ޚަބަރު

އައްޑޫގައި ޒުވާނަކު މަރާލި މައްސަލާގައި 16 އަހަރުގެ ކުއްޖަކު ހައްޔަރުކޮށްފި


އައްޑޫގައި ހިނގި ސިލްސިލާ މާރަމާރީތަކެއްގައި، ފަރުވާ ދެމުންދަނިކޮށް މަރުވި 21 އަހަރުގެ ޒުވާނާގެ މަރުގެ މައްސަލާގައި 16 އަހަރުގެ ކުއްޖަކު ހައްޔަރުކޮށްފިއެވެ.

އައްޑޫ ސިޓީ ފޭދޫގައި ތޫނު އެއްޗަކުން ހަމަލާދީ މި ޒުވާނާ މަރާލާފައިވަނީ މިމަހުގެ ފުރަތަމަ ދުވަހުގެރޭ ހިނގި މާރާމާރީއެއްގައެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މިމައްސަލައާއި ގުޅިގެން އައްޑޫ ސިޓީން 16 އަހަރުގެ ފިރިހެން ކުއްޖަކު ރޭގެ ވަގުތެއްގައި ކޯޓު އަމުރެއްގެ ދަށުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާކަމަށެވެ.

މިމާރާމާރީއަކީ ދެ ގްރޫޕެއްގެ މެދުގައި ހިނގި ހަމަނުޖެހުމަކާއި ގުޅިގެންނާއި، މަސްތުވާތަކެއްޗާއި ގުޅުންހުރި މާރާމާރީއެއްކަން މިހާތަނަށް ބެލި ބެލުމުން އެނގިފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.

އައްޑޫ ސިޓީގެ ރަށުތެރޭގެ އަމަން ނަގާލަން އުޅުނުކަމުގެ ތުހުމަތުގައި 18 އަހަރުގެ 2 މީހަކާއި، 29 އަހަރުގެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ރޭވަނީ ގެންގޮސްފައެވެ. މިދެމީހުން ހައްޔަރު ކޮށްފައިވަނީ ރޭގެ ވަގުތެއްގައި ކޯޓު އަމުރެއްގެ ދަށުންނެވެ.

މިމައްސަލަ ފުލުހުން ތަހުގީގް ކުރަމުންދާ ކަމަށް ވަނީ ވިދާޅުވެފައެވެ.