ޚަބަރު

ރައީސް ތާއީދު ކުރައްވަނީ %50 އަށްވުރެއް މަތިން ވޯޓުލިބިގެން ވެރިކަމަށް އަންނަން


ތާޢީދު ކުރައްވާނީ ރައީސުލްޖުމްހޫރިއްޔާ ކަމަށް ވާދަކުރާ މީހަކު %50 އަށްވުރެއް މަތިން ވޯޓު ލިބިގެން ރާއްޖޭގެ ވެރިކަމަށް ވަޑައިގަތުންކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ޤާނޫނު އަސާސީގައި ބުނެފައިވަނީ ރާއްޖޭގެ ވެރިކަމަށް އާދެވޭނީ ރިޔާސީ އިންތިޚާބުގައި ޢާއްމުން ދޭ ސިއްރު ވޯޓުގެ %50 އަށްވުރެ މަތިން ވޯޓުލިބޭ މީހެއްކަމަށެވެ. ނަމަވެސް ޤާނޫނު އަސާސީގައި އޮތް މިމާއްދާ ބަދަލުކޮށް، ރައްޔިތުންގެ %30 ވޯޓާއެކު ވެރިކަމަށް ވަޑައިގެންނެވޭގޮތަށް ޤާނޫނު އަސާސީއަށް އިސްލާހު ހުށަހެޅުއްވުމަށް މަޖިލިސް ރައީސް މުހައްމަދު ނަޝީދު ވަނީ ނިންމަވާފައެވެ.

އަދި އެއްވެސް ކެންޑިޑޭޓަކަށް 30 ޕަސެންޓް ނުލިބިއްޖެނަމަ އެންމެ ގިނަ ވޯޓު ހޯއްދެވި ދެ ކެންޑިޑޭޓުންގެ މެދުގައި ދެވަނަ ބުރެއް ބޭއްވުމަށް ނަޝީދު ވަނީ ހުށަހަޅުއްވާފައެވެ. ރައީސް ނަޝީދުގެ މި އިއްލާހާ ގުޅޭގޮތުން ނޫސްވެރިއަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ޞާލިހު ވިދާޅުވީ ރައްޔިތުންގެ ސާފު އައުލަބިއްޔަތުން ނޫނީ ވެރިކަމަށް އާދެވޭގޮތަށް ތާއީދު ނުކުރާނެކަމަށެވެ. އެމަނިކުފާނު ތާއީދު ކުރައްވާނީ %50އަށްވުރެން މަތިން ވޯޓު ހޯއްދަވާ ބޭފުޅަކަށް ވެރިކަންލިބޭނެ ގޮތަށްކަމަށް ރައީސް ވިދާޅުވިއެވެ.

"30 ޕަސެންޓް ކާމިޔާބުކޮށްގެން އަންނަ މީހަކު ވެރިކަމަށް އައުމަކީ އަޅުގަނޑު ތާއީދުކުރާ ކަމެއް ނޫން. އެއަކަށް އަޅުގަނޑު ތާއީދެއް ނޫން. ވެރިކަމަށް އަންނަން ވާނީ ރައްޔިތުންގެ 50 ޕަސެންޓް ލިބޭ މީހަކު. އެއީ އަޅުގަނޑު ގަބޫލުކުރާ ގޮތް" ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ވެރިކަމުގައި ހުންނަ މީހަކީރައްޔިތުންގެ ސާފު ޢައުލަބިއްޔަތުން އިންތިޚާބު ވާންޖެހޭ މީހަކަަށް ވާންޖެހޭކަމަށެވެ. ރައީސް ނަޝީދުގެ މި ހުށަހެޅުއްވުމާމެދު، ގޮތެއް ނިންމިގެން ދާނީ އޮގަސްޓް މަހު ބާއްވާ އެމްޑީޕީގެ ކޮންގްރެސްގައެވެ.

ޤާނޫނު އަސާސީއަށް ރައީސް ނަޝީދު ގެންނަން ބޭނުންފުޅުވާ ބަދަލުތަކުގެ ތެރޭގައި މިނިވަން މުއައްސަސާތަކުގެ ޢަދަދު އެކުލެވިގެންވާ ގޮތަށް ގެންނަން ޖެހޭ އިސްލާހުތައް ކޮންގްރެސްއިން ފާސްކުރުމާއި، ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ޢަދަދު ގާނޫނު އަސާސީގައި ކަނޑައެޅުމަށާއި، ގާނޫނު އަސާސީގައި ކަނޑައަޅާނެ ލާމަރުކަޒީ އިތުރު އުސޫލްތައް ކަނޑައެޅުމާއި، ވެރިކަމުގެ ނިޒާމް ބަދަލުކުރުމަށް ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ހިމެނެއެވެ.

އަދި ނިޒާމު ބަދަލުކުރުމަށް ފެންނަ ނުފެންނަ ވޯޓް ނަގާނެ ތާރީޚެއް ކަނޑައެޅުމާއި، ފެންނަ ނުފެންނަ ވޯޓުގެ ނަތީޖާއާ އެއްގޮތައް ވެރިކަމުގެ ނިޒާމް ކަނޑައެޅުމަށް ކޮންގްރެސްއިން އެއްބަސްވުންވެސް ރައީސް ނަޝީދުގެ ހުށައެޅުއްވުންތަކުގައި ހިމެނެއެވެ.