ޚަބަރު

ތިމާވެށީގެ ދާއިރާއިން އައްޑޫގައި ހިނގަމުންދާ މަޝްރޫޢުތައް މިނިސްޓަރ ޝައުނާ ބައްލަވާލައްވައިފި


ތިމާވެށީގެ ދާއިރާއިން ސަރުކާރުން އައްޑޫގައި ކުރިއަށްގެންދާ މަޝްރޫޢުތަކާއި އަދި މިނިސްޓްރީއާއި ގުޅުން ހުރި ތަންތަން މިނިސްޓަރ ޝައުނާ ބައްލަވާލައްވައިފިއެވެ.

މިނިސްޓަރ އޮފް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އާމިނަތު ޝައުނާ ވަނީ ރަސްމީ ދަތުރުފުޅެއްގައި މިމަހުގެ 10 ވަނަ ދުވަހު އައްޑޫ ސިޓީއަށް ވަޑައިގެންފައެވެ. މި ދަތުރުފުޅުފައި އައްޑޫގައި ސަރުކާރުން ހިންގަމުންދާ އިޔާދަކުރަނިވި ހަކަތައިގެ މަޝްރޫޢުތަކާއި، ކުނި މެނޭޖް ކުރުމުގެ މަޝްރޫޢުތަކުގެ އިތުރުން، އައްޑޫގައި ހިމާޔަތް ކުރެވިފައިވާ ތަންތަން އެކަމަނާ ބެއްލެވުމަށް ވަނީ ހަމަޖެހިފައެވެ.

އެކަމަނާގެ މިދަތުރުފުޅުގައި އައްޑޫ ސިޓީގައި ސޯލާ ޕީވީ ނިޒާމު ހަރުކުރެވޭ ސަރަހައްދުތަކަށް ވަނީ ޒިޔާރަތް ކުރައްވާފައެވެ. އެގޮތުން އައްޑޫސިޓީ ހުޅުދޫ މީދޫގައި އަދި ގުޅިފައިވާ ރައްތަކުގައި ޤާއިމުކުރެވޭ ފްލޯޓިންގް ސޯލާ ނިޒާމާއި ގްރައުންޑް މައުންޓެޑް ސޯލާ ނިޒާމް ހަރުކުރުމަށް ނިިންމާފައިވާ ސަރަހައްދު މިނިސްޓަރ ވަނީ ބައްލަވާލައްވާފައެވެ.

އައްޑޫ ސިޓީގައި ޤާއިމުކުރެވޭ އިޔާދަކުރަނިވި ހަކަތައިގެ ތެރެއިން އިރުގެ އަލިން ހަކަތަ އުފައްދާ ނިޒާމުގައި ހިމެނެނީ އެސްޕަޔަރ މަޝްރޫއުން އެވޯޑް ކޮށްފައިވާ 11 މެގަވޯޓްގެ ގްރައުންޑް މައުންޓެޑް ސޯލާރ ޕީވީ އާއި މިވަގުތު ޓެންޑާރ މަރުހަލާގައި އޮތް އެރައިޒް މަޝްރޫއިން ގާއިމްކުރާ 10 މެގަވޯޓްގެ ފްލޯޓިން ސޯލާރ މަޝްރޫޢެވެ. މި ދެ މަޝްރޫޢުން ސޯލާރ ޕީވީ ނިޒާމްތައް ގާއިމްކުރާނީ އިންޑިޕެންޑެންޓް ޕަވަރަ ޕްރޮޑިއުސަރ މޮޑެލްގައެވެ. މިއީ ވޯލްޑް ބޭންކުގެ އެހީތެރިކަމާއެކު ކުރިއަށް ގެންދާ މަޝްރޫޢުތަކެކެވެ. މި ދެ މަޝްރޫއުގެ ދަށުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ޖުމްލަ 47 މެގަވޯޓު އުފެއްދޭ ސޯލާ ނިޒާމެއް ޤާއިމު ކުރާނެއެވެ.

މިނިސްޓަރގެ މި ދަތުރުފުޅުގައި މި ސަރަހައްދުތަކުގެ އިތުރުން އައްޑޫ ނޭޗަރ ޕާކުގެ ހާލަތު ބެއްލެވުމަށް ވަނީ ޒިޔާރަތް ކުރައްވާފައެވެ. އަދި އައްޑޫގައި މިހާރު ހިމާޔަތް ކުރެވިފައިވާ އެހެން ސަރަހައްދުތަކަށްވެސް ޒިޔާރަތް ކުރައްވައި އެތަންތަން މިނިސްޓަރ ވަނީ ބައްލަވާލައްވާފައެވެ. މީގެ އިތުރުން ހުޅުމީދޫ ވޭސްޓް މެނޭޖްމަންޓް ސެންޓަރ އަދި އެ ރަށުގެ ނަރުދަމާ ނިޒާމުގެ ހާލަތުވެސް ވަނީ ބައްލަވާލައްވާފައެވެ.

މިނިސްޓަރގެ މިދަތުރުފުޅުގައި ހޯމަ ދުވަހު އައްޑޫ ރީޖަނަލް ވޭސްޓް މެނޭޖްމަންޓް ސެންޓަރަށް ޒިޔާރަތް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި އައްޑޫގެ ވަގުތީ ކުނި ރައްކާ ކުރާ ސަރަހައްދު ހެދުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ. މިއާއެކު އައްޑޫ ސިޓީގައި ކުނި މެނޭޖްކުރުމުގެ ހާލަތު ގާތުން އެކަމަނާ ބައްލަވާނެއެވެ.

އައްޑޫސިޓީއަށް މިނިސްޓަރ ޝައުނާ ކުރައްވާ ދަތުރުފުޅު ހޯމަ ދުވަހު ނިންމަވާލައްވާނެއެވެ. މިދަތުރުފުޅުގެ ތެރެއިން ޝަރަފުއްދީން ސްކޫލުގެ ޕްރައިޒް ޑޭ އެކަމަނާ ޝަރަފުވެރިކޮށްދެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.