި މި މަސައްކަތް ކުރުމަށް އޮތް ޝައުގުވެރިކަމެއްގެ ބޮޑުކަމުން ހުއްޓާނުލައި އޭނާ އަންނަނީ އެ މަސައްކަތް ކުރަމުންނެވެ. ގުޅީގެ ގެސްޓް ބީޗް ސަރަހައްދުގައި ލީލާ ހިމެނޭގޮތުން 15 ވަރަކަށް އަންހެނުން އެމީހުން އަމިއްލައަށް މޭޒުތައް ޖަހައިގެން ތަކެތި ވިއްކަން ތިބެއެވެ.

ވިޔަފާރި ފެށިއިރާ އަޅާބަލާއިރު މި މަސައްކަތް މިހާރު ލީލާވަނީ ވަރަށް ބޮޑަށްވެސް ކުރިއަރުވާފައެވެ. އޭނާ އަމިއްލައަށް ފޮތިން އެއްޗެހި ފަހައި، އެކިއެކި ތަކެތީގައި ކުރަހައިގެންވެސް މިހާރު ގެސްޓުންނަށް ވިއްކަން ބަހައްޓައެވެ. އޭނާ ބުނީ ކުރިން ފަސިންޖަރ ލައިންތައްވެސް އަންނަކަމަށާއި ވިޔަފާރި ރަނގަޅުކަމަށެވެ. ނަމަވެސް މިހާރު ކޯވިޑާގުޅިގެން ވިޔަފާރި ވަރަށް ބޮޑަށްވެސް ދަށްވެފައިވާކަމަށް އޭނާ ބުންޏެވެ.

"ފޮތިން ހެދުންފަހައި ހަރުވާޅު ފަހައި އެކަހަލަ އެއްޗެހި ހަދަން. ދެން އެއްޗެހީގައި ކުރަހާ ކަންކަން ކުރަން. ސުނާމީގައި ގޭގައި ތިބެންޖެހުނީމަ ކުރަހަން ދަސްވީ. ކޯވިޑްގެ ކުރިން ފަސިންޖަރ ލައިންތައްވެސް އާދެ. އޭރު ވިޔަފާރި ރަނގަޅު." ލީލާ ބުންޏެވެ.

މި މަސައްކަތުގައި ލީލާގެ ޢާއިލާގެ ފަރާތުން އޭނާއަށް ވަރަށްބޮޑު އެއްބާރުލުމެއް ލިބެއެވެ. ވަކިން ޚާއްސަކޮށް އޭނާގެ ފިރިމީހާގެ އެހީތެރިކަން އޭނާ ފާހަގަކުރިއެވެ. ލީލާ ނެތް ވަގުތުގައި އެތަނުގައި ވިޔަފާރިކޮށްދޭން ހުންނަނީ އޭނާގެ ފިރިމީހާއެވެ.

ފާހަގަވި އެންމެ އުފާވެރިކަމަކީ އެތަނުގައި ވިޔަފާރިކުރަން ތިބޭ އެކަކު އަނެކަކަށްވެސް ވެދޭ އެހީތެރިކަމެވެ. އެކަކު ނެތް ވަގުތުގައި ފަތުރުވެރިއަކު އައިސް އެތަނުން އެއްޗެއް ބޭނުންވިއަސް ދެންތިބި މީހުން އެތަކެތި ވިއްކައިދީ އެކަކު އަނެކަމަށް އެހީތެރިވެދެއެވެ.

"އެކަކު ނެތީމަ އަނެކަކު އެތަނުން އެއްޗެހި ވިއްކަވެސްދޭނެ. ހެނދުނު މީހުން އަންނަންޏާ ވަރަށް އަވަހަށް އައިސް އަތުރާނެ. 06:00 ޖަހާއިރުވެސް އަންނާނެ. ހަވީރު 05:30 ގައި ނަގާނީ އެއްޗެހި. ކުރިން ކުޑަ މޭޒެއްގައި ކުޑަ އިތިކޮޅެއް ގެންގުޅޭނީ. ކުރިން އެމީހުން އަންނަ ދުވަސްތަކުގައި އެކަނި ނިކުންނާނީވެސް" ލީލާ ބުންޏެވެ.

ގުޅީގައި ފަތުރުވެރިންނަށް ތަކެތި ވިއްކާ ސްވެނިއަރ ވިޔަފާރިކުރާ އެންމެންގެވެސް އެންމެ ބޮޑު ކަންބޮޑުވުމަކީ އެ މީހުންގެ އެ ވިޔަފާރިއަށް ކައުންސިލްގެ އެއްބާރުލުން ނުލިބޭތީއެވެ. ކޮންމެ ކައުންސިލަކުންވެސް އެތަން އެމީހުންނަށް ރަނގަޅު ފެންވަރަކަށް ހަދައިދޭނެކަމަށް ބުނެއެވެ. ނަމަވެސް އެއްވެސް ކައުންސިލަކުން މިކަމަށް އަމަލީ ސިފައެއް ގެނެސްދީފައެއް ނުވެއެވެ.

އެމީހުން ތަކެތި ވިއްކަނީ އަމިއްލައަށް ކޮންމެ މީހަކުވެސް ތަންކޮޅެއް ހަދައި އަމިއްލައަށް ހިޔާކޮށްލައިގެންނެވެ. ކޮންމެ ދުވަހަކު ތަކެތި ގެނެސް އަތުރާފައި ވިޔަފާރިކޮށް ނިމުމުން އަނެއްކާވެސް ހުރިހައި އެއްޗެއް ޕެކްކޮށްގެން ގެންދަންޖެހެނީ ގެއަށެވެ. މިއަށްވުރެ ބޮޑަށް އެމީހުންގެ ކަންބޮޑުވުމަކީ އެތަކެތި މާކެޓްކޮށްދިނުމަށްވެސް ކައުންސިލްގެ ފަރާތުން އެއްވެސް އެއްބާރުލުމެއް ނުލިބޭތީއެވެ.